11 އޭޕްރީލް 2023 - 10:26 0
މުހައްމަދު ހަފީޒު
11 އޭޕްރީލް 2023 - 10:26 0
ނިމިދިޔަ މާޗު މަހު މީރާއަށް 2.19 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.2 ޕަސަންޓު ދަށް އަދަދެކެވެ. ނަމަވެސް، މާޗު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 6.4 ޕަސަންޓު އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މާރިޗު 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މާރިޗު 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހުގެ އާމްދަނީ ދަށްވުމެވެ.
އާމްދަނީން ނަގާ ޓެކްސްގެ 2021 ވަނަ އަހަރުގެ ފައިނަލް ޕޭމަންޓް ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ދައްކާފައިވުމުގެ ސަބަބުން މި މާޗު މަހުގެ އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައި ވެއެވެ.
މާޗު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލި، ޖީޖީއެސްޓީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް، ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އަންދާޒާކުރި ވަރަށްވުރެ އިތުރުވުންކަމުގައި މީރާއިން މައުލޫމާތު ދެއެވެ.
ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ހަތަރު ޕަސަންޓު އިތުރުވެފައިވުމުގެ ސަބަބުން ޓޫރިސްޓުންނާ ގުޅޭ އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.
މާޗު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 1.31 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުން 305.61 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 143.33 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.42 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 99.20 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.17 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment