14 އޭޕްރީލް 2023 - 11:59 0
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ މުބާރާތުގެ ތެރެއިން ރާއްޖޭގެ ރަފާ އާއި ދީމާ ގައުމީ ސަލާމަށް ހުއްޓިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު ފައިލް ފޮޓޯ
14 އޭޕްރީލް 2023 - 11:59 0
ރާއްޖޭގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސްގެ އެއް ވަނަ ޕެއާ، އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ އަންނަ މަހު ސައުތު އެފްރިކާގައި ބާއްވާ ޓޭބަލް ޓެނިހުގެ ދުނިޔޭގެ މުބާރާތް، ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލްސް އަށް ކޮލިފައިވެއްޖެ އެވެ.
ޑާބަންގައި އަންނަ މަހު 20-28 އަށް ކުރިއަށްދާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ އެންމެ ބޮޑު މުބާރާތަށް މުޅި ސައުތު އޭޝިއާ އިން ވެސް އަންހެން ޑަބަލްސް އިވެންޓަށް ކޮލިފައިވީ ދެ ޕެއާ އެކެވެ. އެއީ ރަފާ އާއި ދީމާގެ ޕެއާގެ އިތުރުން އިންޑިއާގެ ޕެއާ އެކެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއް. އަނެއްކާ ވެސް މި ދެ ކުދިން މި ވަނީ ގައުމު ފަހުރުވެރިކޮށްދީފައި،" ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފައިވެ އެވެ.
ދީމާ އާއި ރަފާ ވެސް މި ވަގުތު އަންނަނީ ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބު ހޯދުމަށް ރާއްޖޭން ބޭރުގައި އެކި ޓްރެއިނިންތައް ފުރިހަމަކުރަމުންނެވެ. ދީމާ ހުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން 2024 ޕެރިސް އޮލިމްޕިކްސް ސޮލަޝިޕާއި، ޔޫތު މިނިސްޓްރީގެ "އަރުތަ" ޕްރޮގްރާމްގައި ބައިވެރިކޮށްފަ އެވެ. އަދި ރަފާ އަކީ ވެސް "އަރުތަ" ޕްރޮގްރާމުގައި ހިމަނާފައިވާ އެތުލީޓެކެވެ.
ރާއްޖޭގެ ކުޅިވަރުތަކުން މި ފަހުން ބައިނަލްއަގުވާމީ ލެވަލްގައި ހޯދާފައިވާ މެޑަލްތަކުގެ އަދަދަށް ބަލާއިރު، އެންމެ ގިނައިން މެޑަލް ހާސިލްކުރި ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް ހިމެނޭނެ އެވެ.
މިދިޔަ އަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީމު އިވެންޓުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެ ކާމިޔާބީގައި ވެސް ރަފާ އާއި ދީމާ އިސް ދައުރެއް އަދާކުރި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ޕޯޗުގަލްގެ ވިޔަ ރެއަލްގައި ކުރިއަށްދިޔަ ދުނިޔޭގެ ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް ދީމާ ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ރަފާ ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިވެންޓްގައި ގްރޫޕްގެ އެއް ވަނަ ހޯދައި، ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަކޮށްފަ އެވެ.
ބައިނަލްއަގުވާމީ ލެވަލްގައި ދީމާ އާއި ރަފާގެ ޕެއާ އިން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދައިފަ އެވެ.
Comment