Advertisement

ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް އޮފީހާ ހިއްސާކޮށްފި

4 މޭ 2023 - 08:46 0

ޕްރެސް ފްރީޑަމް ދުވަހާ ގުޅުވައިގެން ނޫސްވެރިން ބޭއްވި އެއްވުމުގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން


ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް އޮފީހާ ހިއްސާކޮށްފި

4 މޭ 2023 - 08:46 0

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކޮށްފި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި އެކި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ބައިވެރިވި އެވެ.

ނޫސްވެރިންގެ އަޑު އުފުލި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަވަސް ކުރުމަށާއި ކޮމިޓީ މަރުހަލާގައި އޮތް ހާރިޒީ މަސްލަހަތާ ގުޅޭ ބިލުން ނޫސްވެރިން އިސްތިސްނާ ކުރުމަށް ގޮވާލާފައިވެ އެވެ.

އަދި މި އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެކި ގޮތްގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަންކަން ހުއްޓާލުމަށް ވެސް ގޮވާލި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ, 13 ދަރަޖަ ދަށަށް ގޮސްފައިވާއިރު އެކަމުގެ ކަންބޮޑުވުންތައް ވެސް ނޫސްވެރިން ފާޅުކުރިއިރު ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކާ ގުޅޭ މައްސަލަތައް އެއްވެސް ގޮތަކަށް ނުބެލި, އެކަށީގެންވާ އެއްވެސް ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާ ކަމަށް ނޫސްވެރިން ބުނެ އެވެ.

އެއްވުމަށް ފަހު ނޫސްވެރިން ވަނީ ރައީސް އޮފީސް ކައިރިއަށް ގޮސް، ކަންބޮޑުވުންތަކާ ގުޅޭ ސިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ކުރުމަށްޓަކައި އެ އޮފީހާ ހަވާލުކޮށްފަ އެވެ. އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ ފަރާތުން މިއަދު ނެރުނު ރާއްޖެއާ ގުޅޭ ރިޕޯޓު ވެސް ރައީސް އޮފީހާ ހިއްސާކޮށްފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޖޭއޭ އާއި މޯލްޑިވަސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން ގުޅިގެން "ނޫސްވެރިންގެ ސައްލާ" ގެ ނަމުގައި ޕެނަލް ޑިސްކަޝަން ހަރަކާތެއް ވެސް މިއަދު ހަވީރު ވަނީ ފަށައިފަ އެވެ.