27 އޭޕްރީލް 2023 - 12:36 0
27 އޭޕްރީލް 2023 - 12:36 0
ހޫނު ގަދަ ދުވަސްވަރެއްގެ ހަވީރު ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލް މެޗު ކުޅެން ޖެހުމަކީ އީގަލްސް އިން ކުޅެން ބޭނުންވާ ހައި އިންޓެންސިޓީ ގޭމް ކުޅެން އުނދަގޫވާނެ ކަމެއް ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި މިއަދު ހަވީރު އީގަލްސް ނިކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިއީ މުބާރާތުގައި ވެސް އަދި މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވެސް ހަވީރު ވަގުުތު މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ. ރޯދަމަސްތެރޭގައި މުބާރާތުގެ ކުރީ މެޗުތައް ކުޅެނީ ރޭގަނޑެވެ.
ސާންތީ ބުނީ އީގަލްސް ރޯދަ ނިމިގެން ހަ ރޯދަ އަށް ވެސް ބައެއް ކުޅުންތެރިން ތިބެފައި ސެމީ މެޗު ހަވީރު ކުޅެން ޖެހުމަކީ އެޓީމަށް އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ. އަނެއްކޮޅުން، ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅެ ދެ ދުވަހުގެ ރިކަވަރީއަކަށް ފަހު ހޫނު ގަދަ ދުވަސްވަރެއްގެ ހަވީރު މެޗު ކުޅުމަކީ ޓީމްގެ ޕާފޯމަންސަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެެވެ.
"އަޅުގަނޑުގެ ހަމައެކަނި ކޮންސާނަކަށް އޮތީ ދުވާލު މެޗު ކުޅުން. ދެން އެއީ މާކުރިންވެސް ޝެޑިއުލްގައި އޮތް ގޮތް. ރޭގަނޑު ކުޅެ ކުޅެފައި، ރޯދަ ނިމިގެން ހަ ރޯދައަށްވެސް ބައެއް ކުޅުންތެރިން ތިބެފައި މި ޖެހެނީ ހަވީރު ކުޅެން. ދެ ދުވަސް މި ލިބުނީ ރިކަވަރީއަށްވެސް. އެހެންވީމަ އެކަމަކީ ޗެލެންޖެއް. ނަމަވެސް އެކަން ބަހައްޓާފައި" ސާންތީ ބުންޏެވެ.
ސާންތީ ބުނީ މި މެޗަކީ ނުވަ ދުވަހުގެ ތެރޭގައި އީގަލްސް އިން ކުޅޭ ތިން ވަނަ މެޗު ކަމަށާއި، މިއީ ބުރުން 13 ދުވަހުގެ ތެރޭގައި ކުޅޭ ތިން ވަނަ މެޗު ކަމަށެވެ. އެންމެ ފަހުން ގްރޫޕް ސްޓޭޖުގައި ބުރުން ކުޅުނު މެޗަށް ފަހު އެ ޓީމަށް ހަ ދުވަހުގެ ރެސްޓެއް ލިބުނު ކަމަށާއި، އެއީ މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލަށް ނިކުންނައިރު އޮތް ޗެލެންޖެއް ކަމަށެވެ.
ސާންތީ ބުނީ އެ ޗެލެންޖާ އެކު ވެސް ޓީމް އޮތީ މި މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދަން ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
ފުރަތަމަ ޑިވިޝަނުގައި އީގަލްސް އަށް އެންމެ ހާއްސަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕެވެ. ފުރަތަމަ ޑިވިޝަންގައި އެ ކުލަބުން ހޯދި ފުރަތަމަ ތައްޓަކީ 2016 ގައި އެކުލަބުން ހޯދި ޕްރެޒިޑެންޓްސް ކަޕެވެ. އޭރުވެސް ކޯޗަކަށް ހުރީ ސާންތި އެވެ.
ކޯޗު ސާންތި ބުނީ މި މުބާރާތަކީ އޭނާ އަށާއި އީގަލްސް އަށް ހާއްސަ މުބާރާތެއް ކަމަށާއި، އެހެންކަމުން އެ ކުރީގެ ހާއްސަ ކާމިޔާބީ ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑަށް ޕާސަނަލީ އަދި ކްލަބު އީގަލްސް އަށް ވެސް ހާއްސަ މުބާރާތެއް ޕްރެސިޑެންޓްސް ކަޕަކީ. އަނެއްކާ އަޅުގަނޑުމެން ކާމިޔާބީ ތަކުރާރުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ޕްރެސިޑެންޓްސް ކަޕަކީ. އެކަމަކު ކުރިމަތިލާންޖެހޭ ޓީމަކީ ދެރަ ޓީމެއްގެ ގޮތުގައި ނުދެކެން، އެންމެ ފަހުން އެ ކުޅުނީ މާޒިޔާއާ އެއްކޮށް. އެ މެޗުން މޮޅުވެ ރަނގަޅު ފޯމެއްގައި އެ އޮތީ. އެހެންވީމަ އުދަނގޫ މެޗަކަށްވާނެ." އީގަލްސްއާ އެކު ގިނަ އަހަރުތަކެއް ހޭދަކުރި ސާންތީ ބުންޏެވެ.
ސާންތީ ވަނީ ބުރުގެ ކޯޗު ނިޒާމްބެއާ އެކު އެ ކުލަބުން ހޯދާފައިވާ ކުރިއެރުން ފާހަގަކޮށްފަ އެވެ. އޭނާ ބުނީ މި ސީޒަނަށް ނިކުތްއިރު ބުރުން އެއްވެސް ޓީމަކާ ޖެހުލުން ނުވާނެކަމަށް ބުނެ އެކަން ސާބިތު ވެސް ކޮށްދީފައިވާ ކަމަށެވެ. އެއީ ނިޒާމްބެ ކަހަލަ ތަޖުރިބާކާރު ކޯޗެއް އެކުލަބުގައި ހުރުމުގެ ފައިދާކަމަށް ސާންތީ ވަނީ ބުނެފަ އެވެ.
"މުބާރާތް ފެށުނުއިރު ވެސް އެއްވެސް ޓީމަކަށް ޖެހުލުން ނުވާނެ ވާހަކަ ބުނެފައި އެކަން ސާބިތުވެސްކޮށްދީފި. އެހެންމަ މިހާރު ބުރުގެ ކުޅުންތެރިން މޯރަލީ ތިބޭނީ ރަނގަޅު ހިސާބެއްގައި." ސާންތީ ބުންޏެވެ.
"ނިޒާމްބެ ބުރުގައި ހުރުމަކީ ވެސް އެކުލަބަށް އޮތް އެޑްވާންޓޭޖެއް އަސްލު ހަގީގަތުގަ. ޓީމެއް ފަސްޓް ޑިވިޝަނަށް އަރައިގެން އަންނައިރު ތަޖުރިބާ ހުރި ޒުވާން ކުޅުންތެރިން ގެންގުޅެވޭ ޒުވާން ކުޅުންތެރިން އުފައްދާ ކޯޗެއް ހުރުން. އެހެންމަ އެއީ ބޮޑު އެޑްވާންޓޭޖެއް. ދެން މިހެން އަލަށް އަންނަ ޓީމެއްގައި ވާނެ ގޮތަކީ ޒުވާން ޓީމާއި މެނޭޖްމަންޓާއި ވަރަށް ބޮޑަށް އެއް ގޮތަކަށް، ހުރިހާ އެންމެން އެކައްޗެއް ކިޔާފައި ރަނގަޅަށް އޮންނާނީ ހުރިހާކަމެެއް."
ސެމީ ފައިނަލް މެޗުގެ ކުރިން އީގަލްސް ޓީމުގައި ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކުރަމުން ސާންތި ބުނީ އޭނާގެ ހަމައެކަނި ކަންބޮޑުވުމަކީ މިވަގުތު ޓީމްގެ ޑިފެންސް ކަަމަށާއި، ޑިފެންސް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އަންނަކަމަށެވެ.
އަނިޔާގެ ސަބަބުން މި މެޗުގައިވެސް އީގަލްސްގެ މުހިންމު ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ)އަށް ނުކުޅެވޭނެ އެވެ. ނަމަވެސް މިދިޔަ ދެ މެޗުގައި ބެންޗުން ކުޅެން އެރި އަހުމަދު ރިޒުވާން (ރިޒޭ) މިހާރު ހުރީ ފިޓުކޮށެވެ.
އީގަލްސް އާއި ބުރު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ.
Comment