Advertisement

ފަހު ވަގުތު ހަލަބޮލިވި ނަމަވެސް ގުރައިދޫ ދާއިރާ އިންތިހާބުގެ ވޯޓުލުން ނިންމާލައިފި

15 އޭޕްރީލް 2023 - 17:19 0

މާލޭގައި ގާއިމް ކުރި ވޯޓުލާ މަރުކަޒު ކައިރި: މީގެ ކުރިން ތިން ދައުރު ވެސް އެ ގޮނޑި ފުރުއްވީ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ފަހު ވަގުތު ހަލަބޮލިވި ނަމަވެސް ގުރައިދޫ ދާއިރާ އިންތިހާބުގެ ވޯޓުލުން ނިންމާލައިފި

15 އޭޕްރީލް 2023 - 17:19 0

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހަވީރު 5:00 ޖެހިތަނާ ހުއްޓާލައިފި އެވެ.

ވޯޓުލުން ހުއްޓާލި ވަގުތު މާލޭގައި ހުރި އިންތިހާބީ މަރުކަޒު ކައިރި ހަލަބޮލިވި އެވެ. އެއީ މޫސުން ގޯސްވެގެން ކަމަށް ބުނެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަނުން އިތުރު އެއް ގަޑިއިރަށް ދަންމާލުމުން އެކަމާ އިދިކޮޅު ޕީޕީއެމުން ހިތްހަމަނުޖެހިގެނެވެ.

މިއަދުގެ އިންތިހާބުގައި ވާދަ ކުރެއްވީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިބްރާހިމް ޝާޒް އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހުސެއިން ރިޒާ އާދަމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަލީ އަރީފެވެ.

ކުރިން ވޯޓުލުން ނިންމާލަން އޮތީ ހަވީރު 4:00 ޖަހާއިރަށެވެ. ނަމަވެސް ވާރޭ ވެހުމުން އިލެކްޝަންސް ކޮމިޝަނުން ވަގުތު އިތުރު ކުރީ އެވެ. ވޯޓު ގުނަން ހަމަޖެހިފައި އޮތީ ރޯދަ ވީއްލައި ނިމިގެނެވެ.

އެ އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެއީ ގުރައިދޫއިން 1394 މީހުންނާއި މާފުށިން 1366 މީހުންނާއި ގުޅިން 663 މީހުންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ، 55، ނިޔާވުމުންނެވެ. އޭނާ ނިޔާވީ ކެންސަރަށް ފަރުވާ ކުރަމުންދާތާ ގިނަ ދުވަސްތަކަކަށްފަހެވެ.

ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފް ކުރި ފަހުން ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވީ އިބްރާހިމް ރިޒާ އެވެ. މީގެ ކުރިން 2009 ވަނަ އަހަރާއި 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު އިންތިހާބު ރިޒާ ކާމިޔާބު ކުރެއްވީ ސާފު އަގުލަބިއްޔަތާއެކު އެވެ.