Advertisement

ހައްލު ހޯދައި މާޒިޔާގެ ކޯޗު އިވާން އިތުބާރާ އެކު

27 އޭޕްރީލް 2023 - 12:56 0

މާޒިޔާގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ކޯޗު އިވާން.--- ފޮޓޯ: އަަދަދު


ހައްލު ހޯދައި މާޒިޔާގެ ކޯޗު އިވާން އިތުބާރާ އެކު

27 އޭޕްރީލް 2023 - 12:56 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މި ވަގުތު ހުރި އަނިޔާގެ މައްސަލަތަކާއި އެ ޓީމުގެ އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ސަބަބުތަކުގެ ހައްލު ހޯދައި، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް މާޒިޔާ ކޯޗު އިވާން ކޮލޭވް ބުނެފި އެވެ.

އިވާންގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން ޗެރިޓީ ޝީލްޑް މެޗުގައި 2-1 އިން މޮޅުވެފަ އެވެ. އޭގެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި 2-0 އިން ޓީސީ އަތުން މޮޅުވި ނަމަވެސް، އެ މުބާރާތުގެ ދެ ވަނަ މެޗުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.

މާޒިޔާ އިން މި ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗަށް ބަލާއިރު، ވެސް އެ ޓީމުގެ އަސްލު ލެވަލްގައި ދެ ނުކުޅެވޭ ކަމަށް ގިނަ ބަޔަކު ބުނާއިރު، އިވާން އެކަންކަމާ އެއްބަސްވެ، ހުރި ގޮންޖެހުންތަކުގެ ވާހަކަ ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ހިއްސާކޮށްފަ އެވެ.

މިރޭގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވާން ބުނީ ސަސް މެޗަށް ތައްޔާރުވަނީ "ވަރަށް ސީރިއަސް" ކަމާ އެކީގައި ކަމަށާއި އެންމެ ފަހުން ބުރާ ދެކޮޅަށް ކުޅެގެން ބަލިވި މެޗުގެ އެނަލައިސިސްތަކެއް ހަދާފައިވާނެ ކަމަށެވެ.

އެ ގޮތުން މިހާރު އޮތް ހާލަތުން އަރައިގަންނަން ބަލާއިރު، މާޒިޔާ އަށް މައިގަނޑު ދެ ގޮންޖެހުމެއް އެބައޮތް ކަމަށް އިވާން ފާހަގަކޮށްފައިވެ އެވެ. އެއީ އަނިޔާގެ މައްސަލަތަކާއި ލިބޭ ފުރުސަތުތައް ނިންމައިނުލެވި، ޕްރެޝަރުގައި ކުޅެން ޖެހުމުން ގޯސް ހެދޭ ކަމުގެ މައްސަލަތަކެވެ.

"ފުރަތަމަ ކަމަކަށް ފާހަގަވީ އަހަރެމެންގެ ފުރަތަމަ އެގާރަ. އޭގެ ތެރެއިން ހަ ކުުޅުންތެރިން، އެކި ކަންކަމުގައި މި ތިބީ. ސަމުއްޓޭ އާއި ނޫމްބެ އަނިޔާގައި. ސެންޓޭ ވެސް 100 ޕަސެންޓް ފިޓެއް ނޫން. ބިދޭސީ ތިން ކުޅުންތެރިން ވެސް މި ތިބީ ރެޑީކޮށެއް ނޫން. މި ދައްކަނީ ޓީމުގެ ފުރަތަމަ އެގާރައިގެ ދެބައިކުޅަ އެއްބައި މަދުކޮށް ނުކުންނަން ޖެހޭ ވާހަަކަ،" އިވާން ބުންޏެވެ.

"އަހަރެމެންގެ މައްސަލަ އެބައުޅޭ ލަނޑު ނުޖެހޭތީ. ބާކީ ބައިގައި ރަނގަޅަށް މަސައްކަތް ކޮށްފައި ލަނޑު ނުޖެހުމަކީ މާ ބޮޑު މައްސަަލައެއް. އެހެންވެ، މި މައްސަލަަތައް މި ފެންނަނީ. އުންމީދަކީ ވީ އެންމެ އަވަހަށް ޓީމު ފުރިހަަމަވެގެން މި މައްސަލަތަކަށް ހައްލެއް ލިބުން. ގޭމް އިމްޕްރޫވްކުރަން ޖެހޭ،"

އިވާން ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކަށް ވެސް އިހުތިރާމް އޮންނާނެ ކަމަށެވެ. އެކަމަކު، މެޗުގެ ހާލަތާއި އޮއެވަރު ދާ ގޮތުން އިހުތިރާމް ގެއްލޭ ކަންތައްތައް ކުރިމަތިވާ ކަންކަން ވެސް ދިމާވާނެ ކަމަށާއި އެ ވަގުތުތަކުގައި މާޒިޔާ އިސްކުރާނީ މޮޅުވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ވިސްނުން ކަމަށް އިވާން ވަނީ ބުނެފަ އެވެ.

"އިދިކޮޅު ޓީމުތަކުން ހާއްސަކޮށް މާޒިޔާ ވީމަ ވަރަށް ވަރުގަދަ އަށް ވެސް އެބަކުޅޭ. ދެން ވަގުތު ދުއްވާލައިގެން ވެސް އަހަރެމެން ކުޅުނަނުދޭން މަސައްކަތް އެބަކުރޭ. އެއީ އެ މީހުންގެ ޓެކްޓިކްސް، އެ މީހުންގެ ޕްލޭން. އެ ހުރިހާ ކަމަކަށް ބަލައިގެން ރަނގަޅު ފުޓްބޯޅަ އެއް ކުޅެވޭތޯ ބަލަންވީ،" އިވާން ބުންޏެވެ.

ބުރު އަތުން ބަލިވުމަށް ފަހު ހުރިހާ ކުޅުންތެރިން އާ ހިތްވަރަކާ އެކު މަސައްކަތްކޮށްގެން، މިރޭ ސަސް އަތުން މޮޅުވާން ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އިވާން ވަނީ ބުނެފަ އެވެ.

ސަސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.