Advertisement

ފޮރެސްޓް ބަލިކޮށް ލިވަޕޫލް ވެސް ގަދަ ހަތަރެއްގެ އުންމީދުގައި

23 އޭޕްރީލް 2023 - 05:12 0


ފޮރެސްޓް ބަލިކޮށް ލިވަޕޫލް ވެސް ގަދަ ހަތަރެއްގެ އުންމީދުގައި

23 އޭޕްރީލް 2023 - 05:12 0

ލިވަޕޫލް (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ފޮރެސްޓް އަތުން ހޯދި މޮޅާ އެކު، ލިވަޕޫލް ލީގުގެ ހަތް ވަނައިގައި އޮތީ ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ. ހަތަރެއްގައި އޮތް ނިއުކާސަލަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް ހަތެއްގައި އޮތީ 31 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިރޭ ނިއުކާސަލް ކުޅޭ މެޗުގައި ކުޅޭނީ ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ފަސް ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ފަބީނިއޯ ބޮލުން ޖައްސާލި ބޯޅައެއް ޖޮޓާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެކަމަކު، ކުރިން ލިވަޕޫލަށް ކުޅުނު ފުލްބެކް، ނީކޯ ވިލިއަމްސް ވަނީ ކައުންޓަ އެޓޭކުގައި ފޮރެސްޓަށް އެއްވަރުކޮށްދީފަ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ގައިގައި ޖެހިފަ އެވެ.

އެކަމަކު، ރޮބަޓްސަންގެ ހިލޭ ޖެހުމަކުން، އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޖޮޓާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައި، އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ. އެހެން ނަމަވެސް ފޮރެސްޓުން ހިތްވަރު އެލުވާނުލައި ކުޅެ، މޯގަން ގިބްސް-ވައިޓް ވެއްޓިގެންފައި ވޮލީ އަކުން ޖެހި ލަނޑުން އަނެއްކާ ވެސް އެ ޓީމު އެއްވަރުކުރި އެވެ.

ލިވަޕޫލް މޮޅުވީ 70 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ނެގި ބޯޅަ މުހައްމަދު ސަލާހު ގޯލަށް ފޮނުވާލައިގެން ޖެހި ގޯލުންނެވެ.

މެޗުގައި ތިން ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ފޮރެސްޓަށް ފުރުސަތު ލިބުނެވެ. އެ ގޮތުން، ބަދަލަކަށް ކުޅެން އެރި ފޮރެސްޓްގެ ބްރެނަން ޖޯންސަން އަށް ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވީ ވަރަށް ދުވަސްކޮށްފައި ކަމަށާއި މި ފޯމުގައި ސީޒަން ނިންމާލަން އަމާޒުހިފައި މަސައްކަތްކޮށްފިނަމަ، ތާވަލުގައި އެ ޓީމު ބޭނުންވާ "ރަނގަޅު ހިސާބުގައި" ނިންމާލެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުލަމް އިން ވަނީ 2-1 އިން ލީޑްސް ބަލިކޮށްފަ އެެވެ. ބްރެންޓްފޯޑާއި އެސްޓަން ވިލާ 1-1 އިން އެއްވަރުވިއިރު، ކްރިސްޓަލް ޕެލަސް އާއި އެވަޓަން އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. ލެސްޓާ ސިޓީން ވަނީ 2-1 އިން ވުލްވްސް ބަލިކޮށް، ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފަ އެވެ.