29 އޭޕްރީލް 2023 - 11:15 0
ރައްޔާން މުހައްމަދު
ޗެޓްޖީޕީއަށް ގެނެސްފައިވާ ބަދަލުތަކަށް އެގައުމުން ވަނީ މަރުހަބާ ކިޔައިފަ. ނަމަވެސް އިތުރު ޕްރައިވެސީ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އެދިފަ،
29 އޭޕްރީލް 2023 - 11:15 0
ޔޫޒަރުންގެ ޕްރައިވެސީގެ ކަންބޮޑުވުންތަކަކާއި ހެދި ޗެޓްޖީޕީޓީ ބޭނުންކުރުން މަނާކުރި އިޓަލީ އިން އެ ހިދުމަތް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި އެވެ.
އިޓަލީ އިން މި ހުއްދަ އަލުން ދީފައިވަނީ ޗެޓްޖީޕީޓީގެ މައި ކުންފުނި އޯޕެން އޭއައި އިން މިހަފްތާތެރޭ އެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނައުމުންނެވެ. އެގޮތުން, އެކުންފުނިން ވަނީ މިހަފްތާގެ ބުދަ ދުވަހު ޗެޓްޖީޕީޓީގެ ޕްރައިވެސީ އާއި ޔޫޒަރުންގެ ޑޭޓާ ބޭނުންކުރާގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ.
ޔޫޒަރުންނަން މިހާރު ޗެޓްޖީޕީޓީ ބޭނުންކުރާ އިރު އެމީހުން ދައްކާ ވާހަކަތައް، ރައްކާކޮށް ރިސާޗަށް ބޭނުން ނުކުރުމަށް އެދެވޭނެ އެވެ. އަދި, ރެޖިސްޓާ ކުރާ ފަރާތުގެ އުމުރު ކަށަވަރުކުރާ ޓޫލް އެއްވެސް އެކުންފުނިން ވަނީ ތައާރަފުކޮށްފަ އެވެ.
އޭގެ އިތުރުން ޗެޓްޖީޕީޓީގެ މޮޑެލް ޓްރެއިން ކުރުމަށް ބޭނުންކުރާ މައުލޫމާތު ދޭން ޔޫރަޕިއަން ޔޫނިއަންގެ ޔޫޒަރުންނަށް ދެކޮޅުހެދޭނެ އެވެ. އެކަމަށް އެދެވޭ ފޯމެއް ވެސް ވަރަށް އަވަހަށް ތައާރަފުކުރާނެކަމަށް އޯޕެން އޭއައި އިން ބުނެފައިވެ އެވެ.
އިޓަލީ އިން ޗެޓްޖީޕީޓީ މަނާކުރަމުން އެގައުމުން ބުނެފައިވަނީ އެ ހިދުމަތަކީ 13 އަހަރުން މަތީގެ ފަރާތްތަކަށް ބޭނުންކުރަން ކަނޑައަޅާފައިވާ ހިދުމަތެއް ނަމަވެސް، ޔޫޒަރުންގެ އުމުރު ދެނެގަތުމަށް ޗެޓްޖީޕީޓީ އިން ފެއިލް ވެފައިވާ ކަމަށެވެ. އަދި, މިހާރު ގެނެސްފައިވާ ބަދަލުތަކަށް އެގައުމުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް, އަދިވެސް އިތުރު ޕްރައިވެސީ ފިޔަވަޅުތައް އެޅުމަށާއި ޔޫޒަރުންގެ މައުލޫމާތު ބޭނުންކުރާ ގޮތާއި މެދު އިޓަލީގެ ރައްޔިތުން ހޭލުންތެރިކުރުމަށް އެގައުމުން ވަނީ އެދިފަ އެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ލޯންޗް ކުރި ޗެޓްޖީޕީ އަކީ މިވަގުތު އެތައް މިލިއަން ބައެއް ބޭނުންކުރަމުން އަންނަ ހިދުމަތެކެވެ. އަދި, މައިކްރޯސޮފްޓްއިން ވަނީ އެތައް ބިލިއަން ޑޮލަރެއް ޗެޓްޖީޕީޓީއަށް ހަރަދުކޮށް އެކުންފުނީގެ "ބިންގް" ގައި ވެސް އެހިދުމަތް ބޭނުންކުރެވޭ ގޮތް ހަދާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި މައިކްރޯސޮފްޓް އޮފީސް އެޕްތަކަށް ވެސް މި ހިދުމަތް ތައާރަފުވާނެ އެވެ.
ޗެޓްޖީޕީޓީ އާއި މެދު ކަންބޮޑުވުން ފާޅުކުރި ފުރަތަމަ ގައުމަކަށް އިޓަލީ ވި އިރު، އެ ހިދުމަތަށް ލިބެމުން އަންނަ އަވަސް މަގުބޫލުކަމާއެކު އެތައް ގައުމުގެއް ގާނޫނާއު ގަވާއިދުތައް ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަން ވަނީ ޗެޓްޖީޕީއަށް ލިބިފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން ވަނީ ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ ކުންފުނިތަކުން ކޮޕީރައިޓެޑް ކޮންޓެންޓް ބޭނުންކުރޭތޯ ބެލުމަށް ގާނޫނެއް ހެދުމަށް އެއްބަސްވެފަ އެވެ.
Comment