Advertisement

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވަގުތު ނުލިބޭތީ ނޭޕާލު ކޯޗު ކަންބޮޑުވެފައި

ނޭޕާލްގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ: ކުރިން އިންޑިއާގެ އައި ލީގާއި ސުޕަ ލީގުގައި ވަނީ މަސައްކަތްކޮށްފައި.


ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވަގުތު ނުލިބޭތީ ނޭޕާލު ކޯޗު ކަންބޮޑުވެފައި

އަންނަ ޖޫން މަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނޭޕާލްގެ ގައުމީ ޓީމު ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ކޯޗު ވިންޗެންޒޯ އަލްބާޓޯ އެނީސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި ސާފް ޗެމްޕިއަންޝިޕް އޮތީ އަންނަ މަހުގެ 21 އިން ފެށިގެން ޖުލައި 4 އަށެވެ. މި މުބާރާތުގައި ސާފް ސަރަހައްދުގެ ހަ ގައުމުގެ އިތުރުން ސާފް ސަރަހައްދުން ބޭރުގެ ދެ ގައުމެއް ވާދަކުރާނެ އެވެ. ސާފް ސަރަހައްދުން ކުޅޭ ގައުމުތަކަކީ ރާއްޖެ، ނޭޕާލް، ޕާކިސްތާން، ބޫޓާން، ބަންގްލަދޭޝް އަދި އިންޑިއާ އެވެ.

ފީފާ ސަސްޕެންޝަނެއްގައި އޮތުމުން ސްރީ ލަންކާއަށް ނުކުޅެވޭއިރު، ސާފް ސަރަހައްދުން ދެ ގައުމަކަށް ދައުވަތުދީގެން ކުޅުވަން ސާފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ދެ ގައުމު އަދި ރަސްމީ ސިފައެއްގައި ޔަގީންވެފަ އެއް ނުވެ އެވެ. ދައުވަތު ދީފައިވާ ގައުމުތަކަށް ބަލާއިރު، ތައިލެންޑް ސައުދީ އަރަބިއްޔާ، މެލޭޝިއާ، ޖޯޑަން، ބަހްރޭން، ސިންގަޕޫރު އަދި އިންޑޮނީޝިއާ ވެސް ހިމެނެ އެެވެ. މީގެ ތެރެއިން ދެ ގައުމެއް މި ފަހަރު ސާފްގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކުރި ނޭޕާލުގައި މި ވަގުތު އެ ގައުމުގެ ފުޓްބޯޅަ ލީގު ކުރިއަށްދާތީ މުބާރާތައް ތައްޔާރުވުމުގައި އުނދަގޫތަކެއް އެބަހުއްޓެވެ.

މިހާރު އޮތް ގޮތުން އެގައުމުގެ ފުރަތަމަ ޑިވިޝަން ނިމޭނީ ޖޫން 10 ގަ އެވެ. ލީގު ނިމުމާ އެކު ދެ ދުވަހެއްގެ ތެރޭގައި ނޭޕާލް ޓީމް ފިލިޕީންސް އަށް ފުރާނެ އެވެ. އެ ގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު މުބާރާތުގެ ތިން ދުވަސް ކުރިން އިންޑިއާ އަށް ދާނެ އެވެ.

ނޭޕާލްގެ ކޯޗު ވިންޗެންޒޯ ބުނީ 10 ދުވަސްތެރޭގައި ދެ ދަތުރު ކުރަން ޖެހުމާއި، އެކުވެރިކަމުގެ މެޗެއް ކުޅެން ޖެހޭތީ ޕްރެކްޓިސް ކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. މިދިޔަ ފަހަރު ހޯދި ކާމިޔާބީ ތަކުރާރުކުރަން ބަލާއިރު މިވަރުގެ ކުޑަ ވަގުތުކޮޅަކުން ބޭނުންވާ ފެންވަރަށް ޓީމް ތައްޔާރު ނުކުރެވޭނެ ކަމަށް ކުރިން އިންޑިއާގެ އައި ލީގުގެ ތަށި ހޯދި ކޯޗު، ވިންޗެންޒޯ ވަނީ ބުނެފަ އެވެ.

ވިންޗެންޒޯ ވަނީ ނޭޕާލްގެ ލީގު މިހާރު ނިމެން އޮތް ތާރީހުގެ ދިހަ ދުވަސް ކުރިން މެދު ކަނޑާލަން އެދިފަ އެވެ. އެ ކަމަށް ނޭޕާލްގެ ފެޑެރޭޝަނުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

ސަރަހައްދީ މުބާރާތްތަކުގައި ކުރިއެރުން ހޯދަމުން އަންނަ ނޭޕާލުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނީ 2021 ގައި އެކަންޏެވެ. އޭގެ ކުރިން އެ ޓީމުން ގިނަ ފަހަރެއްގެ މަތިން ސެމީ ފައިނަލުގައި ކުޅެވަނީ ބަލިވެފަ އެވެ.