Advertisement

އޭޝިއާ މުބާރާތް ކާމިޔާބު: ޒަޔާންގެ ވިސްނުން އޮލިމްޕިކްސް ކޮލިފިކޭޝަނަށް

28 އޭޕްރީލް 2023 - 10:10 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އޭޝިއާ މުބާރާތް ކާމިޔާބު: ޒަޔާންގެ ވިސްނުން އޮލިމްޕިކްސް ކޮލިފިކޭޝަނަށް

28 އޭޕްރީލް 2023 - 10:10 0

އޭޝިއާގެ އެންމެ ވަރުގަދަ އެއް ބެޑްމިންޓަން މުބާރާތް، ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްގެ މެއިން ޑްރޯ އަށް ކޮލިފައިވުމުން އެ މުބާރާތަށް ކަނޑައެޅި ޓާގެޓެއް ހާސިލްވި ކަމަށާއި މި މުބާރާތާ އެކު އަންނަ އަހަރު ޕެރިސްގައި ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ އުންމީދު އާވެފައިވާ ކަމަށް ރާއްޖޭގެ ބެޑްމިންޓަން ތަރި، ޒަޔާން ޒަކީ ބުނެފި އެވެ.

ޒަޔާން ވަނީ ފިރިހެން ސިންގަލްސްގެ ކޮލިފައިން ބުރުގައި ބްރުނާއީ ދާރުއްސަލާމްގެ ކާ ކިޓް ކާން އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެފަ އެވެ. ޒަޔާން ފުރަތަމަ ސެޓު 21-11 އިން ގެންގޮސްފައިވަނިކޮށް، ކާ ވަނީ ދެ ވަނަ ސެޓު 16-21 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. އެކަމަކު، ނަތީޖާނެރެން ކުޅުނު ސެޓުގައި ކާ އަތުން ޒަޔާން ވަނީ 21-15 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ޔުއޭއީގެ މުހައްމަދު ފަލަމަރްޒީ އަތުން ޒަޔާން މޮޅުވީ 21-05، 21-05 އިންނެވެ.

ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުގައި ޒަޔާން ނުކުތީ ޖޯޑަންގެ ބަހާއްދީން އަހުމަދު އަލްޝާނިކާ ދެކޮޅަށެވެ. އެ މެޗުން ޒަޔާން ބަލިވީ 21-11، 21-13 އިންނެވެ. ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، ސިންގަލްސްގައި ބަހާއްދީން އޮތީ 102 ވަނައިގަ އެވެ. ޒަޔާން އަކީ ސިންގަލްސް އަށް ބަލާއިރު، ދުނިޔޭގެ ރޭންކިންގެ 330 ވަނަ އެވެ.

ދުބާއީގައި ހުރެ، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭޝިއާ ޗެމްޕިއަންޝިޕް އަކީ މި ބައްރުގެ އެންމެ ބޮޑު މުބާރާތް ކަމަށްވުމުން މި އަށް ނުކުތްއިރު ވެސް އެންމެ ކުޑަ ޓާގެޓެއްގެ ގޮތުގައި ވިސްނާފައި އޮތީ މެއިން ޑްރޯ އަށް ކޮލިފައިވުން ކަމަށެވެ.

"މި މުބާރާތުން މި ލިބުނު ދެ މޮޅާ އެކީ ލިބޭ ޕޮއިންޓުން އިންޝާﷲ ޕެރިސް 2024 އޮލިމްޕިކްސް ކޮލިފިކޭޝަން ޕްރޮސަސް އަށް ވަރަށް ބޮޑު އެހީ އަކަށްވާނެ،" ރިވައިވަލް ސްޕޯޓްސް ކްލަބްގެ އިސް ކުޅުންތެރިޔާ ޒަޔާން ބުންޏެވެ.

"ޓާގެޓަކީ އަދިވެސް އިތުރަށް މަސައްކަތް ކޮށްގެން މި އަހަރު ހުރި މުބާރާތްތަކުގައި އިތުރު ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދައިދިނުން،"

ޒަޔާން ބުނީ ފާއިތުވި މަސްތަކުގައި ގައުމުން ބޭރުގައި ކުރި ޓްރެއިނިންތަކުގެ ނަތީޖާ އޭޝިއާ ޗެމްޕިއަންޝިޕްގައި ފެނުނު ކަމަށެވެ. އަދި މިހާރު ހުރި ހިސާބުން ހުއްޓުމެއް ނުގެނެސް ކުރިއަށް ވިސްނައި، ދެން ހުރި މުބާރާތްތަކަށް ފޯކަސްކޮށް ގައުމަށް ރީތި ނަން ހޯދައިދޭން ބޭނުންވާ ކަމަށް ޒަޔާން ބުނެފައިވެ އެވެ.