13 މޭ 2023 - 13:05 0
13 މޭ 2023 - 13:05 0
ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އައިއެޗްއެފް ޓްރޮފީގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ ޒުވާން ދެ ޓީމްވެސް ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އައިއެޗްއެފް ޓްރޮފީގެ އޭޝިއާ ބައްރުގެ ޒޯން ދޭއްގައި ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޔޫތު ޓީމާއި، 19 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ޓީމް ވާދަކުރާނެ އެވެ.
ކުރިން ހަމަޖެހިފައި އޮތީ މުބާރާތުގައި އަށް ގައުމު ވާދަކުރާ ގޮތަށެވެ. ނަމަވެސް ފަހު ވަގުތު އަފްގާނިސްތާން، ސްރީ ލަންކާ، ބޫޓާން އަދި ޔަމަނުން މުބާރާތުގައި ނުކުޅެން ނިންމުމުން ހަތަރު ގައުމު ވާދަކުރާ ގޮތަށް ހަމެޖެހުނީ އެވެ. މިހާރު އޮތް ގޮތުން ރާއްޖެ، ނޭޕާލް، އިންޑިއާ އަދި ބަންގްލަދޭޝް ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ ކުރި ހޯދާ ދެ ޓީމު ފައިނަލް ކުޅޭ ގޮތަށެވެ. އަދި ތިން ވަނަ އާއި ހަތަރު ވަނަ އަށްދާ ދެ ޓީމުން ތިން ވަނަ ހޮވާ މެޗުގައި ވާދަކުރާނެ އެވެ.
މިއަދު މެންދުރު މުބާރާތް ފަށާނީ ނޭޕާލްއާ އިންޑިއާ ވާދަކުރާ މެޗުންނެވެ. މިއަދު ހަވީރު ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މާދަމާ ރާއްޖެ އިން އިންޑިއާ އާ ދެކޮޅަށް ކުޅޭއިރު ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. ތިން ވަނަ ހޮވާ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. އަދި ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހު އެވެ.
އައިއެޗްއެފް ޓްރޮފީގައި ވާދަކުރުމަށް ގައުމީ ޖޫނިއާ އަދި ޔޫތު އަންހެން ޓީމުން ޕްރެކްޓިސްތައް ފެށި މިދިޔަ މާޗު މަހުގަ އެވެ. ފެބްރުއަރީ މަހު ކުރިއަށްގެންދިޔަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުން ފާހަގަކޮށްލެވުނު ކުޅުންތެރިންނާއިއެކު ސްކޮޑެއް އެކުލަވާލައި މުބާރާތުގައި ވާދަކުރާ ޓީމް ފައިނަލްކުރީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ.
އައިއެޗްްއެފް ޓްރޮފީގައި ވާދަކުރާ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ހަސަން ފަހީމް (ފަހިންޓޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް އަހުމަދު ޒާއިން މުހައްމަދު ހުރިއިރު، މެޑިކަލް އޮފިޝަލަކަށް ފާތިމަތު ސައުޝަން ހަމަޖައްސާފައިވާއިރު، ހެޑް އޮފް ޑެލިގޭޓަކީ ނަޝްފާ އާމިރާ (ނައްފަ) އެވެ. އަދި 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އިސްމާއިލް ޒައިދު ހުރިއިރު، އެސިސްޓަންޓް ކޯޗަކީ މުހައްމަދު ހަސަން އެެވެ. ހެޑް އޮފް ޑެލިގޭޓް އަކީ ހުސެއިން އަޒްހަމް އެވެ. އަދި މެޑިކަލް އޮފިސަރަކީ އައިޝަތު ސުދާ އެވެ.
އައިއެޗްއެފް ޓްރޮފީގައި ބައިވެރިވާ ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ ޓީމު ބަންގްލަދޭޝް އަށް ފުރާފައިވަނީ އިއްޔެ ހެނދުނު އެވެ.
ސަރަހައްދީ މެޑަލް އަށް ޓާގެޓްކޮށްގެން ދުރުރާސްތާ ޕްލޭނަކާއިއެކު ހޭންޑްބޯލް މޯލްޑިވްސް އިން މަސައްކަތްކުރަމުން އަންނައިރު އެ އެސޯސިއޭޝަނުން މިހާރު މަސައްކަތްކުރަމުން އަންނަނީ އައިއެޗްއެފް ޓްރޮފީ އަށްފަހު ވެސް ގައުމީ ހޭންޑްބޯޅަ ޓީމުތަކުގެ ޕޫލް އިތުރަށް ފުޅާކޮށް އަންހެން އަދި ފިރިހެން ޖޫނިއާ ޓީމުތަކުގެ ޓްރެއިނިންތައް ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމެވެ.
Comment