Advertisement

ޗެލްސީ ހަމަމަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން ލަމްޕާޑަށް އެބައޮތް

7 އޭޕްރީލް 2023 - 15:05 0


ޗެލްސީ ހަމަމަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން ލަމްޕާޑަށް އެބައޮތް

7 އޭޕްރީލް 2023 - 15:05 0

ލަންޑަން (އޭޕްރީލް 7) - މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ކްލަބަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަނެ، އެ ޓީމު ހަމަަމަގަށް އަޅުވައި، ސީޒަން ރަނގަޅު ޓްރެކުގައި ނިންމާލެވޭ ވަރުގެ މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމުން މި ސީޒަނުގައި ތޯމަސް ޓުޗެލް ވަކިކޮށްފައި ގެނައި، ގްރަހަމް ޕޮޓާ ވެސް ވަކިކުރުމަށް ފަހު އެ ކްލަބުން ވަނީ ކުރިން ޓީމުގައ މަސައްކަތްކުރި ލަމްޕާޑާ މި ސީޒަނުގެ ނިޔަލަށް އެ ޓީމު ހަވާލުކޮށްފަ އެވެ.

ކުރިން ޗެލްސީ އަށް ކުޅުނު ލަމްޕާޑް ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީ ފަހުކޮޅާ ހަމައަށް ޗެލްސީ އަށް ކޯޗުކޮށްދީފަ އެވެ.

"ޗެލްސީ އިން ގޮވާލީމަ އިޖާބަދޭން ފަސޭހަވާނެ. މިއީ ފަސޭހަ ނިންމުމެއް. މި ކްލަބުން ބޭނުންވާ ވަރުގެ މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މީގެ ދެ މަސް ކުރިން އެވަޓަންގެ ކޯޗުކަމުން ވަކިކުރި ލަމްޕާޑް، ޗެލްސީ ކޯޗުކަމާ ހަވާލުވުމަށް ފަހު މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ބުންޏެވެ.

ލަމްޕާޑް ބުނީ މިހާރު އޮތް ޗެލްސީ ސްކޮޑު ވަރަށް ވަރުގަދަ ކަމަށާއި ބޭނުންވަނީ އަލުން ޓީމަށް އިތުބާރު ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭނެ ގޮތަކަށް ކުރު މުއްދަތެއްގައި ވިޔަސް ޓީމު ބައްޓަން ކުރުމަށް ކަމަށެވެ.

އަދި އޭނާ ކުރަން ބޭނުންވާ މަސައްކަތަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭނެ ބަޔަކީ ޗެލްސީ ސަޕޯޓަރުން ކަމަށާއި އެ އެހީތެރިކަން އޭނާ އަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ލަމްޕާޑް ވަނީ ބުނެފަ އެވެ.

ލަމްޕާޑަކީ ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، އެ ޓީމަށް އިރުޝާދުދޭނެ ތިން ވަނަ ކޯޗެވެ. މި ސީޒަނަށް ފަހު ވެސް ޗެލްސީ ބެންޗުން ފެނިދާނެތޯ ކުރި ސުވާލަށް ދިން ޖަވާބުގައި ލަމްޕާޑް ބުނީ އޭނާ އެ ހުރީ ބޯލީ އެދިއްޖެނަމަ ޗެލްސީ އަށް އެހީވާން އަބަދުވެސް ތައްޔާރަށް ކަމަށެެވެ.

އެކަމަކު، ފުޓްބޯޅައިގައި ކަންކަން ބަދަލުވާނެ ގޮތެއް ޔަގީންކަމާ އެކު ބުނަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަަށް ވެސް ލަމްޕާޑް ވަނީ ބުނެފަ އެވެ.

ޗެލްސީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ މާދަމާރޭ ރަށުންބޭރުގައި ވުލްވްސްއާ ދެކޮޅަށެވެ.