Advertisement

ސީޒަންގެ ކަލަންޑަރު ހަމައެއްނުޖެހޭ، މެޗުތައް މާ ގިނަ: އަންޗެލޮޓީ

24 އޭޕްރީލް 2023 - 10:13 0


ސީޒަންގެ ކަލަންޑަރު ހަމައެއްނުޖެހޭ، މެޗުތައް މާ ގިނަ: އަންޗެލޮޓީ

24 އޭޕްރީލް 2023 - 10:13 0

މެޑްރިޑް (އޭޕްރީލް 24) - މިހާރު އޮތް ފުޓްބޯޅަ ސީޒަންގެ ކަލަންޑަރު ހަމައެއްނުޖެހޭ ކަމަށާއި ސީޒަންގައި ކުޅެންޖެހޭ މެޗުތައް މާގިނަ ކަމަށް ބުނެ، ފުޓްބޯޅަ ސީޒަންގެ ކަލަންޑަރަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ފާޑުކިޔައިފި އެވެ.

މިދިޔަ ހަފުތާގައި ރެއާލް އިން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޗެލްސީ ބަލިކޮށް، ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ރެއާލް އިން ނުކުންނާނީ ކޮޕާ ޑެލް ރޭގެ ފައިނަލްގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުގެ ތިން ދުވަސް ފަހުންނެވެ.

އިޓަލީގެ ތަޖުރިބާކާރު ކޯޗު އަންޗެލޮޓީ ބުނީ ސީޒަންގެ ކަލަންޑަރު ހަމައެއް ނުޖެހޭ ކަމަށާއި "ބުއްދި ވެސް ގަބޫލްނުކުރާ" ކަމަށެވެ. އަދި ގިނަ މެޗުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ކުޅޭއިރު، ކުޅުންތެރިންނަށް ވިސްނަންޖެހޭ ކަމަށެވެ.

"ކަލަންޑަރުގެ ވާހަކަ އަހަރެން ކުރިން ވެސް ދެއްކިން. މިއީ ހަމަޖެހޭ ގޮތެއް ނޫން. ބުއްދި ވެސް ގަބޫލްނުކުރޭ މިއީ ރަނގަޅު ގޮތެއްކަން. މިއީ ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ނޫން. ބަދަލެއް އެބަ ބޭނުންވޭ. މާ ގިނަ މެޗުތައް މި ކުޅެންޖެހެނީ،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނާއި ޔުއޭފާ އަދި ފީފާ އިން ވެސް ވިސްނަނީ "އެމީހުންގެ އަމިއްލަ ފައިދާ އަށް" ކަމަށެވެ. އަދި ކުޅުންތެރިންނާ މެދު އެ އިދާރާތަކުން ނުވިސްނާ ކަމަށެވެ.

"މި މީހުން ނުވިސްނާ ކުޅުންތެރިންނާ މެދު. ކުޅުންތެރިންނަށް އެބަ ވިސްނަންޖެހޭ،" އަންޗެލޮޓީ ބުންޏެވެ.

ކޮޕާ ޑެލް ރޭގެ ފައިނަލާއި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގާދެމެދު އޮތް މުއްދަތު ކުރު ނަމަވެސް، ޓީމު ރޮޓޭޓްކުރުމުގެ ވިސްނުމެއް ނެތް ކަމަށް އަންޗެލޮޓީ ބުންޏެވެ.

"މެޗަށް ފަހު ރިކަވަރީ އަށް މަސައްކަތްކުރާ ގޮތް އަހަރަމެން ބަދަލުކުރަންޖެހޭނީ،" އަންޗެލޮޓީ ބުންޏެވެ.

ޔުއެފާ އާއި ފީފާ އިން އިސްވެ ފުޓްބޯޅަ ކަލަންޑަރުގެ ކަންކަން ގައުމުތަކާ ގުޅިގެން އެންމެ ރަނގަޅު އުސޫލެއްގެ ތެރެއިން ރާވަން ޖެހޭ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އެހެން ނޫން ނަމަ މީގެ ސަބަބުން ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ ގެއްލުން ކޮންމެ އަހަރެއްގައި ދާނީ އިތުރުވަމުން ކަން ވެސް އޭނާގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.