Advertisement

ވެލެންސިއާ އަކީ ދަށް ޓީމެއްގެ ގޮތުގައި އީގަލްސް އިން ނުދެކޭނެ

24 އޭޕްރީލް 2023 - 12:15 0


ވެލެންސިއާ އަކީ ދަށް ޓީމެއްގެ ގޮތުގައި އީގަލްސް އިން ނުދެކޭނެ

24 އޭޕްރީލް 2023 - 12:15 0

ކްލަބް ވެލެންސިއާ އަކީ އަގުބޮޑު ބްރޭންޑެއް ކަމަށާއި، މި ވަގުތު އެ ޓީމު އޮތް ހާލަތަށް ބަލައި އެއީ ދަށް ޓީމެއްގެ ވިސްނުން ގެންގުޅެ ކްލަބް އީގަލްސް އިން މެޗު ފާސޭހަ ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މިރޭ ކުލަބު އީގަލްސް އާއި ވެލެންސިއާ ނިކުންނައިރު ދެ ޓީމަށް ވެސް މި މެޗުގެ މުހިންމުކަން ބޮޑެވެ. އީގަލްސް އިން މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ. ވެލެންސިއާ އަށް ސެމީ ފައިނަލުގެ ފުރުސަތު ލިބެން އޮތީ ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށްގެންނެވެ.

މި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ސާންތި ބުނީ އެންމެ މުހިންމު ކަމެއްދެނީ މިދިޔަ މެޗުގައި ހެދުނު މިސްޓޭކްތައް ތަކުރާރުނުކޮށް ވެލެންސިއާ މެޗު ރަނގަޅަށް ފެށުން ކަމަށެވެ. އޭނާ ބުނީ މިދިޔަ މެޗުގެ ކުރީކޮޅު ބައިކޮޅަށް ވަތް ދެ ގޯލަކީ ކުރިއަށް ދާން ބަލާއިރު ލިބުނު ބޮޑު ފިލާވަޅެއް ކަމަށެވެ.

މި ވަގުތު ޒުވާން ކުޅުންތެރިން ގިނަ ވެލެންސިއާ ޓީމާ ގުޅޭގޮތުން ސާންތި ބުނީ ކޮންމެ ހާލަތެއްގައި އޮތަސް ވެލެންސިއާ އަކީ ބޮޑު ބްރޭންޑެއް ކަމަށާއި، އެ ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި އޮތަސް އެ ނަމަކީ ފުޓްބޯޅައިގެ ބޮޑު ވަރުގަދަ ނަމެއް ކަމަށެވެ.

"ކުރިންރޭ އަޅުގަނޑުމެންނަށް މެޗު ފަށައިގެން ފަސޭހަކޮށްލެވުނީ. އެއީ ހަމަ ފިލާވަޅެއްގެ ގޮތުގައި ބަލައިގެން މި މެޗަށް ނިކުންނާނީ. މިހާރު ކޮންމެ ގޮތަކަށް އޮތަސް، އެއީ ބޮޑެތި ބަދަލުތަކަކާ އެކު އޮތަސް ވެލެންސިއާ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ފުޓްބޯޅައިގެ ބޮޑު ބްރޭންޑެއް. އެހެންވީމަ، އެއްވެސް ގޮތަކަށް ވެލެންސިއާ އަންޑަ އެސްޓިމޭޓް ނުކުރާނަން." ސާންތި ބުންޏެވެ.

އޭނާ ބުނީ މި މެޗަށް އީގަލްސް ނިކުންނަނީ މެޗުގެ ކުރީކޮޅު ގޯލެއް ޖަހައި މެޗު ޑޮމިނޭޓްކޮށްގެން ކުޅުމަށް ކަމަށެވެ.

އީގަލްސް އިން ސަމާލުނުވެއްޖެނަމަ މެޗުގައި ނުރަނގަޅު ނަތީޖާއެއް ކުރިމަތިވެދާނެ ކަމަށާއި، މި ކަހަލަ ކުރު މުބާރާތެއްގައި ހީނުކުރާ ކަހަލަ ނަތީޖާއެއް ނިކުމެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޮންމެ ގޮތެއްވިޔަސް ޕްރެޒިޑެންޓްސް ކަޕަކީ ކުރު މުބާރާތެއް ވީމަ ހީނުކުރާކަހަލަ ނަތީޖާތައް އަންނާނެ. މިސާލަކަށް މިދިޔަ މެޗު. ބޮޑު ޓީމެއް އެދިޔައީ ބަލިވެގެން. ކުރު މުބާރާތްތަކުގައި މިކަހަލަ ނަތީޖާތައް ފެނުމުގެ ފުރުސަތު ބޮޑު." އީގަލްސްގެ ކޯޗު ބުންޏެވެ.

"އެކަމަކު މިއީ އަބަދަކުވާކަމެއް ނޫން. މިސާލަކަށް މާޒިޔާ މެޗު. ދެ މިސްޓޭކުން ދެ ގޯލު ވަނީ. ކަމްބެކް ހަދަން ޗާންސް ލިބުނު އެކަމަކު އެކަމެއް ނުވި. އެހެންވީމަ ސަސް މެޗުގައި އެ ކަމްބެކް ހެދުނަސް ކޮންމެ ކޮންމެ ދުވަހަކު އެކަން ނުވާނެ. އެއީ ހަގީގަތް."

ސާންތި ވަނީ ގިނަ ދުވަސްތަކަކަށްފަހު އީގަލްސް އިން އެންމެ ފަހުން ކުޅުނު މެޗު ކުޅެން ޖެހުމުން ކުޅުންތެރިންނަށް އެކަމުގެ ސަބަބުން އަސަރުކުރިކަން ފާހަގަކޮށްފަ އެވެ. އަނެއްކޮޅުން، މިހާރު ތާވަލަށް ބަލާއިރު އީގަލްސް އިން ގާތް ގާތުގައި މެޗު ކުޅެން ޖެހުމަކީވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ގްރޫޕްގެ އެއް ވަނަ އަށް ގޮސްފިނަމަ އީގަލްސް އިން ސެމީގައި ކުޅެން ޖެހޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. ދެ ވަނަ އަށް އީގަލްސް ގޮސްފިނަމަ، ސެމީގައި ބައްދަލުކުރަން ޖެހޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެވެ.

ވެލެންސިއާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.