27 އޭޕްރީލް 2023 - 11:36 0
މުހައްމަދު އުޝާމް
ރައީސް އަބްދުﷲ ޔާމީން؛ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ ބޮޑުބައެއް ލައިވްނުކުރުމުގެ ވިސްނުން އޮތުމުން އޭގެ ކަންބޮޑުވުން ފާޅުކުރި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
27 އޭޕްރީލް 2023 - 11:36 0
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، ހެކިބަސް ނެގުމުގެ މަރުހަލާގެ އަޑުއެހުންތައް ލައިވްނުކުރަން ގަސްތު ކުރައްވާ ކަމަށް މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެ އެވެ.
ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާއެކު ކްރިމިނަލް ކޯޓުގައި ގޮތެއް ނިންމައި ޝަރީއަތް ފެށުމަށް މިއަދު ހަމަޖެހިފައި އޮތް ނަމަވެސް، އެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ ޔާމީންގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން ހުށަހެޅުން މިއަދު ކުރިއަށް ނުގެންދެ އެވެ.
ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން ވާހަކަ ދައްކަން ޔާމީނަށް ގާޒީ ދެއްވި ފުރުސަތުގައި، "އަވަސް އަރުވާލައިގެން" ޝަރީއަތް ކުރިއަށް ނުގެންދިއުމަށާއި ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރުމަށް އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން ގާޒީ ނަދީމް ވިދާޅުވީ ހެކިބަސް ދިނުން ލައިވްކޮށްފިނަމަ ހެކިބަސް ތައްޔާރު ކުރުމަށް ފުރުސަތު އޮތުމުގެ އިހުތިމާލެއް އެބަ އޮތް ކަމަށެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮވެދާނެތީ، އިންސާފަށް ހުރަސް އެޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާއަށް ފަހު އަޑުއެހުންތައް ލައިވްކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީގެ މި ނިންމެވުމާއެކު ވެސް ވާހަކަ ދައްކަން ފުރުސަތަކަށް ޔާމީން އެދިވަޑައިގަތެވެ. އަދި އެ ފުރުސަތު އެމަނިކުފާނަށް ދެއްވި އެވެ. ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު އެދުމަކީ ހެކިބަސް ނެގުން ލައިވް ކުރުމަށެވެ.
"އަޅުގަނޑަކީ އެތައް ހާސް ރައްޔިތެއްގެ ހައްގުތައް އުފުލާ މީހަކަށް ވާތީވެ ތަކުރާރުކޮށް މި ދަންނަވަނީ، ހެކިބަސް ނަގާ ނެގުން ހާއްސަކޮށް ލައިވްކުރަން،" ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އަދި ހުންނެވި ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު މައްސަލައާ ގުޅިގެން މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ހިންގި ދެ ޝަރީއަތް ވެސް ލައިވްކޮށްފައިވެ އެވެ. އޭރު ޝަރީއަތަށް ނުލިބޭ އުނިކަމެއް ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަތަކަށް ފަހު ގާޒީ ވިދާޅުވީ އެއީ މި ވަގުތަށް ޝަރީއަތުގެ ވިސްނުން އޮތް ގޮތް ކަމަށެވެ. އަދި އެ ވިސްނުން ފަހުން މުތާލިއާ ކުރެވިދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ބަލައިނުގަތުމަށާއި، ދައުލަތުން އެދިގެން ސިއްރުކޮށްފައިވާ ހެކިތައް ހާމަކޮށްދިނުމަށް އެދި އެވެ.
ޔާމީން ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ޝަފައީ ހެކިންގެ ހެކިބަސް ނެގުން ލައިވް ކުރުމަށް އެދޭ އެންމެ ބޮޑު ސަބަބަކީ މީގެ ކުރީގެ ޝަރީއަތްތަކުގައި ވެސް އެ ހެކިބަހުގައި ބުރަދަނެއް ނެތް ކަން ލައިވްކުރުމުން ދިވެހި ރައްޔިތުންނަށް އެނގިގެން ދިޔުމުން ކަމަށެވެ.
"ހުށަނޭޅޭ ހެކިތަކެއް ހުށަހަޅައިގެން މީގެ ކުރިން ވެސް އަޅުގަނޑުގެ އަބުރު ކަތިލުން ނޫން ކަމެއް ނުކުރޭ، ދެން ވެސް އެ ގޮތަށް ކުރިއަށް ގޮސްފިއްޔާ އެ ނޫން ނަތީޖާއެއް ނުނުކުންނާނެ،" ޕީޕީއެމްގެ ޓިކެޓުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވަން ގަސްތުކުރައްވައިގެން ހުންނެވި ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަކަށް ނެތެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެ ގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
Comment