Advertisement

މުޅި މެޗު އެއްވަރެއްގައި ކުޅުމަކީ މާޒިޔާ އަށް އޮތް ޗެލެންޖު

20 އޭޕްރީލް 2023 - 06:13 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

މާޒިޔާގެ ކޯޗު އިވާން: މާޒިޔާ އަށް އޮތް ޗެލެންޖްތަކާ ބެހޭގޮތުން ވަނީ ވާހަކަ ދައްކާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުޅި މެޗު އެއްވަރެއްގައި ކުޅުމަކީ މާޒިޔާ އަށް އޮތް ޗެލެންޖު

20 އޭޕްރީލް 2023 - 06:13 0

މާޒިޔާ ކުޅޭ ކޮންމެ މެޗެއްގައި އެ ޓީމު ބޮޑު ތަފާތަކުން މޮޅުވާނެކަމަށް އެންމެން އުންމީދުކުރާ ކަމަށާއި، ބޮޑު ތަފާތުން މޮޅުވުމަށް ވުރެ ބޮޑަށް އޭނާ އިސްކަންދެނީ އޭނާގެ ޓީމުން އެއް ފެންވަރެއްގައި މުޅި މެޗުގައި ކުޅުމަށް ކަމަށް ކޯޗު، ބަލްގޭރިއާގެ އިވާން ވެންކޯ ކޮލޭވް ބުނެފި އެވެ.

ސީޒަނަށް އެންމެ ދުރާލާ ތައްޔާރުވި މާޒިޔާ އިން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީ 2-0 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި މިރޭ ބުރާ ދެކޮޅަށް ނުކުންނައިރު ކޯޗު އިވާން އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންމެ މެޗެއްގެ ދެ ވަނަ ހާފުގައި ޓީމަށް އެންމެ އެކަށީގެންވާ ކުޅުން ނުދެއްކުމެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އިވާން ބުނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮންމެ މެޗެއް ވެސް ބޮޑުތަފާތުން މާޒިޔާ ކާމިޔާބުކުރާނެ ކަމަށާއި، އެއީ، އެކަމަކު، އޭނާ އެހާ ބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫން ކަމަށެވެ.

ސާޅީސް އަހަރުގެ ކޯޗިން ތަޖުރިބާ ލިބިފައިވާ، އިވާން ބުނީ މާޒިޔާ އިން ރަނގަޅު ކޮމްބިނޭޝަން އެޓޭކަތަކެއް ކުރުމަށް ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެެވެ. އަދި އެކަމަށް ޓީމުގެ ޓްރެއިނިން ރާވައި، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އިވާން ބުނެފައިވެ އެވެ.

އިވާން ބުނީ ކޮންމެ މެޗެއް ވެސް ރަނގަޅަށް ޑޮމިނޭޓް ކުރުން މުހިންމު ކަމަށާއި މިހާތަނަށް ސީޒަންގައި ކުޅުނު ދެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް އެ ޓީމުން ދެއްކި ކަމަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ، މެޗުތަކުގެ ދެ ވަނަ ހާފުގައި ފެންނަނީ އެންމެ އެދެވޭ ކުޅުމެއް ނޫން ކަމަށެވެ.

"އަހަރުމެންނަށް ވަރަށް މުހިންމު ކޮންމެ މެޗެއް ރަނގަޅަށް ޑޮމިނޭޓްކުރުން. މުޅި މެޗު ޑޮމިނޭޓްކުރެވިގެން ބޭނުންވާ ލެވެލްއަށް ދެވޭނީ. އަދި އަހަރުމެންނަށް އެކަން މި ކުރެވެނީ އެއް ހާފުގައި. މިސާލަކަށް މިދިޔަ މެޗުގައި ދެވަނަ ހާފުގައި މާޒިޔާ އަށް ކުޅެން އުނދަގޫވީ އަނެއް ޓީމްގެ ޓެކްޓިކްސްގެ ސަބަބުން. އެއީ އެޓީމްގެ ޕްލޭން. އަހަރުމެން އެބަ ޖެހޭ މިކަހަލަ ކޮންމެ ޕްލޭނަކަށް ތައްޔާރުވާން" އިވާން ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގެ ފުރުސަތު ބުރަށް އޮތް ހަމައެކަނި ގޮތަކީ މިރޭ މާޒިޔާ ބަލިކުރުމެވެ. އެ ޓީމުން މި މެޗަށް ނިކުންނާނެ ވިސްނުމާ ގުޅޭގޮތުން ސުވާލުކުރުމުން އިވާން ބުނީ މާޒިޔާގެ ފޯކަސް އަބަދުވެސް ހުންނާނީ އެ ޓީމްގެ ތައްޔާރީތަކަށް ކަމަށާއި އެ ޓީމްގެ ޓާގެޓްތައް ހާސިލްކުރުމަށް ކުޅުންތެރިންގެ ފޯކަސްވެސް ހުރީ ރަނގަޅު މިސްރާބުގައި ކަމަށެވެ.

އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކުންވެސް ތަފާތު ގޮތަކަށް މާޒިޔާގެ ކުޅުން ހަލާކުކުރަން ވިސްނާނެ ކަމަށާއި، އެކަމަށް އޭނާ ތައްޔާރުވާނެ ކަމަށް ވެސް އިވާން ވަނީ ބުނެފަ އެވެ.

އިވާން ބުނީ މާޒިޔާގެ އެންމެ ބޮޑު ޓާގެޓަކީ އޭއެފްސީ ކަޕް ކަމަށާއި، ސީޒަންގެ ކޮންމެ މެޗަކީވެސް އެ މިސްރާބަށް ވާސިލްވާން ކުރަމުން އަންނަ ތައްޔާރީތަކުގެ މުހިންމު ބައެއް ކަމަށެވެ.

"އަހަރެންވެސް ކުޅުންތެރިންވެސް ނުވިސްނާނެ އިދިކޮޅު ޓީމާމެދު. އަހަރުމެން ވިސްނަނީ އަހަރުމެންގެ ތައްޔާރީތަކާމެދު. އަހަރުމެންގެ ޓާގެޓާމެދު އަހަރުމެން ވަރަށް ސީރިއަސް،" އިވާން ބުންޏެވެ.

"ކޮންމެ މެޗަކީވެސް މާޒިޔާއަށް މުހިންމު މެޗެއް. މާޒިޔާގެ ކުރިއެރުން ދެނެގަންނަން. އެކި ކަހަލަ ޓީމްތައް މިއޮތީ. ކޮންމެ ޓީމަކުން މާޒިޔާއާ ދެކޮޅަށް އެ ކުޅޭނީ ޑިފެންސިވް ގޭމެއް. އެކަމަށް އަހަރުމެން ރަނގަޅަށް ތައްޔާރުވާންވެސް ޖެހޭ. ސަބަބަކީ އަހަރުމެންނަކީ ޗެމްޕިއަނުން. ދެން ދާނީ އޭއެފްސީ ކަޕަށް. އެ މުބާރާތުން ރަނގަޅު ނަތީޖާ ނެރެވޭނީ ލޯކަލީ މި މެޗުތަކުގެ ބޭނުން ރަނގަޅަށް ކޮށްގެން. މި ލެވަލްގައި މި ގޮތަށް ކުޅެން ޖެހުމުން އޭއެފްސީ ލެވަލްގައި ކުޅެން އުނދަގޫވެފައި މާޒިޔާ އަށް އޮތީ."

މިދިޔަ ދެ މެޗުގައި ފެނުނު ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައި ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފަން މަސައްކަތް ކުރާނެ ކަމަށް އިވާން ވަނީ ބުނެފަ އެވެ.

މާޒިޔާ އާއި ބުރު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:00 ގަ އެވެ.