9 އޭޕްރީލް 2023 - 11:52 0
ރޭގެ މެޗުގެ ތެރެއިން ރަޝްފޯޑަށް އަނިޔާވެގެން ދަނޑުމަތީގައި.
9 އޭޕްރީލް 2023 - 11:52 0
މެންޗެސްޓާ (އޭޕްރީލް 9) - މެންޗެސްޓާ ޔުނައިޓެޑްގެ މުހިންމު ފޯވަޑް މާކަސް ރަޝްފޯޑަށް އަނިޔާވެ, ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ބޮޑު ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވި މެޗުގެ ފަހުކޮޅު، ރަޝްފޯޑް ވަނީ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ފައިބައިފަ އެވެ. މީގެ ކުރިން ވެސް އެކި ސީޒަންތަކުގެ ފަހު ބައިގައި ރަޝްފޯޑަށް އުކުޅުވަޅުގެ އަނިޔާގެ މައްސަލަތައް ކުރިމަތިވެ، މެޗުތަކެއް ގެއްލިފައި އެބަހުއްޓެވެ.
ރޭފެ މެޗަށް ފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ވަނީ ރަޝްފޯޑްގެ އަނިޔާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅުމުގެ ނަތީޖާ ކަމަށް ޓެން ހާގް ވަނީ އެއްބަސްވެފަ އެވެ.
"ފެންނަ ފެނުމަށް ރަޝްފޯޑްގެ އަނިޔާ ގޯސް. ދެންޖެހޭނީ މަޑުކުރަން ވާ ގޮތެއް ބަލަން،" ޓެން ހާގް ބުންޏެވެ.
"ޒަމާނީ ސައިންސް އާއި ރިސާޗުން ވެސް އެ ބުނަނީ ކުޅުންތެރިއެއް ރިކަވާވާން ވަގުތު ބޭނުންވާކަން. ކައިރި ކައިރީގައި މެޗުތައް ކުޅެންޖެހުމުގެ ސަަބަބުން މި ފަދަ އަނިޔާތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު."
ޓެން ހާގް ބުނީ ދެ ވަނަ ލަނޑާ އެކު ރަޝްފޯޑް ބޭލުމުގެ ފުރުސަތު ލިބުނަސް، އޭނާ ބަދަލުކުރަން ބޭނުންވީ ގިނަ ދުވަސްތަކަކަށް ފަހު ކުޅެން ނުކުތް އެންތަނީ މާޝިއާލްއާ އެކު ކުޅުމުގެ ފުރުސަތު އޭނާ އަށް ދޭން ކަމަށެވެ.
"މައްސަލައެއް އުޅޭކަމުގެ އިޝާރާތެއް ވެސް ކުރިން ނުބުނޭ. އެހެން ބުނި ނަމަ އަހަރެން އޭނާ ދަނޑުމަތީގައި ނުބަހައްޓާނަން،" ޓެން ހާގް ބުންޏެވެ.
އަންނަ ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑުން ޔުއެފާ ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗަށް ރަޝްފޯޑް ފިޓްވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
Comment