14 މޭ 2023 - 10:09 0
ބަންގްލަދޭޝާ ދެކޮޅަށް އިއްޔެ އައިއެޗްއެފް ޓްރޮފީ މެޗުގައި ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ރައީސް އޮފީސް
14 މޭ 2023 - 10:09 0
އައިއެޗްއެފް ޓްރޮފީގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ޔޫތު އަދި ޖޫނިއާ ހޭންޑްބޯޅަ ދެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އިއްޔެ ފެށި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލް އެވެ. ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ޔޫތު ޓީމާއި ޖޫނިއާ ޓީމް ވަނީ ބައިވެރިވެފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޔޫތު ޓީމާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ޓީމު ވަނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.
ސަތާރަ އަހަރުން ދަށުގެ ޓީމް ބަލިވީ 10-48 އިންނެވެ. އަދި 19 އަހަރުން ދަށުގެ ޓީމް ބަލިވީ 21-38 އިންނެވެ.
ނައިބު ރައީސް ފައިސަލް އިއްޔެ ގައުމީ ޖޫނިއާ އާއި ޔޫތު ހޭންޑްބޯޅަ ޓީމާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: ރައީސް އޮފީސް
އިއްޔެގެ މެޗަކީ ގައުމީ ޓީމެއްގައި ހިމެނި ޒުވާން ދެ ޓީމުގެ ހުރިހާ ކުޅުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ މެޗަށް ބަލާއިރު ރާއްޖޭގެ ޓީމުން ރަނގަޅު ކުޅުމެއް ދައްކި އެވެ. ވަކިން ހާއްސަކޮށް ގައުމީ 19 އަހަރުން ދަށުގެ އަންހެން ޓީމުން މެޗުގެ ފުރަތަމަ ގޯލު ޖަހައި ރަނގަޅަށް ފެށި އެވެ. އަދި މެޗުގެ ކުރީކޮޅު ލީޑުގައިވެސް އޮތެވެ.
މުބާރާތުގެ ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ މާދަމާ ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
ލީގު ބުރުގެ މެޗުތަކަށް ފަހު ކުރި ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭނެ އެވެ. ތިން ވަނަ އާއި ހަތަރު ވަނަ އަށް ދާ ދެ ޓީމް ވާދަކުރާނީ ބްރޮންޒް މެޑަލް މެޗުގަ އެވެ.
އައިއެޗްްއެފް ޓްރޮފީގައި ވާދަކުރާ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ހަސަން ފަހީމް (ފަހިންޓޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް އަހުމަދު ޒާއިން މުހައްމަދު ހުރިއިރު، މެޑިކަލް އޮފިޝަލަކަށް ފާތިމަތު ސައުޝަން ހަމަޖައްސާފައިވާއިރު، ހެޑް އޮފް ޑެލިގޭޓަކީ ނަޝްފާ އާމިރާ (ނައްފަ) އެވެ. އަދި 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އިސްމާއިލް ޒައިދު ހުރިއިރު، އެސިސްޓަންޓް ކޯޗަކީ މުހައްމަދު ހަސަން އެެވެ. ހެޑް އޮފް ޑެލިގޭޓް އަކީ ހުސެއިން އަޒްހަމް އެވެ. އަދި މެޑިކަލް އޮފިސަރަކީ އައިޝަތު ސުދާ އެވެ.
އިއްޔެގެ މެޗުގެ ކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޓީމާ ބައްދަލުކުރައްވައި، ކާމިޔާބު ހޯދަން ހިތްވަރުދެއްވައިފަ އެވެ.
Comment