Advertisement

ގައުމު ގައުމަކަށް ވަނީ ހުނަރުވެރި ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

8 މޭ 2023 - 22:32 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީަސް އޮފީސް


ގައުމު ގައުމަކަށް ވަނީ ހުނަރުވެރި ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

8 މޭ 2023 - 22:32 0

ގައުމު ގައުމަކަށް ވަނީ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

"ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023" ގެ ނަމުގައި މިރޭ ފެށި އާޓް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިން މިއަދު ފަހުރުވެރިވާ ދިވެހިންގެ ސަގާފަތާއި، ދިވެހިންގެ ތާރީހަކީ، ކާބަފައިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމުން އުފެދުނު ގައުމީ ތަރިކައެއް ކަމަށެވެ.

މާދަމާގެ ޖީލަށް ވާރުތަވާން އޮތީ، މިއަދުގެ ހުނަރުވެރި ދިވެހިން ތާރީހުގެ ތެރެއަށް ދޫކުރާ ފަންނުވެރިކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މި ކިޔާ ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތް ތަރައްގީކުރުން. ގައުމީ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުން. ގައުމު، ޤައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން،" ރައީސް ވިދާޅުވި އެވެ.

މިރޭ ފެށި ފެސްޓިވަލްގައި ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރަން ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެ މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކެއްކުންތެރިން ކަމަށް ވިޔަސް، ކުރެހުންތެރިން ނުވަތަ ފޮޓޮގްރާފަރުންނާއި މިޔުޒީޝަނުން ކަމަށް ވިޔަސް، މިއިން ކޮންމެ ފަންނަކީވެސް ގައުމީ ތަރައްގީގައި މިހާރުވެސް ހިއްސާވާ ދާއިރާތަކެއް. ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ޝާމިލުވާ މިދާއިރާތަކުގެ ފަންނުވެރިން އަންނަނީ ގައުމީ ތަރައްގީގައި ވަރަށް ބޮޑު ހިއްސާއެއް ވަމުން،" ރައީސް ވިދާޅުވި އެވެ.

މީގެ ކުރިންވެސް، ކިތަންމެ ފަންނުތަކެއްގެ ހުނަރުވެރިން ރާއްޖޭގައި ތިބި ކަމަށާއި ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ކުރި މަސައްކަތުގެ ތެރޭގައި، އެފަދަ ވަރަށް ގިނަ ހުނަރުވެރި ދިވެހިން ފާހަގަކުރެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެފަދަ ފަންނުވެރި ހުނަރުވެރިން ރާއްޖޭގައި ތިއްބަސް، އެމީހުންގެ ހުނަރުވެރިކަން ދައްކައިލުމުގެ ފުރުސަތު، ދާދި ފަހަކާ ޖެހެންދެން އޮތީ ވަރަށް ހަނި ގޮތަކަށެވެ.

އެހެން ނަމަވެސް ސަރުކާރާއި އަމިއްލަ ފަރާތްތަކުން އިންތިޒާމުކުރާ ތަފާތު މައުރަޒުތަކާއި މިފަދަ ފެސްޓިވަލުތަކުގެ ސަބަބުން، އެ ފުރުސަތު މިހާރު މިއޮތީ ދިވެހި ޒުވާނުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ތަނަވަސްވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.