10 އޭޕްރީލް 2023 - 17:13 1
އަހުމަދު އާއިދު
ހުޅުމާލެ ފަޅުތެރޭގައި ސަފާރީތަކެއް އަޅާފައި: 2020 ގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހެކި ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލައިފި - ފޮޓޯ: އަދަދު ފައިލް
10 އޭޕްރީލް 2023 - 17:13 1
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ބަލަމުންދިޔަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ ބޭރުކޮށްލާފައިވާކަން ޕްރެސިކުއަޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ޝަފީއު ވިދާޅުވީ، މިދިޔަ މަހު 26 ގައި ހުޅުމާލޭ ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީ ސިޔާމާ މުހައްމަދު، މައްސަލަ ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދަން އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމެވުމަށްފަހު ކަމަށެވެ.
"ދެން އޮންނާނީ (ކުރިއަށް ދެވޭނެ) ދެ ގޮތެއް، އެއީ އިސްތިއުނާފުކުރުން ނުވަތަ އިތުރު ހެއްކާއެކު މައްސަލަ އަލުން ހުށަހެޅުން، އަދި ވަކި ގޮތެއް ނިންމާފައެއް ނުވޭ،" ޝަފީއު ވިދާޅުވި އެވެ.
2020 ގެ ޖޫން މަހު ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފަރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ދައުވާކުރީ ލ. ގަމު ތުނޑި، ނޫރަންގޭ އަބްދުﷲ ޝާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ. ޝާން އަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިމީހާ އެވެ.
އެ މައްސަލައިގައި އެންމެ ފުރަތަމަ ފެންމަތިިވީ ރޭޕްގެ ތުހުމަތެވެ. މައްސަލަ ރިޕޯޓްކުރި ދުވަހު ކްރައިމް ސީން އިން ފުލުހުން ވަނީ ޝާންގެ އިތުރުން އެހެން ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެހެންނަމަވެސް ފަހުން އެ ދެ މީހުން ވެސް ދޫކޮށްލުމާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުންނާއި ދައުލަތުގެ އިދާރާތަކަށް އަމާޒުވި އެވެ.
އެ މައްސަލައިގައި އޭގެ ފަހުން ހިނގައިދިޔަ ކަންކަމަކީ، "އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފައި ވެސް ބަޔެއްގެ ތެރޭގައި ހުރެފައި ވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ހޯމް މިނިސްޓަރު އިމްރާން ރޭޑިއޯ ޕްރޮގްރާމެއްގައި ވިދާޅުވުމާ ގުޅިގެން، މިނިސްޓަރު އެ މައްސަލަ ކުޑަކުރަން މަސައްކަތް ކުރާކަމަށް ބުނެ ވެސް އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ.
އެ މައްސަލައިގައި ކުށުގެ ޝިކާރައަކަށްވި އަންހެން މީހާ ވަނީ އޭގެ ފަހުން ރާއްޖޭން ފުރައިގެން ގޮސްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment