Advertisement

‏ގުރައިދޫ ދާއިރާގެ ގޮނޑި ލިބުމަކީ ބޮޑު ކުރިއެރުމެއް: ރައީސް

16 އޭޕްރީލް 2023 - 00:03 0

ބައި އިލެކްޝަންގެ ކުރިން ޝާޒު ރައީސް ސޯލިހާ، ރަސްމީ ގެކޮޅު، މުލިއާގޭގައި ބައްދަލު ކުރައްވަނީ.


‏ގުރައިދޫ ދާއިރާގެ ގޮނޑި ލިބުމަކީ ބޮޑު ކުރިއެރުމެއް: ރައީސް

16 އޭޕްރީލް 2023 - 00:03 0

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްއާ ވާދަކޮށް، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒު ކާމިޔާބު ކާމިޔާބުކުރީ 1346 ވޯޓުންނެވެ.

އޭނާއާ ވާދަކުރި ޕީޕީއެމްގެ ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 122 ވޯޓެވެ. މި ތިން ކެންޑިޑޭޓުން ނިސްބަތް ވަނީ ގުރައިދޫ އަށެވެ.

ބައި އިލެކްޝަން ކާމިޔާބު ކުރި ޝާޒަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، "މި އިންތިހުބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް" ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުމުގެ" މެމްބަރުން ގުރައިދޫ ބައި އިލެކްޝަންގައި ޝާޒަށް ކެމްޕެއިނެއް ނުކޮށްދެ އެވެ.

މި ބައި އިލެކްޝަން ބޭއްވީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާ ގުޅިގެންނެވެ. ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބެއް ނުލިބެ އެވެ.

ވޭތުވެ ދިޔަ ދެ މަޖިލީހާއި މިހާރު ހިނގަމުންދާ މަޖިލީހުގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކުރީގެ މެމްބަރު ރިޒާ އެވެ.

ޝާޒުއާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ މެމްބަރުންގެ އަދަދު 68 އަށް އެރީ އެވެ. އެންމެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ.

މިފަހަރުގެ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 3423 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 2755 އެވެ. އެއީ 80.48 ޕަސެންޓު މީހުންނެވެ.