Advertisement

ރަމަޟާން ކްރިކެޓް ކާނިވަލް: ކަސްޓަމްސް އާއި ޕޮލިސް އޮފީސް މުބާރާތުގެ ފައިނަލަށް

10 އޭޕްރީލް 2023 - 12:34 0


ރަމަޟާން ކްރިކެޓް ކާނިވަލް: ކަސްޓަމްސް އާއި ޕޮލިސް އޮފީސް މުބާރާތުގެ ފައިނަލަށް

10 އޭޕްރީލް 2023 - 12:34 0

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އޮފީސް މުބާރާތުގެ ފައިނަލުން ޕޮލިސް ކުލަބާއި ކަސްޓަމްސް ޖާގަ ހޯދައިފި އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ ދެ ވަނަ މުބާރާތް ކަމަށްވާ ސަރުކާރު އޮފީސް ކުންފުނިތަކުގެ މުބާރާތުގައި މި އަހަރު ނުވަ ޓީމަކުން ވާދަކުރި އެވެ. ތިން ގްރޫޕެއްގައި ޓީމްތައް ވާދަކޮށް ސެމީގެ ޖާގަ ލިބުނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ހޯދި ތިން ޓީމާއި ދެ ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް އެކެއްގެ އެއް ވަނަ ހޯދީ ރައީސް އޮފީހާއި ދެ ވަނަ އަށް ދިޔަ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ކަސްޓަމްސް އެވެ. މި މެޗު ކަސްޓަމްސް އިން ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ކަސްޓަމްސް އިން ނިންމީ ފުރަތަމަ ފީލްޑްކުރާށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް ކުޅުއްވި ރައީސް އޮފީހުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ 129 ލަނޑު ހެދި އެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ނައިބް ރައީސް ހިމެނި ވަޑައިގަންނަވަ އެވެ. ނައިބު ރައީސް ފައިސަލް ވަނީ 12 ބޯޅައިން 34 ލަނޑު ހައްދަވާފަ އެވެ. އެޓީމްގެ ސަހީރުވެސް 10 ބޯޅައިން 35 ލަނޑު ހެދި އެވެ.


ޖަވާބުގައި ކަސްޓަމްސް އިން ކުޅެން އަރާ 6.4 އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ 133 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 31 ލަނޑު ހެދި މުހައްމަދު އާމިރު އެވެ. އެޓީމްގެ ހައިކަލް 17 ބޯޅައިން 31 ލަނޑު ހެދިއިރު، މަހުމޫދު ރިޔާޒު ވަނީ ނުވަ ބޯޅައިން 29 ލަނޑު ހަދާފަ އެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި ޕޮލިހުން ވަނީ މީރާ ބަލިކޮށްފަ އެވެ. އޮފީސް މުބާރާތުގެ ކާމިޔާބު ޓީމެއްކަމަށްވާ މީރާ އަތުން ޕޮލިސް މޮޅުވީ ތިން ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން މީރާ އިން ކުޅެން އަރާ އަށް އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 27 ލަނޑު ހެދި މުހައްމަދު ޖިނާހު އިބްރާހިމް އެވެ. މި އިނިންގްސްގައި ޕޮލިހުގެ އިސްމާއިލް ނަސީރު ދެ އޯވަރު 18 ލަނޑަށް ތިން ވިކެޓު ނެގި އެވެ.

ޖަވާބުގައި ޕޮލިހުން ކުޅެން އަރާ 6.5 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިގެވެގެން 67 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 20 ލަނޑު ހެދި މޫސާ ވަސީމް އެވެ.

ޕޮލިހާއި މީރާ ވާދަކުރާ ފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރު އެވެ.