Advertisement

ރޯމާއާ އެކު މޮރީނިއޯގެ 100 ވަނަ މެޗު ނާކާމިޔާބު

25 އޭޕްރީލް 2023 - 11:27 0


ރޯމާއާ އެކު މޮރީނިއޯގެ 100 ވަނަ މެޗު ނާކާމިޔާބު

25 އޭޕްރީލް 2023 - 11:27 0

މިލާން (އޭޕްރީލް 25) - ހޯސޭ މޮރީނިއޯ ރޯމާގެ ކޯޗެއްގެ ގޮތުގައި ނުކުތް 100 ވަނަ މެޗުގައި، އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ އަތުން ރޯމާ 3-1 އިން ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު ރޯމާ ވަނީ ލީގުގެ ގަދަ ހަތަރަކުން ބޭރުވެފަ އެވެ. ފަސް ވަނަ އަށް ވެއްޓުނު ރޯމާ އާއި ހަތަރަކަށް އެރި އޭސީ މިލާނަށް ވަނީ 31 މެޗުން 56 ޕޮއިންޓް ލިިބިފަ އެވެ. މިލާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ރޯމާ އިން ރަނގަޅު ކުޅުމަކާ އެކު މެޗު ފެށި ނަމަވެސް މެޗުގައި ލީޑުނެގީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އެޓަލަންޓާ އިންނެވެ. މެޗުގެ 39 ވަނަ މިނިޓްގައި އެޓަލަންޓާގެ ގޯލު ޖެހީ މާރިއާ ޕަސަލިޗް އެވެ. މިއީ އެޓަލަންޓާގެ ޑުވާން ޒަޕާޓާ އޭރިއާތެެރެއިން ނެގި ހުރަހެއް އެއް ފަހަރުން ވޮލީއަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޕަސަލިޗް ޖެހި ގޯލެކެވެ.

އެޓަލަންޓާގެ ސްކަލްވިނީ (ކ) ކައިރިން ރޯމާގެ ޕައޮލޯ ޑިބާލާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ


އެޓަލަންޓާ އިން މެޗުގެ 74 ވަނަ މިނިޓްގައި ލީޑުފުޅާކުރީ ޓީމުގެ ކެޕްޓަން، ރަފައެލް ޓޮލޯއި ޖެހި ލަނޑުންނެވެ. ކޯނަރަކުން ރޯމާގެ އޭރިއާތެރެއަށް ހުރަސްވި ބޯޅަ އެ ޓީމަށް ޑިފެންސް ނުކުރެވިގެން، ޓޮލޯއި އަށް ލިބުނު ވަގުތު އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ރޯމާގެ ކުޅުންތެރިއަކު ބޮލުގައި ޖެހިފަ އެވެ.

ރޯމާ އިން ވަނީ މެޗުގެ 83 ވަނަ މިނިޓްގައި ލޮރެންޒޯ ޕެލެގްރީނީ ޖެހި ގޯލުން އުންމީދެއް ހޯދައިފަ އެވެ. މިއީ އަންދްރެއާ ބެލޮއްޓީ ދިން ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޕެލެގްރީނީ ޖެހި ގޯލެކެވެ. އެކަމަކު، މި ގޯލަށް ފަހު ކުޅުން އަލުން ފަށައިގެން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ރޯމާ ކީޕަރު ރުއީ ޕެޓްރީޝިއޯ ހެދި ގޯހެއްގެ ފައިދާނަގައި، އެޓަލަންޓާގެ މިޑްފީލްޑަރު، ޓެއުން ކޫޕްމައިނާސް ވަނީ ގޯލެއް ޖަހައި، އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

ރޯމާ ކޯޗެއްގެ ގޮތުގައި މޮރީނިއޯ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ޔުއެފާ ކޮންފަރެންސް ލީގު ތަށި ހޯދައިދީފަ އެވެ. ޖުމްލަ އެކު، ރޯމާއާ އެކު 100 މެޗު ނުކުމެ، މޮރީނިއޯ ވަނީ 53 މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، 28 މެޗުން ބަލިވިއިރު، 19 މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.