Advertisement

ނޫސްވެރިން އެދުނު ބަދަލުތަކާ އެކު ހެއްކާ ބެހޭ ބިލަށް ގެންނަ އިސްލާހު ފާސްނުކުރުމުން ކަންބޮޑުވުން

26 އޭޕްރީލް 2023 - 17:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރުމުގެ މާއްދާ ހިމަނާފައިވާ ގޮތާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަނީ؛ ނޫސްވެރިން އެދުނު ބަދަލުތައް މަޖިލީހުން ފާސްނުކޮށް ކޮމިޓީއަށް ފޮނުވާލުމުން ކަންބޮޑުވުން ފާޅުކޮށްފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ނޫސްވެރިން އެދުނު ބަދަލުތަކާ އެކު ހެއްކާ ބެހޭ ބިލަށް ގެންނަ އިސްލާހު ފާސްނުކުރުމުން ކަންބޮޑުވުން

26 އޭޕްރީލް 2023 - 17:51 0

ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން އޮތް މާއްދާތަކަށް، ނޫސްވެރިންގެ ޖަމިއްޔާ, މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދުނު ބައެއް ބަދަލުތަކާ އެކު ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްނުކުރުމުން އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެއްކާ ބެހޭ ބިލް ތަސްދީގު ކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ދީފައި އޮތް އެ މާއްދާއަށް ބަދަލުތަކެއް ގެންނަން ނޫސްވެރިން ހުށަހެޅި އެވެ.

ނޫސްވެރިންގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާއެކު އެމްޖޭއޭއިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން ހެއްކާ ބެހޭ ގާނޫނަށް އެޓާނީ ޖެެނެރަލްގެ އޮފީހުން ބިލެއް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ. އޭރުން ފެށިގެން ކޮމިޓީގައި ބިލު އޮތުމަށް ފަހު، ކޮމިޓީން ބިލު ދިރާސާކޮށް ނިންމީ މި މަހުގެ ތެރޭގަ އެވެ.

މަޖިލީހުގެ ތަޅުމަށް ފޮނުވި ކޮމިޓީ ރިޕޯޓުގައި ވެސް އެމްޖޭއޭއިން އެންމެ އެދޭ ބަދަލުތައް ހިމަނާފައި އޮތެވެ. އޭގެ ތެރޭގައި މަސްދަރު ހާމަކުރުމަށް އެދެވޭނީ ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކަމާއި، އެ ގޮތަށް އެދެވެނީ ފުރަތަމަ މަރުހަލާގައި ވެސް ހައި ކޯޓުގައި ކަމަށް ހިމެނި އެވެ.

ތަހުގީގު ކޮންމެ މަރުހަލާއެއްގައި ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ ގޮތަށް އެދެވޭއިރު، އެ ކަމަށް އެދޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން އިތުރަށް ތަފްސީލުކޮށްދީފައި ވެސް ވެ އެވެ.

ނަމަވެސް, ބިލު އަދި އޮތް ގޮތަށް ފާޑުކިޔުމަށް ފަހު، ތަޅުމުން ފާސްކުރުމުގެ ބަދަލުގައި އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. އެއީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްނުކުރަން ވޯޓު ދެއްވީ އެމްޑީޕީގެ 31 މެންބަރުންނެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާއިރު ކޮމިޓީ މަރުހަލާ ނިމިގެން އަނެއްކާ ވެސް ބިލު ތަޅުމަށް އަންނާނެ ދުވަހެއް ނޭނގޭތީ، ނޫސްވެރިން އަނެއްކާ ވެސް ބިރުވެރި ކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ.

މަސްދަރު ހާމަކުރަން އޮތް މާއްދާތަކުގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައިވެ އެވެ.