Advertisement

ޚަލީފާ ޢުމަރުގެ ރިޓަޔަމަންޓް ޕޮލިސީ


ޚަލީފާ ޢުމަރުގެ ރިޓަޔަމަންޓް ޕޮލިސީ

މަދީނާގެ ބާޒާރުމަތީގައި ޚަލީފާ އުމަރުގެފާނު ހިންގަވަމުން ވަޑައިގަންނަވަނިކޮށް، ގައިބާރުދެރަވެ މުސްކުޅިވެފައިވާ ޔަހޫދީއަކު ސަލާންޖަހަން އިން މަންޒަރު ފެނިވަޑައިގަތެވެ. ޢުމަރުގެފާނު އޭނާއާ ކައިރިއަށް ޖެހިވަޑައިގެންފައި ސުވާލުކުރެއްވި އެވެ. ތިބާއީ ކާކުތޯ އެވެ؟ އެ މީހާ ޖަވާބުގައި ދެންނެވި އެވެ. ތިމަންނާއަކީ ޔަހޫދީއަކީމެވެ. ތިމަންނާ ސަލާން މި ޖަހަނީ، ތިޔަބައިމީހުންގެ ދައުލަތަށް ޖިޒުޔަދިނުމަށާއި، ބާކީ ލިބޭ އެއްޗަކުން ތިމަންނާގެ އާއިލާއަށް ހޭދަކުރުމަށެވެ.

މިކަން ވެގެންދިޔައީ އުމަރުގެފާނަށް ވަރަށް އަސަރު ކުރުވި ކަމަކަށެވެ. އަދި ވިދާޅުވި އެވެ. އަހަރެމެންނަށް ތިބާއާމެދު ކަންތައްތައް މިކުރެވެނީ އިންސާފުންކަމުގައި ނުފެނެ އެވެ. އެހެނީ ތިބާ ޒުވާނެއްގެ ގޮތުގައި ހުރިއިރު، ތިބާގެ މަސައްކަތުން ހޯދި އެއްޗަކުން އަހުރެމެން ޖިޒުޔަ ނެގީމެވެ. އެކަމަކު ތިބާ މުސްކުޅިވީ ދުވަހު އަހަރެމެން ތިބާ ދޫކޮށްލައި ނިކަމެތިކޮށްލައިފީމުއެވެ. އެހެން ވިދާޅުވުމަށް ފަހު އެ މުސްކުޅި މީހާގެ އަތުގައި ހިއްޕަވައިގެން އުމަރުގެފާނުގެ ގެކޮޅަށް ވަޑައިގެން އެ މީހާއަށް ކާންދެއްވި އެވެ.

އެއަށްފަހު ދެން އުމަރުގެފާނު ހާޒިރުކުރެއްވީ ބައިތުލްމާލު ބަލަހައްޓާ ފަރާތެވެ. އަދި އޭނާއަށް އަމުރުކުރެއްވި އެވެ. މީނާއަށާއި މީނާއާ އެއްހާލަތުގައި ތިބި އެންމެން ހޯދާ، އެ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ފުދިގެން އުޅެވޭނެ ވަރުގެ މިންވަރެއް ބައިތުލްމާލުން ކަނޑައަޅައިގެން ދެމުން ގެންދާށެވެ! އަދި އޭގެ ތެރޭގައި ދައުލަތަށް ޖިޒުޔަ ދައްކަމުންދާ ޣައިރު މުސްލިމަކު ހުރިނަމަ އެ މީހުން އަތުން ޖިޒުޔަ ނެގުން ހުއްޓާލާށެވެ!

އާދޭހެވެ! އިސްލާމީ ތާރީހު ދައްކާ ރިޓަޔަމަންޓް އެލެވެންސްގެ ފެށުމަކީ މިއީ ކަމަށް ތާރީހު އިލްމުވެރިން ފާހަގަކުރައްވާފައިވެ އެވެ. ދެން އަޅުގަނޑު އެނބުރި ގަންނާނީ އުމަރުގެފާނުގެ މި ހާދިސާއާ ގުޅޭ ބައެއް އިބުރަތްތަކަށެވެ. އެހެނީ މި ހާދިސާއިން ދައްކުވައިދެނީ ހަމައެކަނި ރިޓަޔަމަންޓްގެ އުސޫލުތަކެއް ނޫނެވެ. ނިކަން ވިސްނަވާށެވެ! މަދީނާގެ ބާޒާރުމަތީގައި އޭނދަ ފެންނަނީ ސަލާންޖަހަން އިން ޔަހޫދީއެކެވެ. މަދީނާގައި އޭރު ބާރުހުރީ ވެސް، ގިނައީ ވެސް މުސްލިމުންނެވެ. އޭނާ އެތަނުގައި ސަލާންޖަހަން އިންނާނީ އެތަނުގައި އުޅޭ މުސްލިމުންގެ އަތުން އެއްޗެއް ލިބިދާނެ ކަމުގެ އުންމީދެއް އޮވެގެންކަމާމެދަކު ޝައްކެތް ނެތެވެ. އެ އުންމީދު އޮންނާނީ އެބައި މީހުންގެ މެދުގައި ގާއިމުވެފައި އޮތް އަމާންކަމުގެ ނަތީޖާއިންނޫންތޯ އެވެ. ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ، އުމަރުގެފާނު ރައްޔިތުންގެ ހާލުއަހުވާލު ބައްލަވަން ބާޒާރު މައްޗަށް ނުކުންނަވާ ނުކުންނެވުމެވެ. ރައްޔިތުންގެ ހާލު ކައިރިން ބައްލަވާ ގޮތުގެ ފުރިހަމަކަމެވެ. އަދި އެކަމުގައި ވެސް ވަކި ނަސްލެއް ވަކި ދީނެއްގެ މީހެއް ތަފާތުކުރުމެއްނެތި އިންސާނިއްޔަތުކަމުގެ ނަޒަރުން ބައްލަވައި ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވަމުން ގެންދެވި ގޮތެވެ.

އާންމު އުސޫލަކީ މުސްލިމުންގެ ބިމެއްގައި އުޅޭ ކޮންމެ ޣައިރު މުސްލިމެއްގެ އަތުން ޖިޒުޔަ (ފައިސާ ނުވަތަ މުދަލުގެ ކަނޑައެޅިފައިވާ މިންވަރެއް) ދައުލަތަށް ނަގަމުން ގެންދިއުމެވެ. އޭގެ މަގުސަދާއި ބޭނުން މިހާދިސާއިން ފުރިހަމައަށް ދައްކުވައިދެއެވެ. ޣައިރު މުސްލިމުން އަތުން ނަގާ ޖިޒުޔަނެގުމުގެ މަގުސަދާއި އެ ކޮންސެޕްޓަކީ ކޮބައިތޯ ބަލާއިރު، ޖިޒުޔަ ދެމުންދާ ވަގުތެއްގައި ޣައިރު މުސްލިމް މީހާ މުސްލިމުންގެ ބިމުގައި ހިމާޔަތްކޮށްދިނުމަކީ މުސްލިމުންގެ ވާޖިބަކަށްވެގެންދެއެވެ. ދީނުގެ ދިފާއުގައި ހަނގުރާމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެއްގެ ގޮތުގައި އޮންނަ އަދި އެވާޖިބުއަދާކުރާނީ ވެސް މުސްލިމުންކަމަށްވާހިނދު، އަދި އެކަމަކީ އޭގެ ތަބީއަތުންވެސް ޣައިރު މުސްލިމުން ލައްވައި ލާޒިމުކުރެވޭނެ ކަމެއް ނޫނެވެ. އެހެންވީމާ، އެބައިމީހުންނަށް މުސްލިމުންގެ ބިމުގައި ލިބޭ ހިމާޔަތަށްޓަކައި އަގެއް އޮތުމަކީ، އަދުލުވެރި ގޮތެކެވެ. އަދި އެ އަގު އަދާކުރަމުންދާ ދިއުމަށްވުރެ، މުސްލިމް ދައުލަތެއްގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުން އެދައުލަތް ގަބޫލުކުރާކަމުގެ ވަކީން ބޮޑު އެހެން ރަމްޒަކާއި ނިޝާނެއް އޮންނާނެތޯއެވެ. ޖިޒުޔަ ނެގުމުގެ ނިޒާމަކީ ބައެއް މީހުން ހީކުރާހެން ޣައިރު މުސްލިމުން ނިކަމެތިކޮށްލުމުގެ ބޭނުމަށް ނަގާ އެއްޗެއް ނޫނެވެ. އެކަމުގެ އެންމެ ބޮޑު އެއް ދަލީލު މިހާދިސާއިންވެސް ލިބެއެވެ. މިހާދިސާގައި ޖިޒުޔައާމެދު ޢުމަރުގެފާނުގެ ވިސްނުންފުޅު އޮތްގޮތް ވަރަށް ސާފުކޮށް ފެންނާން އޮންނާތީއެވެ.

މުސްކުޅި ހާލަތަށް ގޮސްފައިވާ އަދި އަމިއްލަ ނަފުސާއި އާއިލާއަށް ހޭދަކުރެވޭނެ ގޮތެއް ނެތް ކޮންމެ މީހަކަށް މުސްލިމުންގެ ބައިތުލްމާލުން އެބައިމީހުންނަށް ފުދިގެން އުޅެވޭނެ ވަރުގެ މިންވަރެއް ކަނޑައެޅުއްވި އުމަރުގެފާނުގެ މިނިންމެވުމަކީ، މުސްލިމުންގެ ދަށުގައި ހުރި ބިންތަކުގައި ދިރިއުޅެމުންދިޔަ އެންމެހާ އާންމުންނަށް އާންމުވާނެ ގޮތުން ކަނޑައެޅުއްވި އުސޫލެއްވެސްމެއެވެ. އެފަދަ އެންމެހާ މީހުން ހޯދައިގެން އެއެމެންނާމެދު އެގޮތަށް އަމަލުކުރެއްވުމަށް ޢުމަރުގެފާނު އެންގެވި އެންގެވުމުގައި ވެސް ވިސްނައިފި މީހަކަށް ފާހަގަވާނެ ކަންކަން ވަރަށް ގިނައެވެ.

އެއްކަމަކީ އޭރުގެ މުސްލިމުންގެ ބައިތުލްމާލު މުއްސަނދިކަމެވެ. ދެވަނަ ކަމަކީ، އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ވެރިން ގޮތް ނިންމަވަންޖެހޭނެ އަވަސްމިނެވެ. ތިންވަނަ ކަމަކީ، ދީނީގޮތުން ކަނޑައެޅިފައި ހުންނަ ވެރިކަމާ ގުޅުންހުރި އުސޫލުތަކަކީ އެކަމުގެ މަގުސަދާއި މާނަ ފުރިހަމަވަމުންދާ ކަމެއްތޯ ނޫންތޯ ވިސްނުން ހިންގަމުން އަބަދުވެސް ގެންދިއުމެވެ. ޖިޒުޔަގެ މައިގަނޑު އެއް މަގުސަދަކީ މުސްލިމް ބިންތަކުގައި ދިރިއުޅޭ މީހުންނަކީ މުސްލިމް ދައުލަތުން ހިމާޔަތް ލިބޭ ބަޔަކުގައި ހެދުމެވެ. އެބައިމީހުން ނިކަމެތިކޮށްލައި އިހާނެތިކޮށްލުމެއް ނޫނެވެ. އެހެން ނޫނަސް މުސްލިމުންގެ ބައިތުލްމާލުގައި ހުންނަ ތަކެއްޗަކީ މުސްލިމުންގެ ޙައްޤު ހަލާލުތަކެއްޗަށްވާއިރު، އެބައިތުލް މާލަށް ވަންނަ ޖިޒީއަކީ ޔަހޫދީއަކު ދޭ އެއްޗެއް ކަމަށްވިޔަސް، ޔަހޫދީއަކު ސަލާންޖަހައިން މުސްލިމުންގެ އަތުން ލިބޭ ލާރިން ޖިޒުޔަދޭ ހިސާބަށް ދިޔައިމާ، ވެރިކަމުގެ ފަރާތުން ޖިޒުޔަ ނެގެމުން އެދަނީ މުސްލިމުންގެ އަތުންކަމަށް ނުވޭތޯއެވެ؟ އުމަރުގެފާނުގެ ހިކުމަތްތެރިކަމާއި އޯގާތެރިކަމާއި ވެރިއަކު ނަމޫނާއެއްގެ ގޮތުގައި ބެލުމަށް އެޝަޚްސިއްޔަތުގެ ފުރިހަމަކަމާއެވެ!