22 އޭޕްރީލް 2023 - 05:51 0
މާޒިޔާގެ ޕްރެކްޓިހެއްގެ ތެރެއިން އިވާން އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަދަދު
22 އޭޕްރީލް 2023 - 05:51 0
ބުރު ސްޕޯޓްސް ކުލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވި މެޗުގައި ހުރިހާ ކަމެއް ދިޔައީ ގޯސްކޮށް ކަމަށާއި، މެޗުން ބަލިވުމުގެ ޒިންމާ ނަގާކަމަށް މާޒިޔާގެ ކޯޗު، ބަލްގޭރިއާގެ އިވަން ކޮލޭވް ބުނެފި އެވެ
ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅުނު ފަހު މެޗުން ވަނީ 1-2 އިން ވަނީ ބަލިވެފަ އެވެ. މި މެޗުން ބަލިވި ނަމަވެސް މާޒިޔާ އަށް ވަނީ ސެމީ ފައިނަލްގެ ޖާގަ އެއް ޔަގީންވެފަ އެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗު އިވާން ބުނީ ހުރިހާ ކަމެއް ވެސް ދިޔައީ މާޒިޔާ އިން ބޭނުން ނުވާނެ ގޮތަށް ކަމަށާއި، މެޗުގައި އޭނާ ޕޮޒިޓިވްކޮށް ނެގޭނެ ކަމެއް ނެތް ކަމަށެވެ.
"މެޗެއްގައި ދިމާވެދާނެ ހުރިހާ ގޯސްކަމެއް މާޒިޔާ އަށް ކުރިމަތިވި، ފުރަތަމަ ހާފުގައި ބައިކޮޅަށް ގޯލެއް ވަނީ. ގިނަ އޯޕަން ފުރުސަތުތައް ބޭކާރުކޮށްލެވުނު. އަނެއްކާ ވެސް އަމިއްލަ މިސްޓޭކަކުން ގޯލެއް ވަނީ. ދެން އުނދަގޫ ހާލަތަށް ވެއްޓުނީ. އަހަރެން ބޭނުމެއް ނޫން ކުޅުންތެރިން ގޯސްކުރަން. ކޯޗަކީ އަހަރެން. އަހަރެން މި ބަލީގެ ޒިންމާ ނަގަން" މި ސީޒަނުގައި މާޒިޔާ އާއި ހަވާލުވި އިވާން ބުންޏެވެ.
އޭނާ ބުނީ މެޗުގައި މާޒިޔާގެ ބައެއް ކުޅުންތެރިންގެ ކުޅުން ފެނުނީ ވަރަށް ދަށްކޮށް ކަމަށާއި، މި ލެވެލްގައި އެހާ ގިނަ ފުރުސަތުތައް ތަނަވަސްކުރެވޭއިރު ގޯލު ޖެހެން ޖެހޭނެ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ވިސްނައި އިތުރު ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމެއް ކަމަށް ވެސް އިވާން ވަނީ ބުނެފަ އެވެ.
"ޓީމްގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނީ ބޭނުންވި ފެންވަރުގެ ކުޅުމެއް ނޫން. އަހަރެން ނެތިން ނަންތައް ކިޔަން. މެޗު ބެލި މީހަކަށްވިއްޔާ ފެންނާނެ. ފުރުސަތުތައް ބައިވަރު ލިބުނު. އެކަމަކު، ހަމަ ގޯލެއް ނުޖެހުނީ. ދެން އޮތީ އެކަން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދުން. ކުޅުންތެރިން ބަދަލުކުރާނީތޯ ނޫނީ އާ ގޮތަކަށް ކުޅޭނީތޯ. މިއީ ދެން އޮތްކަމަކީ." އިވާން ބުންޏެވެ.
ސީޒަންގެ ކުރީކޮޅު މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޓީމެއް އަތުން ބަލިވުމުން އިވާން ބުނީ މާޒިޔާގެ މެނޭޖްމަންޓުން ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، މިއީ ބަލައިގަނެވޭނެ ނަތީޖާއެއް ނޫން ކަމަށާއި، އެ ޓީމަކީ ނަތީޖާއާ އެއްވަރަށް ކުޅުމަށް ވެސް ފޯކަސް ކުރާ ޓީމެއް ކަމަށެވެ.
ޓީމްގެ ކުޅުން ރަނގަޅު ކުރަން ބަލާއިރު ބިދޭސީ ކުޅުންތެރިންގެ ފެންވަރު އަދިވެސް އޭނާއަށް ޔަގީން ނުވާކަމަށާއި، އެ ކުޅުންތެރިންގެ ބޭނުން ކުރުމާ މެދު ވިސްނާނެ ކަމަށް ވެސް އިވާން ވަނީ ބުނެފަ އެވެ
"މެނޭޖްމަންޓުން ނިންމާނީ. އަހަންނަށް އަދިވެސް ބައެއް ކުޅުންތެރިންގެ ފެންވަރު ވަޒަންކުރަން އުނދަގޫ. ކުޅުންތެރިންގެ ކޮލިޓީވެސް އަދި ޔަގީނެއްނޫން. ހާއްސަކޮށް ބިދޭސީ ކުޅުންތެރިން. އަހަންނަށް އިނގޭ މާޒިޔާ އަށް ނަތީޖާ އެކޭ އެގޮތަށް މޮޅަށް ކުޅުންވެސް މުހިންމު. މިއީ ކުލަބުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް." އިވާން ބުންޏެވެ.
އިވާންގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ އީގަލްސް އަތުން ޗެރިޓީ ޝީލްޑް މެޗުގައި 2-1 އިން މޮޅުވުމުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގައި 2-0 އިން ޓީސީ އަތުން މޮޅުވެފަ އެވެ. އެކަމަކު، ބުރު އަތުން ބަލިވުމަކީ އިވާން އަށް މަގާމުގައި ދެމިހުންނަން ބަލާއިރު، ޕްރެޝަރު ބޮޑުވާނެ ނަތީޖާ އަކަށްވާނެ އެވެ.
Comment