Advertisement

މާރާމާރީ މައްސަލައިގައި މާނޭ އަށް 350،000 ޑޮލަރުގެ ޖޫރިމަނާއެއް

19 އޭޕްރީލް 2023 - 14:38 0


މާރާމާރީ މައްސަލައިގައި މާނޭ އަށް 350،000 ޑޮލަރުގެ ޖޫރިމަނާއެއް

19 އޭޕްރީލް 2023 - 14:38 0

މިއުނިކް (އޭޕްރީލް 19) - ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީ އަތުން ބަޔާން މިއުނިކް ބަލިވި މެޗުގައި އެ ޓީމުގެ ލެރޯއި ސާނޭ މޫނުމަތީގައި ޖަހައި، ސަޑިއޯ މާނޭ މާރާމާރީ ހިންގި މައްސަލައިގައި އޭނާ އަށް ދިނީ އެއް މެޗުގެ ސަސްޕެންޝަނެއްގެ އިތުރުން 350،000 ޑޮލަރުގެ ޖޫރިމަނާއެއް ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.

ސިޓީ ދަނޑުގައި މީގެ ހަފްތާއެއް ކުރިން 3-0 އިން ބަޔާން ބަލިވި މެޗުގެ ދެ ވަނަ ހާފުގައި މާނޭ ބަދަލަކަށް ކުޅެން އެރި ފަހުން، ދަނޑުމަތީގައި ސާނޭއާ ދެމެދު ޒުވާބެއް ހިނގި އެވެ. މެޗަށް ފަހު އެކަން އިތުރަށް ގޯސްވެ، މާނޭ ގޮސް ސާނޭ މޫނުމަތީގައި ޖަހާފައިވާ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ދެ ކުޅުންތެރިން ދުރުކުރަން ޖެހުނީ ޓީމުގެ އެހެން ކުޅުންތެރިން ވެގެން ކަމަށް ވެސް ވަނީ މީޑިއާތަކުން ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން، 2012 ވަނަ އަހަރު ފްރޭންކް ރިބެރީ އާއި އާރްޔެން ރޮބެން ބަޔާނަށް ކުޅެމުން ދަނިކޮށް ހިނގި މި ކަހަލަ ކަމެއްގެ ސަބަބުން އޭރު ބަޔާނުން ރިބަރީ ޖޫރިމަނާކޮށްފައިވަނީ 60،000 ޑޮލަރުންނެވެ.

ބަޔާންގެ ރައީސް ހާބަޓް ހައިނާ ވިދާޅުވީ އުސޫލުތައް އޮތްގޮތުން ބަޔާނުން ބޭނުންނަމަ މާނޭގެ މުޅި މަސް ދުވަހުގެ މުސާރަ ވެސް ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.

"އެކަަމަކު، އަހަރެން ބޭނުމެއް ނުވި އެ ގޮތަށް މި ކަން ކުރާކަށް. އަހަރެމެންގެ ކުޅުންތެރިންނާ މުޅި ޓީމާ މެދު އަހަރެމެން ވިސްނަން،" ހައިނާ ވިދާޅުވި އެވެ.

ލިވަޕޫލް ދޫކޮށް ބަޔާނާ މި ސީޒަނުގައި ކުޅުނު މާނޭ އަށް ބަޔާނުގައި އަންނަ ސީޒަނުގައި ފުރުސަތު ނުލިބޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އެ އަށް ސީދާ ޖަވާބެއް ދިނުމެއް ނެތި، ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެއްވެސް ކުޅުންތެރިއަކަށް ޓީމުގެ މަަސްލަހަތު ގެއްލޭނެ ފަދަ ކަމެއް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

ސިޓީއާ ދެކޮޅަށް މިރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ބަޔާން ކުޅޭ މެޗުގައި މާނޭ ކުޅޭނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

"އަހަންނަށް ސަޑިއޯ (މާނޭ) އެނގޭތާ އަހަރުތަކެއް ވެއްޖެ، އޭނަ އަކީ ޓޮޕް ޕްރޮފެޝަނަލެއް. އޭނަގެ އެ ކަހަލަ ކަންކަމަަކީ މީގެ ކުރިން ފެނިފައިވާ ކަމެއް ނޫން. އަހަރެމެން އެކަމަކު، މި ކަހަލަ ކަމެއް ދިމާވެއްޖިއްޔާ ވިސްނަން ޖެހޭ ކްލަބްގެ މަސްލަހަތަށް. އެހެންވީމަ ނިންމަން ޖެހޭ ނިންމުމެއް އެ ހާލަތަކާއި މައްސަލައިގެ ބާވަތުން އަންނާނެ،" ޓުޗެލް ބުންޏެވެ.

ބަޔާން ދަނޑުގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ، ރާއްޖެ ގަޑިން 00:00 ގަ އެވެ.