Advertisement

ޗެމްޕިއަންސް ލީގުގެ ސެމީގައި މިލާން ޑާބީ އެއް

20 އޭޕްރީލް 2023 - 05:34 0

އިންޓަގެ ލަޓާރޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ޗެމްޕިއަންސް ލީގުގެ ސެމީގައި މިލާން ޑާބީ އެއް

20 އޭޕްރީލް 2023 - 05:34 0

މިލާން (އޭޕްރީލް 20) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީގެ މިލާނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރަން ޖެހިއްޖެ އެވެ.

އިންޓަ އިން ރޭ ކުޅުނު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ވަނީ ބެންފީކާއާ 3-3 އިން އެއްވަރުވެފަ އެވެ. އިންޓަ މޮޅުވީ ފުރަތަމަ ލެގުގައި ބެންފިކާ ދަނޑުގައި ނެގި 2-0 ގެ ލީޑަކާ އެކު، 5-3 އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ސެމީގައި އިންޓަ އިން ކުޅޭ މިލާން ސެމީ އަށް ދަތުރުކުރީ އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ބަލިކޮށްފަ އެވެ.

ބެންފީކާ ކެޓުމާ އެކު، 2016 ވަނަ އަހަރުގެ ފަހުން، ފުރަތަމަ ފަހަރަށް އިޓަލީގެ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަނެއްކޮޅުން، މިއީ 2010 ވަނަ އަހަރުގެ ފަހުން އިޓަލީ ޓީމަކަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ފުރުސަތު އޮތް ފަހަރެކެވެ. އެންމެ ފަހުން، އިޓަލީ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލީ 2010 ވަނަ އަހަރު އިންޓަ އެވެ. މިލާނުން ވަނީ އެންމެ ފަހުން އެ ޓީމު ސެމީ ފައިނަލުގައި ކުޅުނު ފަހަރު ތަށި އުފުލާލައިފަ އެވެ. އެއީ މީގެ 16 އަހަރު ކުރިން، 2007 ވަނަ އަހަރު އެވެ.

އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް 14 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ނިކޯލޯ ބަރޭލާ އެވެ. މިއީ އިންޓަގެ އާޖެންޓީނާ ފޯވާޑް، ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން ބަރޭލާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންފީކާގެ ފްރެޑްރިކް އޯސޫނެސް ބޮލުން ގޯލެއް ޖަހައި އެއްވަރުކުރި އެވެ.

އިންޓަ އިން ދެ ވަނަ ހާފުގައި ޖެހި ދެ ގޯލުގައި ވެސް ފެޑެރީކޯ ޑި މާކޯ އިސް ރޯލެއް ކުޅުނެވެ. ޑި މާކޯ ދިން ބޯޅަތަކުން އިންޓަގެ ގޯލުތައް ޖެހީ މާޓީނޭޒް އާއި އަންދްރެއާ ކޮރޭއާ އެެވެ. މިއީ މިދިޔަ މަހުގެ ކުރީކޮޅުގެ ފަހުން މާޓީނޭޒްގެ ފުރަތަަމަ ގޯލެވެ. އަދި މިދިޔަ އޮކްޓޫބަރުގެ ފަހުން ކޮރޭއާ ޖެހި ފުރަތަމަ ގޯލެވެ.

ބެންފީކާ އިން ވަނީ ފަހު ވަގުތު ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ހުއްޓައި، ބެންފީކާގެ އަލެހަންްދްރޯ ގްރިމާލްޑޯ ދިން ބޯޅައަކުން އެ ޓީމުގެ އަންޓޯނިއޯ ސިލްވާ ގޯލެއް ޖެހި އެވެ. އަދި އިތުރު ވަގުތުގައި އޭރިއާތެރެއިން ޕީޓާ މޫސާ ވަނީ ގޯލެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ރޭގެ މެޗަށް ފަހު އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ ދެ ލެގަށް ބަލާއިރު، އިންޓަ އިން މޮޅަށް ކުޅުނު ކަމަށާއި ހައްގު މޮޅެއް ލިބި ސެމީ ފައިނަލަށް ދަތުރުކުރުމަކީ މި ސީޒަނުގައި އިންޓަ ކުރިއަށް ފިޔަވަޅެއް އެޅި ކަމުގެ ހެއްކެއް ކަމަށެވެ.

ސެމީގައި މިލާނާ ދެކޮޅަށް ކުޅުމާ ބެހޭގޮތުން، އިންޒާގީ ބުނީ މިއީ އިޓަލީ ފުޓްބޯޅަ އަށް ހާއްސަވާނެ މެޗެއް ކަމަށެވެ. މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި މިލާން ޑާބީއެއް ކުޅެވޭނެ ތިން ވަނަ ފަހަރެވެ. އެ ގޮތުން، 2002/2003 ވަނަ އަހަރުގެ ސެމީ ފައިނަލުގައި މިލާނުން ވަނީ އަވޭ ގޯލުން އިންޓަގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި 2004/2005 ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައި ދެ ލެގަށް ބަލާއިރު، އިންޓަގެ މައްޗަށް މިލާނުން ކުރިހޯދީ 5-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.