27 އޭޕްރީލް 2023 - 14:20 0
މުހައްމަދު އުޝާމް
މެންބަރު އާދަމް ޝަރީފް؛ ރައީސް ޔާމީންގެ ޝަރީއަތް ލައިވްނުކުރަން އުޅޭ މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅައިފި - ފޮޓޯ: މަޖިލިސް
27 އޭޕްރީލް 2023 - 14:20 0
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، ހެކިބަސް ނެގުމުގެ މަރުހަލާގެ އަޑުއެހުންތައް ލައިވްނުކޮށް ކުރިއަށް ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް މިދިޔަ އާދީއްތަ ދުވަހު ފޮނުވި ސިޓީއެއްގައި ޝަރީއަތް ލައިވް ނުކުރުމުގެ އިތުރުން ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ޝަރީއަތް ނިންމަން އުޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
އެ މައްސަލާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބެން ވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
"ރައީސް ޔާމީންގެ ޝަރީއަތްތައް ފުލުފުލުގައި ތާވަލުކުރަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ހިލާފަށް، ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ހައްގުން މަހުރޫމު ކޮށްގެނެވެ. ވީމާ މި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީން ބައްލަވައިދެއްވުން އެދެން،" ސިޓީގައިވެ އެވެ.
ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށް ޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް ލިބޭން ވާނެ އެވެ. އަދި އެ މީހަކު އިހުތިޔާރު ކުރާ ގާނޫނީ ވަކީލަކާއެކު މަޝްވަރާ ކުރުމަށް ފުރުސަތު ދޭން ވާނެ އެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް މިއަދު ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވެ އެވެ. އެއީ ޝަރީއަތް ފެށުމަށް ދައުލަތުގެ ފަރާތުންނާއި ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅަން ބޭއްވި އަޑުއެހުމެކެވެ.
ނަމަވެސް ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަނެ ކުރިއަށް ގެންދިއުމަށާއި ދައުލަތުން އެދިގެން ސިއްރުކޮށްފައިވާ ބައެއް ހެކިތައް ހާމަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފުކޮށްފައިވާތީ މިއަދު އިފްތިތާހީ ބަޔާން ކުރިއަށް ނުގެންދާން ޔާމީންގެ ފަރާތުން އެދުނެވެ.
ޔާމީންގެ ފަރާތުން ތަކުރާރުކޮށް އެ ކަމަށް އެދުމުން މިއަދު އިފްތިތާހީ ބަޔާން ހުށަހެޅުން ކުރިއަކަށް ނުގެންދެ އެވެ. އިފްތިތާހީ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކުވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީ އެވެ.
އޭގެ އިތުރަށް، ހެކިބަސް ނެގުމުގެ މަރުހަލާ ލައިވް ނުކުރަން ގަސްތު ކުރައްވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
ޔާމީން ވަނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެވޭ ވަރު މަދުވުމުން ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ކައިރިކައިރީ އަޑުއެހުންތަކެއް ތާވަލުކުރާއިރު ވަކީލުންނާއެކު މައްސަލަ މުތާލިއާކޮށް، މަޝްވަރާކުރަން އެކަށީގެންވާ ވަގުތު ލިބިގެން ނުދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މައްސަލާގައި ދެން ދައުވާކޮށްފައިވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.
Comment