12 އޭޕްރީލް 2023 - 05:36 0
ބެންފީކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.
12 އޭޕްރީލް 2023 - 05:36 0
ލިޒްބަން (އޭޕްރީލް 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބެންފީކާ ދަނޑުގައި 2-0 އިން އެ ޓީމު އަތުން މޮޅުވެ، އިންޓަ މިލާން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ޕީއެސްޖީއާ އެއް ގްރޫޕަކުން އައި ބެންފީކާ މި ފަހަރުގެ މުބާރާތުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.
އިންޓަ އިން ރޭ ބެންފީކާ ދަނޑުގައި މޮޅު ހޯދިއިރު، އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް، 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސެމީ އަށް ދަތުރުކުރެވޭނެ އެވެ.
ބެންފީކާ ދަނޑުގައި ރޭ އެ ޓީމަށް ލީޑުނަގައިދޭން ރަފާ ސިލްވާ އަށް ލިބުނު ބޯޅައިން ފޮނުވާލި ހަމަލާ އިންޓަ ކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ. އިންޓަ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ލަޓާރޯ މާޓީނޭޒް އާއި އެޑިން ޖެކޯ އަށް ގުޅިގެން އެޓޭކެއް ކުރަން ލިބުނު ފުރުސަތުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
އިންޓަ އަށް މެޗުގައި ލީޑުނަގައިިދިނީ 51 ވަނަ މިނިޓްގައި އެ ޓީމުގެ .މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެވެ. މިއީ އަލެސަންދްރޯ ބަސްޓޯނީ ނެގި ހުރަހަކަށް އަރައި ބަރޭލާ ބޮލުން ޖެހި ގޯލެކެވެ.
އިންޓަ އިން ވަނީ ރޭގެ މެޗުގައި އިތުރު ގޯލެއް ވެސް ޖަހައިފަ އެވެ. ކުރިން އިންޓަ އަށް ކުޅުނު ޕޯޗުގީސް ވިންގް، ޔާއޯ މާރިއޯ އޭރިއާތެރެއިން އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ރޮމެލޫ ލުކާކޫ ވަނީ ކާމިޔާބުކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ބަދަލަަކަށް ކުޅެން އެރި ލުކާކޫ ވަނީ މެޗުގެ 82 ވަނަ މިނިޓްގައި ލިބުނު މި ޕެނަލްޓީ ގޯލަށް ވައްދާލައިފަ އެވެ. މެޗުގެ ފަހުކޮޅުގައި ބެންފީކާގެ ގޮންޒާލޯ ރާމޯސް ޖެހި ބޯޅައެއް ވެސް ކީޕަރު އޮނާނާ މަތަކުރި އެވެ.
ބެންފީކާ އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އިންޓަ އިން ވަނީ ޗެމްޕިއަންސް ލީގުގައި މި ފަހަރު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ ވަނަ މެޗުގައި ކޮޅަށް ގޯލެއް ނުވަދެ ނިންމާލައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ފަހުން ބެންފީކާ އިން ވާދަކުރީ 1990 ވަނަ އަހަރު އެވެ. ތޭވީސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅެން ބެންފީކާ އިން ބޭނުންނަމަ އަންނަ ހަފްތާގައި އިންޓަ ދަނޑުގައި ދެ ގޯލުގެ ލީޑެއް އަނބުރާލަން ޖެހޭނެ އެވެ.
Comment