Advertisement

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި

11 މޭ 2023 - 11:41 0

އެއްބަސްވުން ގާއިމްކުރުމަށް ފަހު އެތުލެޓިކްސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުންތަގިމް (ވ) އާއި އަދަދުގެ ސްޕޯޓްސް އެޑިޓަރު އައްޒާމް.--- ފޮޓޯ: އަދަދު


އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި

11 މޭ 2023 - 11:41 0

މި މަހުގެ 14-19 އަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަކީ ކޮންމެ އަހަރަކުވެސް އެންމެ ގިނަ އެތުލީޓުން ވާދަކުރާ އަހަރުގެ އެންމެ ފޯރިގަދަ މުބާރާތެވެ. އެ ގޮތުން، މި އަހަރު ވެސް 47 ސްކޫލުން ގާތްގަނޑަކަށް 1500 އެއްހާ ކުދިން ވާދަކުރާ މި މުބާރާތުގެ ހަބަރުތަކާއި ފޮޓޯ އަދި ވީޑިއޯ "އަދަދު" ގެ އޮންލައިން އާއި ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުން ޝާއިއު ކުރެވިގެންދާނެ އެވެ.

ރަސްމީ ސިފައެއްގައި ކޮންޓްރެކްޓެއް ނެތް ނަމަވެސް މީގެ ކުރިން ވެސް "އަދަދު" އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ގުޅިގެން ވަނީ އެކި ކަހަލަ މަަސައްކަތްތައް ކުރެވިފަ އެވެ. އެ ގޮތުން ދާދި ފަހުން، މިދިޔަ ފެބްރުއަރީ މަހު ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން (ސާފް) ގެ އަހަރީ އާންމު ޖަލްސާ ކްރޮސް ރޯޑްސްގައި ބޭއްވިގެންދިޔައިރު، އެ އަށް "އަދަދު" އިން ވަނީ ކަވަރޭޖެއް ދީފަ އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަަކީ ރާއްޖޭގެ އެތުލެޓިކްސް އަށް ގިނަ އެތުލީޓުންތަކެއް ނެރެދޭ މުބާރާތަކަށްވާއިރު، ފާއިތުވި އަހަރުތަކުގައި އިންޓަ ސްކޫލް މުބާރާތުން ފާހަގަވެގެންދިޔަ ގިނަ އެތުލީޓުންތަކެއް މި ވަގުތު އެ ތިބީ ގައުމީ ސްކޮޑުގައި ހިމެނިގެން، އެކިއެކި ސްކޮލަޝިޕްތަކުގައި ގައުމުން ބޭރުގައި ތަމްރީން ހަދާށެވެ. އެހެންކަމުން، ރާއްޖޭގެ އެތުލެޓިކްސްގެ މުސްތަގުބަލު ބައްޓަން ކުރަން މުހިންމު ރޯލެއް ކުޅޭ މި ފަދަ މުބާރާތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރުމަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ބޮޑު ވިސްނުމެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މިއީ މިހާތަނަށް އެންމެ ރަނގަޅަށް އެ އެސޯސިއޭޝަނުން ކަންކަން ރާވައިގެން ކުރިއަށްގެންދާ އިންޓަ ސްކޫލް މުބާރާތެވެ. އެ ގޮތުން، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި، "އަދަދު" އާއި "ވަން އޮންލައިން" މަސައްކަތް ކުރާއިރު، މުބާރާތަށް ބޭނުންވާ ވަރުގެ މީޑިއާ ކަވަރޭޖެއް ލިބިގެންދާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.