23 އޭޕްރީލް 2023 - 12:46 1
23 އޭޕްރީލް 2023 - 12:46 1
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ޖެެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ މަރިޔަމް ރޫޔާ އަލީ، 22 އަހަރުވީ ގައުމީ އަންހެން ޖޫނިއާ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފި އެވެ.
ކުރިއެރުން ހޯދަމުން އަންނަ ހުނަރުވެރި ދުވުންތެރިޔާ، ރޫޔާ ރިކޯޑް ހަދާފައިވަނީ ޖެމެއިކާގެ ކިންގްސްޓަންގައި ކުރިޔަށް ދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގަ އެވެ. ރޫޔާގެ ޓައިމިން އަކީ 12.21 ސިކުންތެވެ. މީގެ ކުރިން މި ރޭހުގެ ޖޫނިއާ ރެކޯޑް އޮތީ، 2001 ވަނަ އަހަރު ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ދުވުނު ޝަމްހާ އަހުމަދު އަތުގަ އެވެ.
ޝަމްހާ އެ ފަހަރު ރެކޯޑް ހަދާފައިވަނީ 12.27 ސިކުންތުންނެވެ. އެެހެންކަމުން، ރޫޔާ މިއަދު ޝަމްހާގެ ރެކޯޑް މުގުރާލީ 0.6 ސިކުންތުގެ ކުރިއެރުމަކާ އެކުގަ އެވެ. ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ވެސް އޮތީ ރޫޔާ އަތުގަ އެވެ.
މިދިޔަ އަހަރު، އިނގިރޭސިވިލާތުގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި އެތުލެޓިކްސް ޓީމުގައި ރޫޔާ ހިމެނެ އެވެ. ކޮމަންވެލްތު ގޭމްސްގައި ލިބުނު އަނިޔާގެ ސަބަބުން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަނުކުރެވުނު ނަމަވެސް އަލުން އެނބުރި އައިސް ރޫޔާ އަންނަނީ ގައުމީ ލެވަލާއި ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތްތަކުގައި ވެސް ތަފާތު ދައްކަމުންނެވެ.
އެ ގޮތުން، މި އަހަރުގެ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައިވެސް ރޫޔާ ވާދަކުރިިއިރު، އެ މުބާރާތުގައި ރާއްޖޭގެ 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ވެސް ހަދާފައިވެ އެވެ.
ރާއްޖޭގެ އަންހެން ސްޕްރިންޓަރުންގެ ތެރެއިން މި ވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް ދުވުންތެރިޔާ، ރޫޔާ، އެންމެ ފުރަތަމަ ރޭހަކަށް ނުކުތީ 2013 ވަނަ އަހަރު އެވެ. ޖަމާލުއްދީން ސްކޫލްގައި އޭރު ކިޔަަވަމުން އައި ރޫޔާ، އެތުލެޓިކްސް އަށް ހިތްޖެހި ދުވަން ފެށިއިރު، އުމުރަކީ އެންމެ އަށް އަހަރެވެ. އެންމެ ފުރަތަމަ ރޫޔާ، އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރީ އުމުރުން 17 އަހަރުގަ އެވެ. އެއީ މިދިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސްގަ އެވެ.
މިދިޔަ އަހަރު ގދ. ތިނަދޫގައި ބޭއްވި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ މޮޅު އަންހެން އެތުލީޓަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފަރާތުން ވާދަކުރި ރޫޔާ އެވެ. އަދި އޭގެ ފަހުން، ބޭއްވި ނެޝަނަލް ގްރޯން ޕްރީ އިވެންޓްގެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ވެސް ރޫޔާ އެވެ.
Comment