Advertisement

ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ގައުމީ ޓީޓީ ޓީމު އިންޑިއާ އަށް

12 މޭ 2023 - 07:57 0

މިދިޔަ އަހަރުގެ ސައުތު އޭޝިއާ ޖޫނިއާ ޓީޓީ މުބާރާތުގެ ޑަބަލްސް މެޗެއްގެ ތެރެއިން ދީމާ އާއި މިޝްކާ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ގައުމީ ޓީޓީ ޓީމު އިންޑިއާ އަށް

12 މޭ 2023 - 07:57 0

އިންޑިއާގައި އަންނަ އާދިއްތަ ދުވަހު ފަށާ ސައުތު އޭޝިއަން ޓޭބަލް ޓެނިސް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޖޫނިއާ ޓީޓީ ޓީމް ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 14-17 އަށް އިންޑިއާގެ އަރުނާޗަލް ސްޓޭޓުގެ އިޓާނަގަރުގައި އޮންނަ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް އެވެ.

ރާއްޖެއިން ވާދަކުރާ ޖޫނިއާ ޓީމްގައި ހިމެނެނީ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އަދި އައިޝަތު ޒާރާ ސާހިލް އެވެ. މި ކުޅުންތެރިންގެ ތެރެއިން ދިމާ، މާލާކް އަދި މިޝްކާ ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް ސަރަހައްދީ ޖޫނިއާ މުބާރާތުގައިވެސް ވާދަކޮށްފަ އެވެ.

ޖޫނިއާ ފިރިހެން ޓީމްގައި ހިމެނެނީ އަޚްޔާރު އަހުމަދު ހާލިދު، މުހައްމަދު ތާބިން ސުޖާއު، ޒީކް ހަސަން ލަތީފް އަދި އުމެއިރު މުހައްމަދު މުއިއްޒު އެވެ. މި ކުޅުންތެރިންގެ ތެރެއިން ތާބިން، ޒީކް އަދި އުމެއިރު ވަނީ މިދިޔަ އަހަރު މުބާރާތުގައި ކުޅެފަ އެވެ.


އަންހެން ކެޑޭޓް ޓީމްގައި ހިމެނެނީ މިޝްކާ، ޒާރާ އަދި އައިޝަތު އަލްސާ ނާފިޒު އެވެ. ފިރިހެން ކެޑޭޓް ޓީމްގައި ހިމެނެނީ އުމެއިރު، އޯން އިބްރާހިމް ލަތީފު އަދި މުހައްމަދު ޒާއިމް އަހުމަދު އެވެ. މިއީ އަލްސާ، އޯން އަދި ޒާއިމް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ޓީމުގެ ކޯޗަކީ ސްރީ ލަންކާގެ އަޝާން އަޝްވިދާ އެވެ. މެނޭޖަރުގެ ގޮތުގައި ސީނިއާ ކުޅުންތެރިޔާ މުހައްމަދު މުންތިފް އަހުމަދު ބައިވެރިވާއިރު، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވެސް ޓީމާ އެކު ބައިވެރިވާނެ އެވެ.

ޖޫނިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ދީމާ، އަޚްޔަރު، ޒީކް އަދި ތާބިން އިންޑިއާ އަށް ދާނީ ކްރޮއޭޝިއާ އިންނެވެ. އެ ކުޅުންތެރިން ތަމްރީން ހަދަމުން އަންނަނީ ކްރޮއޭޝިއާގަ އެވެ. ދާދި ފަހުން ދީމާ ވަނީ ކްރޮއޭޝިއާގައި ކުރިއަށްދިޔަ މުބާރާތެއްގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ޖޫނިއާ ޓީމްގައި ހިމެނޭ މިޝްކާ ތަމްރީން ހަދަމުން އަންނަނީ އިންޑިއާގެ ނިއު ދިއްލީގަ އެވެ. މިޝްކާ އިޓާނަގަރަށްދާނީ ދިއްލީ އިންނެވެ.

ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަކީ ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބި ބައިނަލްއަގްވާމީ މައިދާނަށް ކުޅުންތެރިން ލޯ ހުޅުވެ އެވެ. މިހާރު ރާއްޖޭގެ ގައުމީ ޓީމްގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް ވަނީ ސަރަހައްދީ ޖޫނިއާ މުބާރާތްތަކުގައި ވާދަކޮށް މީގެ ކުރިން ކާމިޔާބީތައް ހޯދާފަ އެވެ.