Advertisement

ރޯމާ ފައިނަލުގެ އުންމީދުގައި، ޔުވެންޓަސް އާއި ސެވިއްޔާ އެއްވަރު

12 މޭ 2023 - 07:50 0

ރޯމާގެ ބޯވް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ރޯމާ ފައިނަލުގެ އުންމީދުގައި، ޔުވެންޓަސް އާއި ސެވިއްޔާ އެއްވަރު

12 މޭ 2023 - 07:50 0

ރޯމް (މެއި 12) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުން ބަޔާ ލެވަކޫސަން އަތުން 1-0 އިން މޮޅުވެ ރޯމާ އިން ފައިނަލުގެ އުންމީދު ހޯދިއިރު، އަނެއް ސެމީގައި ޔުވެންޓަސް އާއި ސެވިއްޔާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އަންނަ ހަފްތާގައި ލެވަކޫސަން ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ރޯމާ އަށް ޖެހިޖެހިގެން ދެ އަހަރު ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ. ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ ވަނީ މިދިޔަ އަހަރު ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، ލެވަކޫސަންގެ ހުނަރުވެރި ވިންގް، ފްލޯރިއަން ވްރިޓްޒް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. މި މެޗުގައި ރޯމާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 62 ވަަނަ މިނިޓްގަ އެވެ. މިއީ، ރޯމާގެ ފޯވާޑް ޓަމީ އަބްރަހަމް ޖެހި ޝޮޓެއްގެ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން، އެޑޮއާޑޯ ބޯވް ޖެހި ގޯލެކެވެ. މިއީ އުމުރުން 20 އަހަރުގެ ބޯވް ޔޫރަޕްގެ މުބާރާތެއްގައި ޖެހި ފުރަތަަމަ ގޯލެވެ.

ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަން އަށް މި މެޗުގެ ނަތީޖާ ހަމަހަމަކުރަން 86 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. މިއީ ރޯމާގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ހެދި ގޯހަކުން ލިބިގެންދިޔަ ފުރުސަތެކެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ވެސް ހަތް ވަނަ މިނިޓްގަ އެވެ. ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އިން މެޗުގެ 26 ވަނަ މިނިޓްގައި މޮރޮކޯގެ ފޯވާޑް، ޔޫސެފް އެން-ނެސީރީގެ ގޯލުން ލީޑުނެގި އެވެ. މިއީ ލޫކަސް އޮކަމްޕޯސް ނެގި ހުރަހަކަށް އަރައި، އެން-ނެސީރީ ޖެހި ގޯލެކެވެ.

އިތުރު ވަގުތުގައި ޔުވެންޓަސްގެ ޑަނީލޯ ބޮލުން ޖެހި ބޯޅައެއް ބޭރުވާން ދަނިކޮށް އެ ޓީމުގެ ޕައުލް ޕޮގްބާ އޭރިއާތެރެއަށް ހުރަސްކޮށްލި ވަގުތު ކުޑަ އޭރިއާތެރެއިން ފެޑެރީކޯ ގައްޓީ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ، މުޅި މެޗުގައި ވެސް ޔުވެންޓަސް އިން ގޯލާ ސީދާކޮށް ފޮނުވާލި ދެ ވަނަ ހަމަލާ އެވެ.

ޔުއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގަށް ބަލާއިރު، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ 2-1 އިން އޭޒެޑް އަލްކްމާރް ބަލިކޮށްފަ އެވެ. އަނެއް ސެމީގައި ފިއޮރެންޓީނާ ދަނޑުގައި ބަސެލް މޮޅުވީ 2-1 އިންނެވެ.