17 އޭޕްރީލް 2023 - 05:56 0
17 އޭޕްރީލް 2023 - 05:56 0
ލަންޑަން (އޭޕްރީލް 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލި މެޗުގައި އެ ޓީމުގެ އެންތަނީ ވިދާލައިފި އެވެ.
ސަތޭކަ މިލިއަން ޑޮލަރުގެ ޑީލެއްގައި އަޔަކްސް ދޫކޮށް، މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ވިންގް، އެންތަނީ ވަނީ މި މެޗުގައި ގޯލެއް ޖެހުމުގެ އިތުރުން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ ލީގުގެ އެއް މެޗެއްގައި އެންތަނީ ގޯލެއް ޖަހައި، އެސިސްޓެއް ހެދި ފުރަތަމަ ފަހަރެެވެ.
މި މޮޅާ އެކު ޔުނައިޓެޑް ލީގުގެ ތިން ވަނަ އަށް ޖެހިލީ 30 މެޗުން 59 ޕޮއިންޓާ އެކު އެވެ. ކުރިން ތިނެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވަނީ ހަތަރަކަށް ވެއްޓިފަ އެވެ. ނިއުކާސަލް އަށް 30 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ.
ޔުނައިޓެޑް އަތުން ބަލިވެ، ނޮޓިންހަމް ފޮރެސްޓް ވަނީ ރެލިގޭޝަން ޒޯނަށް ސޮއްސާލައިފަ އެވެ. ނޮޓިންހަމް ފޮރެސްޓަށް 31 މެޗުން 27 ޕޮއިންޓް ލިިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ 18 ވަނައިގަ އެވެ.
ނޮޓިންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ގޯލްކީޕަރު، ކޭލޯ ނަވާސް ވަނީ ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
މި މެޗުގައި ޔުނައިޓެޑުން ލީޑުނެގީ 32 ވަނަ މިނިޓްގައި އެންތަނީ ޖެހި ގޯލުންނެވެ. މިއީ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް ޖެހި ބޯޅައެއް ކީޕަރު ނަވާސް އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސުން އެންތަނީ ޖެހި ގޯލެކެވެ.
ޔުނައިޓެޑަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ބްރޫނޯ ފެނާންޑޭސް ދެ ވަނަ ހާފުގައި ޖެހި ރަނގަޅު ދެ ޝޮޓެއް ކީޕަރު ނަވާސް ވަނީ ހުއްޓުވައިފަ އެވެ. ދެ ވަނަ ލަނޑެއް ޖެހުމަށް ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. އެންތަނީ ދިން ބޯޅައަކުން މި ލަނޑު ޖެހީ ޑިއޯގޯ ޑަލޯ އެވެ. މިއީ ޕޯޗުގީސް ފުލްބެކް، ޑަލޯ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment