Advertisement

އާސެނަލް ވެއްޓިއްޖެ، ސިޓީ ލީގުގެ އެއް ވަނަ އަށް

30 އޭޕްރީލް 2023 - 20:17 0

ސިޓީގެ ހާލަންޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


އާސެނަލް ވެއްޓިއްޖެ، ސިޓީ ލީގުގެ އެއް ވަނަ އަށް

30 އޭޕްރީލް 2023 - 20:17 0

ލަންޑަން (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ފުލަމް އަތުން 2-1 އިން މޮޅުވެ، އާސެނަލް ވައްޓާލުމަށް ފަހު ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޖެހިޖެހިގެން ލީގުގައި ހޯދި އަށް ވަނަ މޮޅާ އެކު، ސިޓީ މި ވަނީ ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން އެއް ވަނައިގައި އޮތް އާސެނަލް ދެ ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް ވަނީ 33 މެޗުން 75 ޕޮއިންޓް ލިބިފަ އެވެ.

ލީގުގެ ތިން ވަނައިގައި އޮތީ މިރޭ ފަހަތުން އަރައި، 3-1 އިން ސައުތެމްޓަން ބަލިކުރި ނިއުކާސަލް ޔުނައިޓެޑް އެވެ. ނިއުކާސަލް އަށް ވަނީ 33 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ވަނީ 1-0 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. ޔުނައިޓެޑަށް ވަނީ 32 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖްގައި ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ވަނީ ޕެނަލްޓީ އަކުން އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ ސިޓީގެ ހޫލިއަން އަލްވަރޭޒަށް އޭރިއާތެރެއިން ފުލަމްގެ ޓިމް ރީމް ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ. މި ގޯލާ އެކު ހާލަންޑް މި ވަނީ މުޅި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި 50 ގޯލު ޖަހައިފަ އެވެ. މީގެ ތެެރެއިން ލީގުގައި 34 ގޯލު ޖެހިއިރު، މިއީ ޕްރިމިއާ ލީގުގެ 42 މެޗުގެ ސީޒަނެއްގެ ވެސް ރެކޯޑަކާ ހަމަކުރެވޭ އަދަދެކެވެ. ހާލަންޑަށް އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ސިޓީން ލީޑުނެގި ނަމަވެސް ފުލަމް އިން ކުޅުން ރަނގަޅުކޮށް އެއްވަރުކުރި އެވެ. މެޗުގެ 15 ވަަނަ މިނިޓްގައި ފުލަމް އަށް އެއްވަރުކޮށްދިނީ ކާލޯސް ވިނީޝިއުސް އެވެ. ހެލީ ވިލްސަން ދިން ބޯޅަ ވިނީޝިއުސް ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެެވެ.

މި މެޗުން ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ 36 ވަނަ މިނިޓްގައި އަލްވަރޭޒް އެވެ. އަލްވަރޭޒް މި މެޗުގައި ކުޅުނީ އަނިޔާގެ ސަބަބުން މި މެޗު ގެއްލުނު، ކެވިން ޑި ބްރޭނާގެ ބަދަލުގަ އެވެ. ސިޓީ މޮޅުވި ގޯލަކީ އަލްވަރޭޒް ޖެހި މޮޅު ގޯލެކެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެެވެ.

އެސްޓަން ވިލާ ކޮޅަށް ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭސް އެވެ. ވިލާ އަށް އެއްވަރުކޮށްދޭން ޑަގްލަސް ލުއީޒް ޖެހި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފް ވަނީ ގޯލު ރޮނގުމަތިން ސަަލާމަތްކޮށްފަ އެވެ.

ސްޓުއާޓް އާމްސްޓްރޯންގްގެ ގޯލުން ސައުތެމްޓަން ލީޑުނަގާފައިވަނިކޮށް ނިއުކާސަލް އިން ވަނީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. ނިއުކާސަލްގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ކަލުމް ވިލްސަން އެވެ. އަނެއް ލަނޑަކީ ސައުތެމްޓަންގެ ތެއޯ ވޮލްކޮޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.