21 އޭޕްރީލް 2023 - 06:00 1
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
21 އޭޕްރީލް 2023 - 06:00 1
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ރޭ ހޯދުނު މޮޅަކީ ފުރަތަމަ ޑިވިޝަންގައި "ފައި ހިއްޕާލަން" ކުރާ މަސައްކަތުގައި ލިބުނު ހިތްވަރެއް ކަމަށާއި މިއީ ކުލަބުގެ ކުރިމަގަށް ވެސް ލިބުނު މުހިންމު މޮޅެއްކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި 2-1 އިން މާޒިޔާ ބަލިކޮށް ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ ބުރުން ވަނީ މި ޑިވިޝަނުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. މި މޮޅާ އެކު އެ ޓީމަށް، ހަ ޓީމު ކުޅޭ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ވެސް ވަނީ ޔަގީންވެފަ އެވެ.
ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އަދި ޕްރެޒިޑެންޓްސް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި އޮތް މާޒިޔާ އަތުން ބުރުން ހޯދި މޮޅާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ނިޒާމްބެ ބުނީ އެ ކުލަބުގެ ކުރިމަގަށް މިއީ މުހިންމު މޮޅެއް ކަމަށާއި، ސީޒަނަށް އެންމެ ދުރާލާ ތައްޔާރުވި ވަރުގަދަ ޓީމެއް ބަލިކުރެވުމަކީ ކުލަބަށް ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.
ކުރިން މާޒިޔާ އަށް ވެސް ކޯޗުކޮށްދިން ނިޒާމްބެ ބުނީ އެ ޓީމު އަތުން ބުރުން ހޯދި މޮޅަކީ ހުރިހާ ކުޅުންތެރިން ވެސް އޭނާ ބޭނުންވި ގޮތަށް ކުޅުމުގެ ނަތީޖާ ކަމަށެވެ. އަދި ރަނގަޅު ޕްރީ ސީޒަނެއް ނެތި އައިސް ބުރު ޓީމުން ހޯދި މި މޮޅުގެ ކްރެޑިޓް ނިޒާމްބެ ދިނީ ވެސް ކުޅުންތެރިންނަށެވެ.
"މި ލެވެލްގައި ބުރުން ފައި ހިއްޕާލަން ލިބުނު ފުރުސަތުގައި ރަނގަޅު ވަރުގަދަ ޓީމަކާ އެކު ކުޅެ މި ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް. މިއީ ކޮންމެ ކޮންމެ ދުވަހެއްގެ ކަމެއް ނޫން. މިއީ ހަމަ ކުޅުންތެރިން އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކުރި މަސައްކަތުގެ ނަތީޖާ." ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ދެ ފަަހަރެއްގެ މަތިން ހޯދި ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ މެޗުގެ ހުރިހާ ދަނޑިވަޅެއްގައި ވެސް ހަމަޖެހިލައިގެން ކުޅެން އިރުޝާދުދިން ކަމަށާއި، ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް ކުޅުނީ ވިސްނުންތެރިކަމާ އެކު ކަމަށެވެ. މާޒިޔާ ކަހަލަ ވަރުގަދަ ޓީމެއް ބަލިކުރެވުމަކީ "ކޮންމެ ކޮންމެ ދުވަހަކު" ވާނެ ކަމެއް ނޫންކަމަށް ވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ.
އޭނާ ބުނީ މެޗުގެ ފަހުކޮޅަށް ދިޔައިރު ކުޅުންތެރިންގެ ފަރާތުން ލޮޑުކަން ފެނުނު ކަމަށާއި، ފިޓްނަސް ލެވެލް ރަނގަޅު ކުޅުންތެރިން ޓީމްގައި މަދު ކަމަށެވެ. އެއީ މިކަހަލަ ބޮޑު މެޗެއްގައި އޭނާ އަށް އޮތް ޑިސްއެޑްވާންޓޭޖެއް ކަމަށް ނިޒާމްބެ ފާހަގަކުރި އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ލިބުމުން މިހާރު އަމާޒު ކިހިނެއްތޯ އެހުމުން ނިޒާމްބެ ބުނީ މިހާރު ހުރިހާ ވިސްނުމެއް ހުރީ ސެމީ ފައިނަލް މެޗުން މޮޅުވުމަށް ކަމަށެވެ.
ސެމީ ފައިނަލުގައި ބުރު ކުޅޭނެ ޓީމެއް ޔަގީންވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އީގަލްސް އަދި ވެލެންސިއާ ވާދަކުރާ މެޗުގެ ނަތީޖާއިންނެވެ. އެ މެޗުން އީގަލްސް ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެ ޓީމު ނުކުންނާނީ ބުރާ ދެކޮޅަށެވެ.
ނިޒާމްބެ ވަނީ އޭނާގެ ކޯޗިން ކެރިއަރަށް ބަލާއިރުވެސް މާޒިޔާ އަތުން ބުރުން ހޯދި މޮޅުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކެއްގެ ބެންޗުން ފެނުނު ނިޒާމްބެ ބުނީ ކުރިން އިރުޝާދުދިން ޓީމަކުން ބޮޑު ވަރުގަދަ ކުލަބުތައް ބަލިކުރީ ރަނގަޅު ޕްރީ ސީޒަނަކާ އެކު ތައްޔާރުވެގެން ކަމަށާއި، މި ފަހަރު ހަފްތާއެއްހާ ދުވަހު ޕްރެކްޓިހުގެ ޕްރީ ސީޒަނަކަށް ފަހު މާޒިޔާ ކަހަލަ ވަރުގަދަ ބޮޑު ސްކޮޑެއް އޮތް ޓީމެއް ބަލިކުރެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް ކަމަށެވެ.
"މިއީ އަސްލުގަ ވަރަށް މުހިންމު މޮޅެއް. މީގެ ކުރިން ބޮޑެތި ޓީމްތައް ބަލިކުރެވިފައިހުރީ ރަނގަޅު ޕްރީ ސީޒަނެއް ހަދައި ރަނގަޅަށް ތައްޔާރުވެގެން. އެކަމަކު، މި ފަހަރު މުޅިން ތަފާތު ހަމަ ކުޅުންތެރިންތަކެއް އެއްކޮށްލައިން އައިސް ހޯދުނު ވިން އެއް މިއީ. މިއީ އަމިއްލަ އަށް ވެސް ފާހަގަކޮށްލެވޭ އަދި މި ކުލަބަށް ވަރަށް މުހިންމު ވިން އެއް."
އޭނާ މި މޮޅާ އެކު ބުރުގެ ކުޅުންތެރިންގެ ކޮންފިޑެންސަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށާއި، އޭގެ ސަބަބުން ޓީމަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment