Advertisement

ކުޅުމަށް އެނބުރި އާދެވޭނެ ސީދާ ތާރީހެއް ބުނަން ނަޑާލަށް ދަތި

21 އޭޕްރީލް 2023 - 05:50 0


ކުޅުމަށް އެނބުރި އާދެވޭނެ ސީދާ ތާރީހެއް ބުނަން ނަޑާލަށް ދަތި

21 އޭޕްރީލް 2023 - 05:50 0

މެޑްރިޑް (އޭޕްރީލް 21) - އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާ ދުުރުގައި ދުވަސް ގުނަމުން އަންނަ ސްޕެއިނުގެ ލެޖެންޑަރީ ޓެނިސް ކުޅުންތެރިޔާ، ރަފައެލް ނަޑާލް އަށް އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނެ ސީދާ ތާރީހެއް ބުނަން ދަތި ކަމަށް ބުނެފި އެވެ.

އުމުރުން 36 އަހަރު ނަޑާލްގެ އުނަގަނޑަށް އަނިޔާވީ މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުގައި އެމެރިކާގެ މެކްކެންޒީ މެކްޑޮނާލްޑް އަތުން ބަލިވި މެޗުގަ އެވެ. އޭރު ހެދި އެމްއާރްއައި އަށް ބެލުމަށް ފަހު، ޑޮކްޓަރުން ނިންމީ 6-8 ހަފްތާގެ ތެރޭގައި ނަޑާލަށް އަލުން ކުޅެވޭނެ ކަމަށެވެ. އެކަމަކު، ޖެނުއަރީ 18 ގެ ފަހުން ނަޑާލް އަދި މެޗަކުން ނުފެނެ އެވެ.

މި މަހު 25 ގައި ފަށާ މެޑްރިޑް އޯޕަންގައި ނަޑާލް ނުފެންނާކަން އިއުލާނުކޮށްފައިވާއިރު، އަންނަ މަހު ކުޅޭ ފްރެންޗް އޯޕަންގައި ވެސް ނަޑާލް ފެނުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އަނިޔާގެ މައްސަލަ އަދިވެސް ހައްލުނުވޭ. އަހަންނަށް ޑެޑްލައިނެއް ދެވޭކަށެއް ނެތް. އެއީ މި އަނިޔާގެ ކަންކަން އަހަންނަށް ވެސް ތަފްސީލްކޮށް ނޭނގޭ. އެހެންވީމަ، އަލުން ކުޅެވޭނީ ވަކި ތާރީހެއްގައޭ ބުނެވޭނެ ގޮތެއް ނެތް،" 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ނަޑާލް ބުންޏެވެ.

"ރަނގަޅު ވިސްނުމެއްގައި ފޯކަސް ބަހައްޓައިގެން ރިކަވަރީގައި މަސައްކަތް ކުރުން މި ވަގުތަށް އޮތް ކަމަކީ. އަހަރެން މި އަންނަނީ އެކަން ކުރުމަށް ހުރިހާ ވަގުތެއްގައި ވެސް ސަމާލުވަމުން،"

މިހާރު އޮތް ގޮތުން، އަހަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ފްރެންޗް އޯޕަން ފަށާނީ އަންނަ މަހު 28 ގަ އެވެ.

ނަޑާލަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ކާމިޔާބީ އަށް ބަލާއިރު، ރެކޯޑް ހޯލްޑަރެވެ. މިދިޔަ އަހަރު ނަޑާލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ ތާރީހުގައި 14 ވަނަ ފަހަރަށް ތަށި އުފުލާލައިފަ އެވެ.