Advertisement

މެލޭޝިއާ ކައިރިން ތެޔޮ ޓޭންކަރެއްގައި ރޯވެ ތިން މީހުން ގެއްލިއްޖެ

ރޯވި ތެޔޮ ޓޭންކަރުން ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ


މެލޭޝިއާ ކައިރިން ތެޔޮ ޓޭންކަރެއްގައި ރޯވެ ތިން މީހުން ގެއްލިއްޖެ

ކުއަލަ ލަމްޕޫރް، މެލޭޝިއާ (މޭ 2) - މެލޭޝިއާގެ ދެކުނު އައްސޭރިފަށާ ކައިރިން ތެޔޮ ޓޭންކަރެއްގައި ރޯވެ ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ގެބޯންގެ ދިދަ ނަގާފައިވާ ޓޭންކަރުގައި ރޯވެ، ބޯ، ކަޅު ދުން އަރަން ފެށީ ހޯމަ ދުވަހު ޗައިނާއިން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް ކަމަށް މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސިންގަޕޫރުގެ އިދާރާތަކުން ބުނީ އެއީ އެމްޓީ ޕަބްލޯ ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

މެލޭޝިއާގެ އޮފިޝަލުން އޭއެފްޕީއަށް ބުނީ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ އިރު، ބޯޓު އަޑިއަށް ނުދާ ކަމަށާއި ކައިރިން ދަތުރު ކުރާ އެހެން އުޅަނދުތަކަށް ވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އެމްޓީ ޕަބްލޯގެ 25 ކްރޫ މެމްބަރުން ސަލާމަތް ކުރީ މެރީޓައިމް އެޖެންސީގެ ބޯޓަކާއި ކައިރިން ދަތުރު ކުރި ދެ މަނަވަރުންނެވެ. އެހެން ނަމަވެސް ތިން ކްރޫ މެމްބަރުން ވަނީ ގެއްލިފަ އެވެ.

އެ މީހުން ހޯދުމަށް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް އޮފިޝަލުން ބުނެ އެވެ. ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ވަނީ ފަށައިފަ އެވެ.