Advertisement

ކުރު ކޮންޓްރެކްޓެއްގައި ލަމްޕާޑް އަލުން ޗެލްސީއާ ހަވާލުވަނީ

6 އޭޕްރީލް 2023 - 05:50 0


ކުރު ކޮންޓްރެކްޓެއްގައި ލަމްޕާޑް އަލުން ޗެލްސީއާ ހަވާލުވަނީ

6 އޭޕްރީލް 2023 - 05:50 0

ލަންޑަން (އޭޕްރީލް 6) - މީގެ ދެ މަހެއްހާ ދުވަސްކުރިން، އެވަޓަންގެ ކޯޗުކަމުން ވަކިކުރި ފްރޭންކް ލަމްޕާޑް، ކުރު މުއްދަތުގެ ކޮންޓްރެކްޓެއްގައި އަލުން ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމުން މިދިޔަ ސެޕްޓެމްބަރު މަހު ތޯމަސް ޓުޗެލް ވަކިކޮށް، ހަމަޖެއްސި ގްރަހަމް ޕޮޓާ ވަނީ މިދިޔަ ހަފްތާގައި މަގާމުން ވަކިކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ޗެލްސީ އަށް ކޯޗުކޮށްދިނީ ޕޮޓާއާ އެކު މަސައްކަތް ކުރި އެސިސްޓަންޓް ކޯޗު، ބްރޫނޯ ސަލްޓޯ އެވެ. އެ މެޗު ބަލަން ޗެލްސީގެ ވީއައިޕީ ސީޓެއްގައި ލަމްޕާޑް ވެސް އިނެވެ.

ރިޕޯޓްތައް ބުނާގޮތުން ލަމްޕާޑް ވަނީ މި ސީޒަނުގެ ނިޔަލަށް ޗެލްސީ އަށް ކޯޗުކޮށްދޭން ނިންމައިފަ އެވެ. ލަމްޕާޑްގެ ވިސްނުން ޗެލްސީއާ އެކު ދާއިމީ ކޮންޓްރެކްޓަކަށް ހުރި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ބޯޑު މެމްބަރުންގެ މެޖޯރިޓީ އޮތީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ސްޕެއިންގެ ލުއިސް އެންރީކޭ ނޫނީ ޖަރުމަނުގެ ހޫލިއަން ނާގަލްސްމަންއާ ޓީމު ހަވާލުކުރާށެވެ.

ދާދި ފަހުން ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކިކުރި ހޫލިއަން ނާގަލްްސްމަން އާއި މިދިޔަ ޑިސެމްބަރު މަހު ސްޕެއިން ގައުމީ ޓީމުން ވަކިކުރި އެންރީކޭ ވިސްނައިގެން ހުރީ މި ސީޒަނަށް ފަހު ޓީމަކާ ހަވާލުވާށެވެ.

ޗެލްސީ އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ ލަމްޕާޑް، ކޯޗިން ކެރިއަރުގައި 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީ އަށް ޗެލްސީ ކޯޗަކަށް ހުއްޓެވެ. އެ ފަހަރު، ލަމްޕާޑް ވަކިކޮށް ގެނައި ކޯޗަކީ ޓުޗެލް އެވެ. ލަމްޕާޑް، ޗެލްސީ އަށް ކޯޗުކޮށްދިން 84 މެޗުގެ ތެރެއިން 44 މެޗުން މޮޅުވެފައިވެ އެވެ.

އެންމެ އަވަހަށް ޗެލްސީ ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ވުލްވްސްއާ އެެވެ. އެ އަށް ފަހު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ އެވެ.