Advertisement

ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ; ތިން ޕާޓީއަށް ވެސް ގޮނޑި "ޔަގީން"

14 އޭޕްރީލް 2023 - 20:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ; ތިން ޕާޓީއަށް ވެސް ގޮނޑި "ޔަގީން"

14 އޭޕްރީލް 2023 - 20:03 0

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މާދަމާ އޮންނާނެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި ރައްޔިތުން މަޖިލީހުގެ ބައި-އިލެކްޝަންތަކުގައި ސަރުކާރާއި އިދިކޮޅުގެ ވާދަވެރި ކެމްޕޭނުތަކާއި ބޮޑެތި އިވެންޓުތައް ކުރިއަށް ގެންދިޔަ ނަމަވެސް، މިފަހަރުގެ ކެމްޕޭނު ކުރިއަށް ގޮސްފައިވަނީ މަޑުގިނީގަ އެވެ.

ސަރުކާރު ކެންޑިޑޭޓުގެ ކެމްޕޭނުގައި ގިނަ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދާއިރާގެ ތިން ރަށަށް ދަތުރުކުރެއްވި ނަމަވެސް، މިދިޔަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ އަޅާކިޔާއިރު މިފަހަރުގެ ކެމްޕޭނުގައި ފޯރި ދަށެވެ. އަޑު މަޑެވެ. ވީ ވައުދުތަކާއި ކުރި ދަތުރުތައްވެސް މަދުވެފައި ބޭއްވި ޖަލްސާތަކާއި އިދިކޮޅުން ބޭއްވި 'ޕްރެސް ކޮންފަރެންސް' ވެސް ނިމިދިޔައީ މަޑުގިނީގަ އެވެ.

ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިހާބުގެ އިންތިޒާމުތައް

މި އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމްގެ އިތުރުން ދެން ވާދަކުރަނީ އެމްއެންޕީ އިންނެވެ. އެގޮތުން, އިދިކޮޅުގެ ޓިކެޓު ދީފައިވަނީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮށްކޮ ހުސައިން ރިޒާ އެވެ. މި އިންތިހާބަކީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހު 23 ގައި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން ބޭއްވޭ ބައި-އިލެކްޝަނެކެވެ.

ސަރުކާރު ހިންގާ އެމްޑީޕީއިން މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ވަނީ އެތެރޭގެ ޕްރައިމަރީއެއް ބާއްވާފަ އެވެ. މިދިޔަ މަހުގެ 11 ގައި ބޭއްވި އެ ޕްރައިމަރީގައި ވޯޓުލީ 590 މީހުންގެ ތެރެއިން 311 ވޯޓުން ކާމިޔާބުކޮށް ޓިކެޓު ހޯދާފައިވަނީ އެމްޑީޕީގެ ގުރައިދޫ ދާއިރާގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހިމް ޝާޒު އެވެ. ތިންވަނަ ކެންޑިޑޭޓެއްގެ ގޮތުގައި މާދަމާ ވާދަކުރާނީ އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފެވެ.

މާދަމާގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 3،423 މީހުންނަށެވެ. ދާއިރާގައި ހިމެނޭ ގުރައިދޫ، ގުޅި އަދި މާފުށީގެ އިތުރުން މާލޭގައި ވޯޓުލުމަށް ޖުމްލަ ހަ ފޮށްޓެއް ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެއީ، ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި އަދި ގުޅީގައި އެއް ފޮށީގެ އިތުރުން މާލެ އިއްޒުއްދީން ސްކޫލުގައި އެއް ފޮއްޓެވެ.މި އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް ޗާޕުކުރީ ނޮވެލްޓީ ޕްރިންޓާސްއިންނެވެ. އެއީ ޖުމްލަ 3423 ވޯޓު ކަރުދާހެވެ.

އިތުރު ތަފުސީލު ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރޯދަ މަސް ނަމަވެސް މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކަމަށެވެ.

"ވޯޓުލުން ނިމެނީ ހަވީރު 5:30 ނުވަތަ 5:45 ހާއިރަށް ކަމަށްވާނަމަ ރޯދަ ވީއްލަން ފުރުސަތު ދޭނެ. ނަމަވެސް 4:30 ހާއިރަށް ނިންމާލެވިއްޖެއްޔާ ބައި ގަޑިއިރަށްފަހު 5:00 ގައި ވޯޓު ގުނަން ފަށާނެ،" ފުއާދު ވިދާޅުވި އެވެ.

ހުރިހާ ޕާޓީއަކަށް ވެސް ޔަގީންކަން އެބައޮތް

މި އިންތިހާބުގައި ވާދަކުރާ ތިން ޕާޓީއިންވެސް ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރަމުންގެންދާއިރު، "އަދަދު" އިން ވަނީ ތިން ޕާޓީގެ އިސް ބޭފުޅުންގެ ކިބައިން މި އިންތިހާބާ މެދު އެބޭފުޅުން ދެކޭގޮތް އޮޅުންފިލުވާފަ އެވެ. އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީއިންވެސް ބުނަނީ އެބޭފުޅުން ޖައްސަވާ ހިސާބުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އެގޮތުން, އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު "އަދަދު" އަށް ވިދާޅުވީ، މި އިންތިހާބަށްވެސް އެމްޑީޕީއިން ކެމްޕޭން ކުރަމުންދަނީ އެ ޕާޓީއިން އަބަދުވެސް އެކަން ކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

" އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަން އެބައޮތް [އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ]، މި ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެބަ ގަބޫލުކުރޭ މި ވީހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްނުދޭ މިންވަރަށް [މި ސަރުކާރުން] ދާއިރާގެ ހުރިހާ ރަށެއްގައިވެސް ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް، އެކަން އެބޭފުޅުން ނަތީޖާއިން ދައްކާނެ," ނިޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ އެކި ކަންކަމާ މެދު ޝަކުވާތަކާއި ކަންބޮޑުވުންތައް ހުރި ނަމަވެސް، މި އިންތިހާބު 'ނެގޭނެ' ކަމަށް އިދިކޮޅުންވެސް ވަނީ ޔަގީންކަންދީފަ އެވެ. އެގޮތުން, ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "އަދަދު" އަށް ވިދާޅުވީ އިދިކޮޅުންވެސް މަސައްކަތް ކުރަމުންދަނީ އާންމު އުސޫލުގެ ދަށުން މިފަދަ އިންތިހާބުތަކުގައި ކެމްޕޭން ކުރާ ގޮތަށް ކަމަށާއި، މި އިންތިހާބުގައި ސަރުކާރާމެދު ރައްޔިތުން ނުރުހޭ މިންވަރު ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބު ނަގާނަން، އިރާދަކުރެއްވިއްޖިއްޔާ މި އިންތިހާބު ކާމިޔާބު ކުރާނަން، ރައްޔިތުންގެ ހިތުގައި މިއަދު ސަރުކާރާމެދު އޮތް ނުތަނަވަސްކަން މި ވޯޓުން ފެނިގެންދާނެ" ޝިޔާމް ވިދާޅުވި އެވެ.

އެމްއެންޕީއިންވެސް ބުނީ އެ ޕާޓީގެ ކެމްޕޭން ކުރިއަށް ދަނީ ތަރުތީބުކޮށް ރޭވިގެން ކަމަށެވެ. އަދި, މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް "އަދަދު" އަށް ވިދާޅުވި އެވެ.

"ކެމްޕޭން ވަރަށް ފޯރީގަ ކުރިއަށް ދަނީ، މިވަގުތުވެސް ކެމްޕޭނުގަ މިއުޅެނީ" ރޭގެ ވަގުތެއްގައި ރިޔާޒް ވިދާޅުވި އެވެ.

ޖޭޕީއިން ވާދަނުކުރީ ރިޔާސީ އިންތިހާބު މުހިންމުވުމުން

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ހުޅުވާލި ހިސާބުން ގިނަ ބަޔަކު ގަބޫލުކުރީ ސަރުކާރު ކޯލިޝަނުގައި މިހާރު އޮތް ނަމަވެސް، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހުރީ ޕާޓީއިން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

އެގޮތުން މި އިންތިހާބަކީ ރިޔާސީ އިންތިހާބުގެ ކުރިއަށް އެންމެ ފަހުން ބޭއްވޭ ވާދަވެރި އިންތިހާބަށް ވުމުގެ ފުރުސަތު ބޮޑުއިރު، ރައީސް ސޯލިހަށް 'މެސެޖެއް' ދިނުމުގެ ގޮތުންވެސް ޖޭޕީއިން ވާދަކުރާނެ ކަމަށް ބެލެވުނެވެ. ނަމަވެސް، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރުވެސް ޖޭޕީއިން ކެންޑިޑޭޓަކު ނުނެރުނެވެ.

އެ ޕާޓީގެ އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް، އަލީ އާރިފް "އަދަދު" އަށް ވިދާޅުވި ގޮތުގައި މި އިންތިހާބާ ބެހޭގޮތުން ޕާޓީގެ އެތެރޭގައި އެއްވެސް މަޝްވަރާއެއް ނުކުރެ އެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ރިޔާސީ އިންތިހާބު މުހިންމުވުމާއި ވާންޖެހޭ ތައްޔާރީތަކަށް ފޯކަސް ކުރުމުވެ.

"މިވަގުތައް ޕާޓީއަށް މުހިންމު ކަމަށް ނުވާތީ ޖުމްހުރީ ޕާޓީއިން ބައި-އިލެކްޝަނުގަ ވާދަނުކުރީ.. އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް، އެގޮތުން މިހާރު އެންމެ ބާރަށް ކުރެވެނީ ދާއިރާތަކުގެ ރައީސުން ހޮވުމަށް ތައްޔާރުވުމުގެ މަސައްކަތް," އާރިފް ވިދާޅުވި އެވެ.

ދައުލަތުގެ ވަސީލަތްތަކުގެ ނުފޫޒު ފޯރުވާކަމުގެ ޝަކުވާ

އިންތިހާބުތަކުގައި އޭރަކު އޮންނަ ސަރުކާރެއްގެ ކެންޑިޑޭޓުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ސަރުކާރުން އިންތިހާބުތަކަށް 'ކަޑަ' ޖެހުން ނުވަތަ އާ މަޝްރޫއުތަކާއި ވައުދުތައް ވުމަކީ ރާއްޖޭގައި ވާދަވެރި އިންތިހާބުތައް ބާއްވަން ފެށީއްސުރެ އަބަދުވެސް އިވޭ ޝަކުވާއެކެވެ.

މި އިންތިހާބުގައިވެސް ސަރުކާރާއި ދެކޮޅަށް ނުކުމެ ތިބި ދެ ކެންޑިޑޭޓުންގެ ޕާޓީއިންވެސް އެކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 'ކުއްލިއަކަށް' ރައީސް ސޯލިހު ގުޅިއަށް ވެވަޑައިގެން ބަނދަރުގެ ވައުދާއި މާފުށިން ދޫކުރަން ހުޅުވާލި ގޯތީގެ ވާހަކަ، އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީއިންވެސް ފާހަގަކުރި އެވެ.

"ސަރުކާރުގެ ކުންފުނިތަކުގެ ލޯންޗުތައް ބޭނުންކޮށް، ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކާ، މި އޮންނަ އުސޫލުތަކުން ބޭރުން ވޯޓު ހޯދުމަށް ވަޒީފާއާއި ވަޒީފާގެ ކުރިއެރުންވެސް ދެމުންދަނީ" ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.

އޭގެއިތުރުން، ގުރައިދޫ ދާއިރާގެ ތިން ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ ސްޓެލްކޯއިން ކަމުން އެ ކުންފުނީގެ ގިނަ ވަސީލަތްތަކެއް އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ބޭނުންކުރަމުންދާކަމަށް ޝިޔާމް ތުހުމަތުކުރެއްވި އެވެ. އެގޮތުން، ލެޑް ބޯޑުތަކުގައި ކެންޑިޑޭޓުގެ ފޮޓޯ ޖެހުމާއި ސްޓެލްކޯގެ ލޯންޗުތަކުގައި ކެމްޕޭނު ދަތުރުތައް ކުރުން އޭނާ ފާހަގަކުރެއްވި އެވެ.

"މި ތަނުގަ މިހިރީ އެންސްޕާ، އާސަންދަ އޮފީސް ޖަހާފަ، އެ ތަންތަނުގައި އައިސް ސަރުކާރުގެ އިސްވެރިން އައިސް ކެމްޕޭނުގެ ކަންކަން މި ކުރަނީ، ފައިސާވެސް އިންތިހާއަށް އެބަ ބަހާ، ރީ ރެޖިސްޓާ ކުރުމުގައިވެސް އޮޅުވާލަން މަސައްކަތް އެބަ ކުރޭ، މިއޮތް ހުރިހާ ދުވަހު ރަށަށް ވޯޓުލާ މީހުން މާލޭ ލިސްޓުގައި އެބަހުރި" ޝިޔާމް ވިދާޅުވި އެވެ.

އެމްއެންޕީގެ ނައިބު ރައީސް ރިޔާޒްވެސް ފާހަގަކުރެއްވީ ކެމްޕޭނުގެ ތެރެއިން ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ވަކި ބަޔަކަށް ވަޒީފާ ދިނުމާއި ބޮޑެތި ޕްރޮޖެކްޓުތައް ކުއްލިއަކަށް އައުން، މިސާލަކަށް ގުޅީގެ ބަނދަރުގެ ވައުދާއި މާފުށީގަ ކުއްލިއަކަށް ގޯތި ދޫކުރުން [ފާހަގަކުރެވޭ]" ރިޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ސުރުހީ އެޅިގެންދާނެ އިންތިހާބެއް؟

ރިޔާސީ އިންތިހާބަށް ފަސް މަހަށް ވެފައިވަނިކޮށް މިފަދަ އިންތިހާބެއް ބޭއްވިގެން ދިއުމަކީ، ހިސާބު ޖަހާ ފަރާތްތަކަށާއި ސިޔާސީ ދާއިރާ ދިރާސާ ކުރާ ފަރާތްތަކަށްވެސް ކޮންމެވެސް ވަރެއްގެ މަންޒަރެއް ދައްކުވައިދޭނެ އިންތިހާބެކެވެ.

ސަރުކާރުގެ ވައުދުތަކާއި މި ހަތަރު އަހަރު ކުރި މަސައްކަތް ރައްޔިތުން ބަލައިގަނެފައިވޭތޯ ނުވަތަ އިދިކޮޅުގެ ބަހާ ރައްޔިތުން އެއްބަސްވާކަމާ މެދު ކުރެވޭ ސުވާލުގެ ޖަވާބު ދިނުމަށް 'ސުރުހީއެއް' އެޅިގެންދާނެ އިންތިހާބަކަށް މާދަމާގެ އިންތިހާބު ވެގެންދާނެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީއިން ބުނީ ރައްޔިތުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާކަން މާދަމާގެ ވޯޓުން ފެނި ސާފުވާނެ ކަމަށެވެ. އިދިކޮޅުން ބުނަނީ މާދަމާއަކީ މި ސަރުކާރު ނިމުމުގެ ފެށުން ކަމަށެވެ. މާދަމާގެ ވޯޓުގައި ރައީސް ސޯލިހުގެ "އަނިޔާވެރިކަމާއި ތަރައްގީގެ މަޑުދުވެއްޔަށް" ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.