Advertisement

ރާއްޖޭގެ ޒަޔާން އޭޝިއާ މުބާރާތުގެ ގަދަ 32 އަކަށް

25 އޭޕްރީލް 2023 - 20:11 0

މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ތެރެއިން ޒަޔާން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގެ ޒަޔާން އޭޝިއާ މުބާރާތުގެ ގަދަ 32 އަކަށް

25 އޭޕްރީލް 2023 - 20:11 0

ދުބާއީގައި މިއަދު ފެށި ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ކޮލިފައިން ބުރުގެ ދެ މެޗުން ވެސް މޮޅުވެ، ރާއްޖޭގެ ޒަޔާން ޒަކީ އޭޝިއާގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރަށް ކޮލިފައިވެއްޖެ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާންގެ އިތުރުން ރާއްޖޭގެ ގައުމީ ސްކޮޑުގައި ހިމެނޭ މުހައްމަދު އަޖުފާން، ނިބާލް އަހުމަދު، ފާތިމަތު ނަބާހާ އަދި އާމިނަތު ނަބީހާ ވެސް ބެޑްމިންޓަން އޭޝިއާ މުބާރާތުގައި ވާދަކުރެ އެވެ.

ރޭންކަށް ބަލައިގެން އިވެންޓްތަކުން ފުރުސަތު ދޭ މި މުބާރާތުގައި ސިންގަލްސް ބައިގައި ރާއްޖޭން ވާދަކުރީ ފިރިހެން ސިންގަލްސްގައި ޒަޔާން އަންހެން ސިންގަލްސްގައި ނަބާހާ އެވެ. އަދި މިކްސް ޑަބަލްސްގައި ނަބާހާ އާއި ޒަޔާން ވާދަކުރިއިރު، އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާ އަދި ފިރިހެން ޑަބަލްސްގައި ނިބާލް އަދި އަޖުފާން އެވެ.

މިއަދު ފެށި މުބާރާތުގައި ޒަޔާން ވަނީ ފިރިހެން ސިންގަލްސްގެ ކޮލިފައިން ބުރުގައި ބްރުނާއީ ދާރުއްސަލާމްގެ ކާ ކިޓް ކާން އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެފަ އެވެ. ޒަޔާން ފުރަތަމަ ސެޓު 21-11 އިން ގެންގޮސްފައިވަނިކޮށް، ކާ ވަނީ ދެ ވަނަ ސެޓު 16-21 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. އެކަމަކު، ނަތީޖާނެރެން ކުޅުނު ސެޓުގައި ކާ އަތުން ޒަޔާން ވަނީ 21-15 އިން މޮޅުވެފަ އެވެ.

ދެ ވަނަ މެޗުގައި ޔުއޭއީގެ މުހައްމަދު ފަލަމަރްޒީ އަތުން ޒަޔާން މޮޅުވީ 21-05، 21-05 އިންނެވެ.

ގަދަ 32 ކުޅުންތެރިންގެ ބުރުގައި ޒަޔާން މާދަމާ ނުކުންނާނީ ޖޯޑަންގެ ބަހާއްދީން އަހުމަދު އަލްޝާނިކާ ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، ސިންގަލްސްގައި ބަހާއްދީން އޮތީ 102 ވަނައިގަ އެވެ. ޒަޔާން އަކީ ސިންގަލްސް އަށް ބަލާއިރު، ދުނިޔޭގެ ރޭންކިންގެ 330 ވަނަ އެވެ.

ގަދަ 32 ކުޅުންތެރިންގެ ބުރަށް ދިއުމަކީ ޒަޔާންގެ ކެރިއަރުގައި ވެސް ބޮޑުކުރިއެރުމެއްގެ އިތުރުން އަދި ރާއްޖޭގެ ބެޑްމިންޓަނަށް ވެސް ލިބިގެންދިޔަ ރަނގަޅު ކާމިޔާބެކެވެ.

މިކްސް ޑަބަލްސް ކޮލިފައިން ބުރުގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ކުޅުނު މެޗުގައި ލަންކާގެ ޗަމަތު ޑިއާސް އާއި ނަތާޝާ ގުނަސޭކަރާ ވަނީ ފޯރިގަދަ މެޗަކަށް ފަހު 21-19، 23-21 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި ދެން އޮތް ޕެއާގެ މެޗުތައް ވޯކްއޯވާ ވުމުން، ކޮލިފައިވީ ލަންކާގެ ޗަމަތު އާއި ނަތާޝާގެ ޕެއާ އެވެ.

އަންހެން ސިންގަލްސް ކޮލިފައިންގައި ނަބާހާ ބަލިވީ ކަޒަކްސްތާންގެ ކަމީލާ ސްމަގުލޯވާ އަތުން 17-21، 15-21 އިންނެވެ. އެ ގްރޫޕްގައި ދެން ހިމެނުނު ކުޅުންތެރިޔާގެ މެޗުތައް ވޯކްއޯވާ ވުމުން އަނެއް ބުރަށް ދިޔައީ ކަމީލާ އެވެ.

ފިރިހެން ޑަބަލްސްގައި ރާއްޖޭގެ ނިބާލް އާއި އަޖުފާންގެ ޕެއާ ކުޅުނު ކޮލިފައިން ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ގޮތުން، ހޮންކޮންގްގެ ލައު ޗުކް ހިމް އާއި ޔުންގް ޝިން ޓޯއިގެ ޕެއާ އަތުން 21-10، 21-08 އިން ބަލިވިއިރު، ތައިލެންޑްގެ ތަނަދޯން ފުންފަނިޗާއި ވަޗިރަވިތު ސޮތޯންގެ ޕެއާ އަތުން ބަލިވީ 21-05، 21-04 އިންނެވެ.

އަންހެން ޑަބަލްސް އިވެންޓްގެ ކޮލިފައިންގައި ރާއްޖޭގެ ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅުނު މެޗުތަަކަށް ބަލާއިރު، އިންޑިއާގެ ސިމްރަން ސިންގް އާއި ރިތިކާ ޓާކަރުގެ ޕެއާ އަތުން ބަލިވީ 21-10، 21-15 އިންނެވެ. އަދި ފިލިޕީންސްގެ އަލީސާ ވައިސަބަލް އާއި ތެއާ މާރީ ޕޯމާރްގެ ޕެއާއަތުން ބަލިވީ 21-12، 21-10 އިންނެވެ.