Advertisement

ކުއާޓާ ފައިނަލް އަދި ނުނިމޭ، ދެ ވަނަ ލެގު އެބައޮތް: އަންޗެލޮޓީ

13 އޭޕްރީލް 2023 - 12:32 0


ކުއާޓާ ފައިނަލް އަދި ނުނިމޭ، ދެ ވަނަ ލެގު އެބައޮތް: އަންޗެލޮޓީ

13 އޭޕްރީލް 2023 - 12:32 0

މެޑްރިޑް (އޭޕްރީލް 13) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީ އަތުން 2-0 އިން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، ކުއާޓާ ފައިނަލް ނުނިމޭ ކަމަށާއި ދެ ވަނަ ލެގު އޮތްކަން ހަނދާންކުރަންޖެހޭ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ކަރީމް ބެންޒެމާ އާއި މާކޮސް އަސެންސިއޯ ޖެހި ލަނޑާ އެކު ފަސެހަކަމާ އެކު ރެއާލް ފުރަތަމަ ލެގު ކާމިޔާބުކުރިއިރު، މި މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީގެ ބެން ޗިލްވެލް އަށް ރަތްކާޑު ދެއްކުމާ ގުޅިގެން އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.

އެންމެ ފަހުން އޮތް ޗެމްޕިއަންސް ލީގުގެ ދެ މުބާރާތުގެ ޗެމްޕިއަނުން ރޭ ކުރިމަތިލިއިރު، 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް އިން ވަނީ އެ ޓީމުގެ ފެންވަރު ދައްކާލައިފަ އެވެ. އަނެއްކޮޅު، އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 11 ވަނައިގައި އޮތް ޗެލްސީ އަށް މެޗުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ މި މެޗުން މޮޅުވިޔަސް ސެމީގެ ޖާގައެއް ކަށަވަރުނުވާ ކަމަށާއި ޗެލްސީގެ ދަނޑުގައި ކުޅެންޖެހޭ ދެ ވަނަ ލެގާމެދު ވިސްނަންޖެހޭނެ ކަމަށެވެ. އަދި ޗެލްސީ އަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި، ވަރުގަދަ ޓީމެއްކަން ހަަނދާން ބަހައްޓަންޖެހޭނެ ކަަމަށް ވެސް އަންޗެލޮޓީގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

"މި މެޗާމެދު ވަރަށް ހިތްހަމަޖެހޭ. މި މެޗު މި ދިޔައީ އަހަރަމެން ބޭނުންވި ގޮތަށް" އަންޗެލޮޓީ ބުންޏެވެ.

"ޗެލްސީ އަކީ ރަނގަޅު ކުޅުންތެރިންތަކެއް ތިބި، ވަރުގަދަ ޓީމެއްކަން ހަނދާންކުރަންޖެހޭ."

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މި މެޗުން ބަލިވުމާ އެކު، ދެ ވަނަ ލެގު ޗެލްސީ ކޮޅަށް އަނބުރާލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.