Advertisement

ސާއިދުގެ ވިދުން ފަނޑެއްނުވި، އިންޑިއަން ގްރޯން ޕްރީ ފަހު މުބާރާތުން ވެސް ރިހި މެޑަލް

16 އޭޕްރީލް 2023 - 13:10 1

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


ސާއިދުގެ ވިދުން ފަނޑެއްނުވި، އިންޑިއަން ގްރޯން ޕްރީ ފަހު މުބާރާތުން ވެސް ރިހި މެޑަލް

16 އޭޕްރީލް 2023 - 13:10 1

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގެ ފަހު މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހި މެޑަލް ހޯދައިފި އެވެ.

މި އަހަރު އިންޑިއާގައި ވަނީ އިންޑިއަން ގްރޯން ޕްރީގެ ހަތަރު މުބާރާތެއް ބާއްވައިފަ އެވެ. މި ހަތަރު މުބާރާތުގައި ވެސް ރާއްޖޭގެ ސާއިދު ވާދަކުރިއިރު، ދެ ރަން މެޑައްޔާއި، ތިން ރިހި މެޑަލް އަދި ތިން ލޯ މެޑަލް އެއް ވަނީ ހޯދައިފަ އެވެ.

ގްރޯން ޕްރީގެ ހަތަރު ވަނަ މުބާރާތުގައި ސާއިދު ރިހި މެޑަލް ހޯދީ 100 މީޓަރު ދުވުމުންނެވެ. އެ ގޮތުން، 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 10.53 ސިކުންތުން ރޭސް ނިންމި އައްސާމްގެ އަމްލާން ބޯގޮހޭން އެވެ. ސާއިދު ދެ ވަނަ އަށް ދިޔައީ 10.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ވަނަ އަށް ދިޔައީ ޗަތިސްގަރުގެ އަނިމޭޝް ކުޖޫރު އެވެ.

އިންޑިއަން ގްރޯން ޕްރީގެ ހަތަރު މުބާރާތުގެ ތެރެއިން ސާއިދު ދެ ރަން މެޑަލް ހޯދީ ފުރަތަމަ މުބާރާތުގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުންނެވެ. ދެ ވަނަ މުބާރާތުގެ 100 މީޓަރު ދުވުމުން އޭނާ ލޯ މެޑަލް ހޯދިއިރު 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި އެވެ.

އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ މުބާރާތުގެ 100 މީޓަރާއި 200 މީޓަރު ދުވުމުންވެސް އޭނާ ލޯ މެޑަލް ހޯދި އެވެ.

އިންޑިއަން ގްރޯން ޕްރީ އަކީ މި އަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ގައުމީ އެތުލެޓިކްސް ޓީމްގެ ފެންވަރު ވަޒަންކޮށްލަން ލިބުނު ރަނގަޅު ފުރުސަތެކެވެ.

އިންޑިއަން ގްރޯން ޕްރީގެ ހަތަރު މުބާރާތުގައި ސާއިދުގެ އިތުރުން ރާއްޖޭގެ ސްޕްރިންޓް އަދި މިޑްލް ޑިސްޓަންސް ދުވުންތެރިން ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ.

އެ ގޮތުން 800 މީޓަރު މުބާރާތުގައި ދުވެ އައިޝަތު ޖައިޝާ ޖުނީޒު ލޯ މެޑަލް އެއް ހޯދި އެވެ. އަދި ގްރޯން ޕްރީގެ ތިން ވަނަ މުބާރާތުގެ އަންހެނުންގެ 200 މީޓަރު ދުވުމުން ޒިވާ މޫސާ ޝަފީއު ވެސް ލޯ މެޑަލް ހޯދި އެވެ.