Advertisement

ސެވިއްޔާ އިން ޔޫރޮޕާ ލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފި

21 އޭޕްރީލް 2023 - 05:44 0

ޔުނައިޓެޑްގެ ކެޕްޓަން މެގުއާ (މ) އަތުން ބޯޅަ ހޯދަން ސެވިއްޔާގެ ރަކިޓިޗް (ކ) އާއި ގުޑެލް މަސައްކަތް ކުރަނީ.


ސެވިއްޔާ އިން ޔޫރޮޕާ ލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފި

21 އޭޕްރީލް 2023 - 05:44 0

ސެވިލް، ސްޕެއިން (އޭޕްރީލް 21) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ސެވިއްޔާ ދަނޑުގައި 3-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑް ދަނޑުގައި އެ ޓީމުން ވަނީ 2-2 އިން ސެވިއްޔާއާ އެއްވަރުވެފަ އެވެ. އެ މެޗު އެއްވަރުވުމުން ރޭގެ މެޗަށް ނުކުތްއިރު އޮތީ ކޮންމެ ޓީމެއް މޮޅުވިޔަސް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. އެކަމަކު، ޔުނައިޓެޑް ދަނޑުގައި ވެސް އެ ޓީމު ސެވިއްޔާއާ އެއްވަރުވީ ފަަހަތުން ގޯސްތަކެއް ހެދިގެން ކަމަށްވާއިރު، ރޭގެ މެޗުގައި ވެސް އެ ޓީމު ޖެހިފައިވަނީ އެ ހާލުގަ އެވެ.

ޔުނައިޓެޑް ދަނޑުގައި މިދިޔަ ހަފްތާގައި ސެވިއްޔާ އިން އެއްވަރުކުރަން ޖެހި ގޯލަކީ އެ ޓީމުގެ މޮރޮކޯ ފޯވާޑް ޔޫސެފް އެންނެސީރީ ބޮލުން ޖެހި ބޯޅައެއް ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ބޮލުގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. ސެވިއްޔާ ދަނޑުގައި ރޭ އެ ޓީމުން ލީޑުނެގީ އަށް ވަނަ މިނިޓްގައި އެން ނެސީރީ ޖެހި ގޯލަކުންނެވެ. މިއީ މެގުއާ ހެދި ގޯހެއްގެ ފައިދާނަަގައި އެން ނެސީީރީ ޖެހި ލަނޑެކެވެ. މިއީ، ސެވިއްޔާ އަށް އެން ނެސީރީ ޖަހައިިދިން 50 ވަނަ ގޯލެވެ.

ސެވިއްޔާގެ ލޫކަސް އޮކަމްޕޯސް އެ ޓީމަށް ލީޑުފުޅާކޮށްދޭން ޖެހި ގޯލު އޮފްސައިޑް ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމިއިރު، ޔުނައިޓެޑަށް ނަތީޖާ ހަަަމަހަމަ ކޮށްދޭން ލިބުނު ފުރުސަތުތަކުން އެ ޓީމުގެ ބައެއް ބޯޅަތައް ހުއްޓުވުމުގައި ސެވިއްޔާ އަށް ކުޅޭ މޮޮރޮކޯ ކީޕަރު ޔާސީން ބޯނޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ސެވިއްޔާ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. މިއީ ކޯނަރަކުން ސެވިއްޔާގެ ކެޕްޓަން، އިވާން ރަކިޓިޗް ނެގި ބޯޅައަކުން ސެވިއްޔާގެ ލޮއިކް ބާޑޭ ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ހުއްޓައި، ސެވިއްޔާގެ ތިން ވަނަ ގޯލު ޖެހީ ވެސް އެން ނެސީރީ އެވެ. މިއީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހެދި ބޮޑު ގޯހެއްގެ ފައިދާނަަގައި އެން ނެސީީރީ ޖެހި ގޯލެކެވެ.

ޔޫރޮޕާ ލީގުގައި ރޭ ޔުވެންޓަސް އިން ވަނީ 1-1 އިން ސްޕޯޓިން ދަނޑުގައި އެއްވަރުކޮށް، ސެމީ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. އެގްރިގޭޓުން ޔުވެންޓަސް އަށް ކުރި ލިބެނީ 2-1 އިންނެވެ. އިތުރު ވަގުތު ކުޅެގެން، ފެޔަނޫޑް 4-1 އިން ބަލިކޮށް، އެގްރިގޭޓަށް ބަލާއިރު، 4-2 އިން ކުރިހޯދައި، ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ ވެސް ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ. އަދި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް ދަނޑުގައި 4-1 އިން މޮޅުވެ، ޒަބީ އަލޮންސޯގެ ބަޔާ ލެވަކޫސަން ވެސް ވަނީ މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފަ އެވެ.

ސެމީގައި ރޯމާ އާއި ލެވަކޫސަން ބައްދަލުކުރާއިރު، ސެވިއްޔާ ކުޅޭނީ ޔުވެންޓަސްއާ އެވެ.

ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް، ކޮންފަރެންސް ލީގުގެ ސެމީން ފުރުސަތު ހޯދާފައިވާ ޓީމުތައް އެ ބުރުގައި ކުޅެން ޖެހިފައިވާ ގޮތަށް ބަލާއިރު، އިނގިރޭސި ކްލަބް، ވެސްޓް ހޭމް ޔުނައިޓެޑުން ކުޅޭނީ ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރާ އެވެ. އަދި އަނެއް ސެމީގައި ފިއޮރެންޓީނާ އިން ނުކުންނާނީ ބަސެލްއާ ދެކޮޅަށެވެ.