Advertisement

އެސްއޯއީތަކާއި އަމިއްލަ ވިޔަފާރިތައް އިސްލާހު ކުރުމަށް ވޯލްޑު ބޭންކުން 15 މިލިއަން ޑޮލަރުގެ ޕުރޮޖެކްޓެއް

13 މޭ 2023 - 18:20 0


އެސްއޯއީތަކާއި އަމިއްލަ ވިޔަފާރިތައް އިސްލާހު ކުރުމަށް ވޯލްޑު ބޭންކުން 15 މިލިއަން ޑޮލަރުގެ ޕުރޮޖެކްޓެއް

13 މޭ 2023 - 18:20 0

ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ވޯލްޑު ބޭންކުގެ އެގްޒެކެޓިވް ބޯޑުން އިއްޔެ ފާސްކޮށްފި އެވެ.

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގުރޯތު ޕުރޮޖެކްޓުގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕުރޮޖެކްޓުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް ގާނޫނީ އޮނިގަނޑު އިސްލާހުކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް އަދި މާލީ ދެމެހެއްޓެނިވިކަމަށް އެހީތެރިވެދިނުމުގެ ތެރެއިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމުގެ މަސައްކަތައް ކުރުމަށް ނިންމައިފައިވެ އެވެ.

އެ ޕުރޮޖެކްޓުގެ އަމާޒަކީ ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވެދިން ކަމަށް އެ ބޭންކުން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދިނުމާއި އާ މާކެޓުތަކުގައި ވާދަކުރުމަށް އައު، މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.

އެ ބައްދަލުވުމުގައި ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓުރީ ޑިރެކްޓަރު، ފާރިސް އެޗް ހަދާދު ޒާވޮސް ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއި ދުނިޔޭގެ މާހައުލުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި އެކަމުގެ އަސަރު ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކޮށްފައިވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާ ކުރުމަށް ވޯލްޑު ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، މިފަހުން ވަނީ ރާއްޖޭގެ އިގުތިސާދީ ދުވެލި ދަށްވެ ސަރުކާރުގެ ހަރަދުތަކާއި ދަރަނީގެ މައްސަލަތައް ވަރަށް ބޮޑުވެފަ އެވެ. އެ މައްސަލަތައް ހައްލު ކުރުމުގައި ރާއްޖޭން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް އިގުތިސާދީ ކުރިއެރުން ވަރުގަދަކުރަން ކުރާންޖެހޭ އިތުރު މަސައްކަތްތައް ގިނަ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު. -- ފޮޓޯ: އަދަދު


އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް އަވަސްކޮށް ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާއި ހުނަރާއި ވަޒީފާގެ ދަތިކަމާއި ގުދުރަތީ ވަސީލަތްތައް މަދުވުމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވާދަކުރަން ޖެހުން ފަދަ ދަތި އަދި ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ސަރުކާރުން ބުނެ އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް ދިވެހި ސަރުކާރުން ފުޅާ ދާއިރާއެއްގައި ޕްރޮގްރާމެއް ހިންގަމުން އަންނައިރު، ގާނޫނީ އިސްލާހުތަކެއް ގެނެސް، މާލީ ވަސީލަތްތަކާއި ސަރުކާރުގެ ޕުރޮކިއުމަންޓު ފުރުސަތުތައް ތަނަވަސްކޮށްދީގެން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާކުރުމަށް އިސްކަން ދޭ،" ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ސުހައިލް ކާސިމް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ސަބަބުން، މުޅި އިގްތިސާދީ ކުރިއެރުމާއި ވާދަވެރިކަން އަލުން ކޮޅަށް ޖެހުމަށްޓަކައި ނުހަނު ބޮޑަށް ބޭނުންވެފައިވާ މި މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެ."

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވާ 15 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑު ބޭންކުގެ ގޮފި، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.