Advertisement

ހޫނުން ގައިދީން ސަލާމަތް ކުރަން ޖަލު ގޮޅިތައް ފިނި ކުރަން އިލްތިމާސްކޮށްފި

27 އޭޕްރީލް 2023 - 20:19 0

މާފުށި ޖަލު: އެޗްއާރްސީއެމުން ބުނީ އާންމު ދުވަހެއްގައި ވެސް ގޮޅިތައް ހޫނުގަދަ ކަމަށް -- ފޮޓޯ: ފައިލް


ހޫނުން ގައިދީން ސަލާމަތް ކުރަން ޖަލު ގޮޅިތައް ފިނި ކުރަން އިލްތިމާސްކޮށްފި

27 އޭޕްރީލް 2023 - 20:19 0

އިހުސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ޖަލު ގޮޅިތައް ފިނި ކުރަން މަސައްކަތް ކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ޖަލު ގޮޅިތަކާއި ބަންދު މަރުކަޒުތަކަށް ކުރާ ޒިޔާރަތްތަކުން "އާންމު ދުވަހެއްގަައި ވެސް [ގޮޅިތައް] ހޫނު ގަދަކަން ފާހަގަވެފައިވާ" ކަމަށެވެ.

އެޗްއާރްސީއެމުން އެދިފައި ވަނީ ހޫނުމިން މަތިވަމުންދާ މިންވަރަށް ރިއާޔަތް ކުރުމަށްފަހު އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ފުލުހުންނާއި ކަރެކްޝަނަލް ސާވިސާސްގެ "ކެރިފޯރުންތެރިކަން ހުރި މިންވަރަކުން" ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ވެސް އެޗްއާރްސީމުން އެދެ އެވެ.

ޖަލު ގޮޅިތައް ފިނި ކުރަން އެޗްއާރްސީއެމުން ގޮވާލިއިރު އދ. އިން ރާއްޖޭގެ ޖަލުތަކަށް ޒިޔާރަތް ކުރުމަށްފަހު އެތަންތަނުގެ ވެންޓިލޭޝަން ނެތުމުގެ ޝަކުވާކޮށްފައިވެ އެވެ. އަދި ގޮޅިން ބޭރަށް މީހުން ނުނެރުމާއި ފިތިބާރުވެގެން ގައިދީން ގޮޅީގައި ތިބެންޖެހޭތީ ކަންބޮޑުވުން ފާޅު ކުރި އެވެ.

"ބަންދުކޮށްފައި ތިބޭ ބައެއް މީހުންނަކީ ގޮޅިން ނުނެރޭ މީހުން. ބައެއް މީހުން ގޮޅިން ނެރެނީ މަހަކު އެއް ފަހަރު. މި މޫސުމުގައި، ގޮޅިއެއްގައި އެތައް މީހުންނަކާއެކު ތިބެންޖެހެނީ. މިއީ އިންސާފުތޯ؟،" ގާނޫނާ ހިލާފް ބަންދުގެ މައްސަލަތައް ބެލުމަށް ހާއްސަ އދ. ގެ އެ ކޮމެޓީގެ ޗެއާ ޑރ. އެލީނާ ސްޓެއިނާޓް ޑިސެމްބަރު، 2021، ގައި ވިދާޅުވެފައިވެ އެވެ.

މޫސުން ލަފާ ކުރާ އިދާރާއިން ބުނެފައި ވަނީ މި ހިނގަމުންދާ މެއި މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށެވެ. އެހެން ބުނެފައި އޮއްވައި، މިދިޔަ ހޯމަ ދުވަހު މާލެއިން ވަނީ ރިކޯޑު މިންވަރަކަށް ހަކަތަ ބޭނުންކޮށްފަ އެވެ.

"މާލެ އާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން މިވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ އެވެ. އެގޮތުން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި އަޅުގަނޑުމެންގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަ ކުރެވޭ،" ސްޓެލްކޯއިން ބުނެފައިވެ އެވެ.