Advertisement

މެގުއާ އަތުން ބައިކޮޅަށް ވަން ގޯލުން ޔުނައިޓެޑްގެ ލީޑު ގެއްލިއްޖެ

14 އޭޕްރީލް 2023 - 05:32 0

ޔުނައިޓެޑް ކޮޅަށް ސެވިއްޔާ އިން ދެ ވަނަ ގޯލު ޖެހުމުން ޔުނައިޓެޑްގެ މެގުއާ (ކ) އާއި ކީޕަރު ޑެހެއާ.


މެގުއާ އަތުން ބައިކޮޅަށް ވަން ގޯލުން ޔުނައިޓެޑްގެ ލީޑު ގެއްލިއްޖެ

14 އޭޕްރީލް 2023 - 05:32 0

މެންޗެސްޓާ (އޭޕްރީލް 14) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ މެޗުގެ އިތުރު ވަގުތު މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލުން ސެވިއްޔާ އިން 2-2 އިން އެއްވަރުކޮށް، މެންޗެސްޓާ ޔުނައިޓެޑުން ފުރަތަމަ ލެގުގައި ނެގި ލީޑު ގެއްލިއްޖެ އެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑުން އެ ޓީމުގެ އެންމެ ފޯމުގައި ހުރި ފޯވާޑް، މާކަސް ރަޝްފޯޑް ނުލައި ކުޅުނު މި މެޗު ފަށައިގެން މިނިޓެއްގެ ތެރޭގައި ގޯލެއް ޖެހި އެވެ. އެކަމަކު، ޖޭޑަން ސަންޗޯ ޖެހި ގޯލު ބަލައިނުގަންނަން ނިންމީ އޮފްސައިޑް ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުންނެވެ.

ޔުނައިޓެޑުން ވަނީ މެޗުގެ ފުރަތަަމަ 21 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. އެ ގޮތުން މި ދެ ގޯލު ވެސް ޖެހީ މާސެލް ސަބިޓްޒާ އެވެ. ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން މެޗުގެ 14 ވަނަ މިނިޓްގައި ސަބިޓްޒާ ފުރަތަމަ ގޯލު ޖެހިއިރު، އޭގެ ހަތް މިނިޓް ފަހުން، ދެ ވަނަ ގޯލު ޖެހީ އެންތަނީ މާޝިއަލް ދިން ބޯޅައަކުންނެވެ. މި ދެ ގޯލުގައި ވެސް ސަބިޓްޒާ ވަނީ ޖާގަ ލިބުނުހާ އަވަހަކަށް ސެވިއްޔާގެ ކީޕަރު ޔާސީން ބޯނޯ އަށް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ސެވިއްޔާ އިން ގޯލެއް ޖެހިޔަނުދީ ހިފަހައްޓަން، ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވަރާން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެ ވަނަ ހާފުގައި އޭނާ އަނިޔާވެގެން ނުކުޅެ އެވެ. ދެ ވަނަ ހާފު ފެށިއިރު، ވަރާންގެ ބަދަލުގައި ކުޅެން އެރީ މެގުއާ އެވެ.

ޔުނައިޓެޑުން މެޗުގެ ފަހު ވަގުތުގައި ފަރުވާ ކުޑަކޮށްލުމުގެ ފައިދާ ސެވިއްޔާ އިން ރަނގަޅަށް ނެގި އެވެ.

އެ ގޮތުން ސެވިއްޔާގެ ފުރަތަމަ ލަނޑަކީ މެޗުގެ 84 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޓައިރެލް މަލާސިއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ސެވިއްޔާގެ ހެސޫސް ނަވާސް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް މަލާސިއާ ފައިގައި ޖެހިފައި ޔުނައިޓްގެ ކީޕަރު ޑޭވިޑް ޑެހެއާ ފައިގައި ވެސް ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ސެވިއްޔާ އިން ފުލުފުލުގައި އެޓޭކް ކުރަމުންދިޔައިރު، އެ ޓީމަށް އެއްވަރުކޮށްދިނުމުގައި ބަދަލަކަށް ކުޅެން އެރި މޮރޮކޯގެ ފޯވާޑް ޔޫސެފް އެންނެސީރީ މުހިންމު ރޯލެއް ކުޅުނެވެ. އެ ގޮތުން، އެންނެސީރީ ބޮޮލުން ޖެހި ފުރަތަމަ ބޯޅަ ޑެހެއާ މަތަކުރިއިރު، ފަހުން ލިބުނު ފުރުސަތުގައި އެންނެސީރީ ބޮލުން ޖެހި ބޯޅަ މެގުއާ ބޮލުގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަނީ ބައިކޮޅަށެވެ.

އަންނަ ހަފްތާގައި ސެވިއްޔާ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގައި އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ބަދަލުކުރި ވަރާން އާއި ލިސަންދްރޯ މާޓީނޭޒްގެ އިތުރުން އަނިޔާ އކަަށް ފަރުވާ ހޯދަމުން އަންނަ ރަޝްފޯޑަށް ނުކުޅެވޭއިރު، ކާޑު ހަަމަވުމުގެ ސަބަބުން ބްރޫނޯ ފެނާންޑޭސް ވެސް ވަނީ ސަސްޕެންޑްވެފަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބަޔާ ލެވަކޫސަން ވަނީ 1-1 އިން ބެލްޖިއަމްގެ ޔޫނިއަން ސެއިން ގިލޮއިސްއާ އެއްވަރުވެފަ އެވެ. ސްޕޯޓިން ލިޒްބަން އަތުން 1-0 އިން ޔުވެންޓަސް މޮޅުވިއިރު، ރޯމާގެ މައްޗަށް ފެޔަނޫޑް ވަނީ 1-0 އިން ކުރިހޯދައިފަ އެވެ.