Advertisement

ޝާޒް, މެމްބަރުކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހު

20 އޭޕްރީލް 2023 - 11:27 0


ޝާޒް, މެމްބަރުކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހު

20 އޭޕްރީލް 2023 - 11:27 0

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް އަންނަ ހޯމަ ދުވަހު މަގާމުގެ ހުވާކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްއާ ވާދަކޮށް، އެމްޑީޕީގެ ކެންޑިޑޭޓު ޝާޒު ކާމިޔާބުކުރެއްވީ 1346 ވޯޓުންނެވެ.

އޭނާއާ ވާދަކުރި ޕީޕީއެމްގެ ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 122 ވޯޓެވެ.

އެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާނުކޮށްފައިވާއިރު، މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ޝާޒް މަގާމުގެ ހުވާކުރައްވާނީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.

"އަދި އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ،" މަޖިލީހުން ބުންޏެވެ.

މި ބައި އިލެކްޝަން ބޭއްވީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާ ގުޅިގެންނެވެ. ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބެއް ނުލިބެ އެވެ.

ވޭތުވެ ދިޔަ ދެ މަޖިލީހާއި މިހާރު ހިނގަމުންދާ މަޖިލީހުގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކުރީގެ މެމްބަރު ރިޒާ އެވެ.

ޝާޒުއާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ މެމްބަރުންގެ އަދަދު 68 އަށް އެރީ އެވެ. އެންމެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ.