Advertisement

މާޒިޔާ ދެއްކީ ޗެމްޕިއަންކަން ހައްގުވާ ވަރުގެ ކުޅުމެއް: އިވާން

3 މޭ 2023 - 07:54 0

ރޭގެ މެޗަށް ފަހު މާޒިޔާގެ ކޯޗު އިވާން ނޫސްވެރިންނަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާޒިޔާ ދެއްކީ ޗެމްޕިއަންކަން ހައްގުވާ ވަރުގެ ކުޅުމެއް: އިވާން

3 މޭ 2023 - 07:54 0

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ރޭ ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވި މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެއްކީ މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމަށް ހައްގުވާ ވަރުގެ ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ބަލްގޭރިއާގެ އިވާން ކޮލޭވް ބުނެފި އެވެ.

މިއީ، މާޒިޔާގެ ތާރީހުގައި އެ ޓީމުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ދެ ވަނަ ފަަހަރެވެ. އެންމެ ފުރަތަމަ 2015 ވަނަ އަހަރު ކާމިޔާބުކުރިއިރު، މިދިޔަ އަހަރު ފައިނަލުގައި ވަނީ ރ. އަލިފުށީ ޓާފް ދަނޑުގައި، 2-1 އިން ކްލަބް ވެލެންސިއާ އަތުން ބަލިވެފަ އެވެ. ހަ އަހަރު ތެރޭ މާލޭގައި ކުޅުނު ފުރަތަމަ ޕްރެޒިޑެންޓްސް ކަޕް ފައިނަލް ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ބޭނުންވަނީ ކުޅުންތެރިންނަށް މަރުހަބާ ކިޔަން. ޝުކުރު އަދާކުރަން އެ ކުޅުންތެރިންނަށް އެއީ ވަރަށް ރަނގަޅު މެޗެއް ހަގީގަތުގައި އެ މީހުން އެ ކުޅުނީ. އެހެންވެ، އިތުރު ވާހަކައެއް ދެއްކުމެއް ނެތް. އެ މީހުން މޮޅުވާންޖެހޭ. ކޮންޓްރޯލް ކޮށްގެން ކުޅެ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ހޯދި. އަހަރެމެން 2-0 އިން މޮޅުވުން ވެސް މިއީ ވަރަށް ރަނގަޅު ސްކޯއެއް. ވަރަށް އުފާވި އަސްލު،" ރޭގެ މެޗަށް ފަހު މާޒިޔާ ކޯޗު އިވާން ބުންޏެވެ.

ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން 2-1 އިން އީގަލްސް ބަލިކުރި އެވެ. އޭގެ ފަހުން، ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި ނަމަވެސް، ގްރޫޕް ފަހު މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން 2-1 އިން ބަލިވި އެވެ. އެކަމަކު، ސެމީ ފައިނަލުގައި 8-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ރޭ އީގަލްސް އަތުން ވެސް ދެ ގޯލުން މޮޅުވީ އެވެ.

ބުރު އަތުން ބަލިވުމަކީ "ވޭކަޕް ކޯލެއް" ތޯ އެހުމުން އިވާން ބުނީ އެ ގޮތަށް ނުދެކޭ ކަމަށާއި ކޮންމެ މެޗެއްގައި ވެސް މާޒިޔާ އިން އައީ ކުރިއެރުން ހޯދަމުން ކަމަށެވެ.

"އަހަރެމެންގެ ވިސްނުމަކީ ވެސް މެޗަކުން މެޗެއް ޑިވެލޮޕް ކުރުން. ކޮންމެ ޓްރެއިނިން އަކުން، ކޮންމެ މެޗަކުން އަހަރެމެން ބޭނުންވަނީ ކުރިއެރުން. މި މެޗުން (ފައިނަލުން) ވެސް މި ފެނުނީ ކުރިއެރުން. އަހަރެން ބުނިން ފެށިއިރު އުނދަގޫތަކެއް ހުންނާނެއޭ. އަނިޔާ އާއި އެހެނިހެން އުނދަގޫތައް ހުރި ކުޅުންތެރިން ވެސް ވަރަށް މަސައްކަތުން އެ ފެނުނީ ކުރިއަރައިގެން އައިތަން،" އިވާން ބުންޏެވެ.

މާޒިޔާ ކުޅުންތެރިން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޕްރެޒިޑެންޓްސް ކަޕަށް ފަހު ހަފްތާއެއްހާ ދުވަސްތެރޭ ދިވެހި ޕްރިމިއާ ލީގު ފަށަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބޭއިރު، އިވާން ބުނީ "ލީގާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ ދެން ހުރި ޓީމުތަކާ ވެސް ކުޅެލާފައި" ކަމަށެވެ.

ރޭގެ މެޗުގައި މާޒިޔާ އަށް ތަފާތު ދައްކައިދީ ކޮންމެ ހާފެއްގެ ފަހު ވަގުތުގައި އެ ޓީމަށް ގޯލު ޖަހައިދިނީ މެދުތެރެ އަށް ކުޅޭ އިބްރާހިމް އައިސަމް އެވެ. އިވާން ބުނީ އައިސަމް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި މެދުތެރޭގައި ކޮންމެ މަގާމެއްގައި ވެސް އޭނާ އަށް މޮޅަށް ކުޅެވޭނެ ކަމަށެވެ.

"އައިސަމް އަކީ ވަރަށް މޮޅު ހުނަރުވެރި ކުޅުންތެރިއެއް. އޭނަ އަށް އުނދަގޫ ކަމެއް ނޫން ތަފާތު މަގާމުތަކަށް ކުޅުމަކީ، މި ވަގުތު އަހަރެމެންނަށް އޮފެންސިވް މިޑްފީލްޑް ކުޅުންތެރިއެއްގެ ބޭނުން ޖެހުނު ކޮންމެ ދަނޑިވަޅެއްގައި މި ފެނިގެންދިިޔައީ އައިސަމް އެ ތަފާތު ދެއްކިތަން. ވަރަށް ރަނގަޅަށް އެކަން ކޮށްފި އޭނަ،" އިވާން ބުންޏެވެ.

ރޭގެ މެޗަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި މާޒިޔާ ކުޅުންތެރިން މުބާރާތުގެ ތަށްޓާ އެކު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވާން ވަނީ އެ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އެއްކޮށް ފިޓްވަމުން އަންނަ ކަމަށް ބުނެފަ އެވެ. މެޗުގެ ކުރީކޮޅުގައި ސަމުއްޓެ އަތުން ދެ ބޯޅައެއް ގެއްލިދިޔައިރު، ފަހުން އޭނާ ވަނީ ފޯމަކަށް އެޅި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"ސަމުއްޓެ އަކީ ވެސް ވަރަށް ތަފާތު ކުޅުންތެރިއެއް. އޭނަގެ ލެވަލް އަކީ ރާއްޖޭން ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް. އޭނަ އަށް މި މެޗުގައި ބޭނުންވި 15 ވަރަކަށް މިނިޓް އޭނަ ހުރި ލެވަލްގައި ކުޅެން ފަށަން. އަހަރެން ވަރަށް އުފަލުން ހުރީ އޭނަގެ ކުޅުން ފެނިފައި. އޭނަ 100 ޕަސެންޓް ފިޓެއް ނޫން. އެކަމަކު، އޭނަ އަކީ ދަނޑުމަތީގައި ކުރަން ޖެހޭ ކަންކަން އެނގޭ އެ ވަރުގެ ވިސްނުންތޫނު ކުޅުންތެރިއެއް. ޓީމަށް ބޭނުންތެރި ކުޅުން ދައްކަން އޭނަ އަށް އެނގޭ،" އިވާން ބުންޏެވެ.

ރޭގެ މެޗުގައި މާޒިޔާ އިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް އެ ޓީމުގެ ކޯޗު އިވާން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.